ސްރީލަންކާގެ ހޮސްޕިޓަލެއްކަމަށްވާ ކޮލޮމްބޯ ނޯތް ޓީޗިންގް ހޮސްޕިޓަލުގައި 23 އަހަރުގެ އަންހެނަކަށް ދިން އެންޓިބަޔޯޓިކް ބޭހެއްގެ ސަބަބުން އޭނާ މަރުވެފައިވާތީ، މިބޭސް ބޭނުންކުރުން އަދި ވިއްކުން ސްރީލަންކާގެ ހެލްތްމިނިސްޓްރީއިން މަނާކޮށްފިއެވެ.

މިދިޔަ އަންގާރަދުވަހު އެހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު މިޒުވާނާޔަށް މިއެންޓިބަޔޯޓިކް ދެވިފައިވަނީ އޭނާގެ އަނގައިގެ ތެރެއިންނެވެ. މިގޮތަށް މިބޭސްދިނުމުން، ބޭހުން އެއްވެސް އަސަރެއްނުކުރާތީ، ހަމަ މިބޭސް ވެކްސިނެއްގެ ގޮތުގައި އޭނާއަށް ދެވުނުކަމަށް ޚަބަރުތައް ބުނެއެވެ.

ވެކްސިނެއްގެ ގޮތުގައި މިބޭސް ދިނުމުން، މިޒުވާނާގެ ހާލު ގޯސްވެ އައި.ސީ.ޔޫއަށް ބަދަލުކުރެވުނެވެ.

މިހޮސްޕިޓަލުގެ ޑައިރެކްޓަރ ޑޮކްޓަރ އެސް. ލިޔަނަގެ ރަނަވީރާ ވިދާޅުވިގޮތުގައި އައި.ސީ.ޔޫގައި މިޒުވާނާޔަށް ފަރުވާދޭން ފެށުނީ، ދެވުނު ބޭހަށް އޭނާ މާ ބޮޑަށް އެލާޖިކްވުމުގެ (ހަށިގަނޑުގެ ތެރެއަށް ފޮނުވާލެވޭ އެއްޗެއް ހަށިގަނޑާއި ނުގުޅޭ ނުގުޅުން) ސަބަބުންނެވެ.

މިޒުވާނާ މަރުވީ އައި.ސީ.ޔޫގައި ފަރުވާދޭތާ އަށް ގަޑިއިރުވި ފަހުންކަމަށް ޑޮކްޓަރ ރަނަވީރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ އެލާޖީއެއްގެ ސަބަބުން މީހަކު މަރުވުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ.

ސްރީލަންކާގެ މިނޫން ހޮސްޕިޓާތަކުގައިވެސް، މިފަހަކުން، މިފަދަ ކަންތައްތަކެއް ހިނގާފައިވާކަމަށް، ސްރީލަންކާގެ ނޫސްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން