މިއަހަރުގެ ސެޕްޓެމްބަރ 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގެ ދައުވަތު 15 ޤައުމަކަށް އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް 15 ޤައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ރަސްމީކޮށް ދައުވަތު ފޮނުވާފައިވާކަމަށެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ފޮނުވި ޤައުމުގެތަކުގެ ތެރޭގައި ޖޯޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލޭންޑް، ސައުތު ކޮރެއާ، ސައުތު އެފްރިކާ، ކިރިގިސްތާން، އަދި ހަންޑޫރަސް ހިމެނެއެވެ. އަދި ސްރީލަންކާ، ބޮސްނިއާ، އޮސްޓްރޭލިއާ، ޖޯޑަން، ކެނެޑާ، ޖަޕާން އަދި ނޭޕާލްގެ އިލެކްޝަން އިދާރާއަށްވެސް ވަނީ ދައުވަތު ފޮނުވާފައެވެ.



އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބު އިއްޔެ ވިދާޅުވީ ވޯޓުލުމަށް 150 މީހުން ރަޖިސްޓަރީ ކޮށްފިނަމަ، އަންނަ ރިޔާސީ އިންތިހާބުގައި ބޭރުގެ 8 ގައުމެއްގެ 9 ސިޓީއެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން 150 މީހުން ރަޖިސްްޓްރީކޮށްފިނަމަ ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމް، ނިއުދިއްލީ، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަލަމްޕޫރު، ސިންގަޕޫރު، އިނގިރޭސިވިލާތުގެ ލަންޑަން، ތައިލެންޑުގެ ބެންގކޮކް، އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ އަދި ޖަޕާނުގެ ޓޯކިޔޯގައެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ލިސްޓުގައިވާ ގޮތުން 282755 މީހަކަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން