މިއަހަރު އުމްރާ ކުރުމުގެ ހުއްދަ ދޫކުރާ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ ހަތަރެއް ކަމަށްވާ 15 ޛުލްޤައިދާ ކަމަށް ސައޫދީ އަރަބިއްޔާ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފިއެވެ.

ސައޫދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ މިއަހަރު އުމްރާ ކުރުމުގެ ހުއްދަ ދޫކުރާ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ ހަތަރެއް ކަމަށްވާ 15 ޛުލްޤައިދާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާއަށް އަންނަން ފަށާ ހައްޖުވެރިން ބަލައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ސައޫދީގެ ހައްޖު މިނިސްޓްރީން މައުލޫމާތުދެއެވެ.

އުމްރާ ވިސާގެ ދަށުން ހައްޖުވެރިންނަށް ހައްޖުގެ އަޅުކަން ނުކުރެވޭ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން އުމްރާ ވިސާގައި ތިބި ހުރިހާ މީހުން ޖޫން މަހުގެ 18 ނުވަތަ ޛުލްޤައިދާ 20 ވަނަ ދުވަހުގެ ކުރިން ފުރަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސައުދީގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ޕަބްލިކް ސެކިއުރިޓީން މީގެ ކުރިން ވަނީ ހައްޖު މޫސުމަށް ހާއްސަ އެންޓްރީ ފާހެއް ނުގެންގުޅޭ މީހުންނަށް މައްކާއަށް ނުވަދެވޭނެކަން އިއުލާންކޮށްފައެވެ. ހުއްދަ ނެތި ދަތުރުކުރާ މީހުން މައްކާއަށް ވަންނަ މަގުތަކުގައި ހުންނަ އެންޓްރީ ޕޮއިންޓްތަކުން އަނބުރާ ފޮނުވާލާނެ ކަމަށް ސައޫދީ ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން