ވެގްނާގެ ބަޣާވާތުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ވެގްނަރ ގްރޫޕްގެ ކުލީސިފައިން ރަޝިޔާގައި ހިންގަން އުޅުނު ބަޣާވަތް ހުއްޓާލައި ވެރިރަށް މޮސްކޯއަށް އަރަން ދިޔަ ދިޔުން ހުއްޓާލުމާއި ގުޅިގެން ގައުމާ މުހާތަބު ކުރަށްވައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވީ، ވެގްނާގެ ހަނގުރާމަވެރިންނަށް ރަޝިއާގެ އަސްކަރިއްޔާއާއި ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން ނޫނީ ދެން ޖެހޭނީ އެގައުމު ދޫކޮށް އާއިލީ މީހުންނާއި ރަހުމަތްތެރިން ކައިރިއަށް ދާން ކަމަށާއި އަދި ބޭނުންވާ ފަރާތްތަކަށް ބެލަރޫސްއަށް ވެސް ދެވޭނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ. ޕޫޓިން ވަނީ ބަޣާވާތް އިންތިޒާމް ކުރި ފަރާތްތައް "އިންސާފުގެ ކުރިމައްޗަށް" ގެނައުމަށް ވައުދުވެވަޑައިގެންފަ އެވެ.

ވެގްނާ ގްރޫޕުން ރަޝިއާ ސަރުކާރާ ދެކޮޅަށް ތެދުވީ އެ މީހުންގެ ބަޔަކު ތިބި ތަނަކަށް މިސައިލް ހަމަލާތަކެއްދީ ގިނަ އަދަދެއްގެ ސިފައިން މަރާލާފައިވާ ކަމަށް ބުނެއެވެ. އެގޮތުން އެގުރޫޕްގެ ވެރިޔާ ޕްރިގޯޒިން ވަނީ ރަޝިއާ ސިފައިން ބަލިކޮށް ދިފާއީ ބާރުތަކުގެ ކޮންޓްރޯލް އޭނާގެ ދަށަށް ގެންނާނެ ކަމަށް ބުނެ އިންޒާރުދިނުމަށް ފަހު ރަޝިއާ ބޯޑަރު ހުރަސްކޮށް މޮސްކޯއާ ދިމާލަށް ދިޔުމަށް މިސްރާބު ޖަހާފައެވެ. އެހެން ނަމަވެސް "ލޭއޮހޮރުވުމަކަށް" ދާން ބޭނުންނުވާ ކަމަށް ބުނެ ވެގްނާ އިން ފަހުން އެކަން ވަނީ ހުއްޓާލާފައެވެ.

ރަޝިއާ ސަރުކާރުން މި އަމަލުތައް ސިފަކުރީ ބަޢާޥާތެއްގެ ގޮތުގައެވެ. އެގޮތުން ވެގްނާގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވަމުން ރަޝިއާގެ ރައީސް ވްލަޑަމީރް ޕޫޓިން ވަނީ ވެގްނާ ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ވެގްނާ ހަނގުރާމަވެރި ކުލީ ސިފައިންގެ ފައުޖަކީ 2014 ވަނަ އަހަރުގައި ޔުކުރޭންގެ މައި ސަރުކާރާއި ވަކިވެގަންނަށް އެ ގައުމުގެ ޑޮންބަސް ސަރަހައްދު ގައި ކުރެވުނު ހަނގުރާމައިގައި، ރަޝިޔާއިން ތާއީދުކުރި ޖަމާއަތްތަކަށް އެހީތެރިވުމަށް ރަޝިޔާ އިން އުފައްދާފައިވާ ހަނގުރާމަވެރިންގެ ޖަމާއަތެކެވެ. މި ޖަމާއަތް އުފެއްދުމުގެ ބޭނުމަކީ ރަޝިޔާގެ ސިޔާސަތުތަކާއި ފުށުއަރާ ބައިނަލްއަޤްވާމީ މައްސަލަ ތަކުގެ ތެރެއަށް ރަޝިޔާގެ ނުފޫޒު ސިއްރުން ފޯރުވުން ކަމަށް ރިޕޯޓްތައް ބުނެެއެެެވެ.

ވެގްނާގެ ހަނގުރާމަވެރިންނަށް ހަތިޔާރާއި އަސްކަރީ ތަމްރީނު ދެނީ ރަޝިޔާގެ އަސްކަރިއްޔާ އިންނެވެ.



ކިޔުންތެރިންގެ ހިޔާލު