ޔޫރަޕިއަން ޔޫނިއަންގެ ޑޭޓާ ޕްރޮޓެކްޝަން ގަވާއިދާ ޚިލާފަށް އީޔޫ ރައްޔިތުންގެ ފޭސްބުކް ޑޭޓާތައް އެމެރިކާއަށް ޓްރަންސްފަރ ކުރިކަމަށްބުނެ 1.3 ބިލިއަން ޑޮލަރުން ފޭސްބުކް ހިންގާ މެޓާ ކުންފުނި ޖޫރިމަނާކޮށްފި އެވެ.

އީޔޫއިން މިއަދު މެޓާ ކުންފުނި ރެކޯޑް އަދަދަކުން ޖޫރިމަނާ ކުރިސަބަބު ހާމަކޮށް ޔޫރަޕިއަން ޑޭޓާ ޕްރޮޓެކްޝަން ބޯޑު (އީޑީޕީބީ)ގެ ޗެއާ އެންޑްރިއާ ޖެލިނެކް ވިދާޅުވީ މެޓާއާއި މެދު އެފަދަ ފިޔަވަޅެއް އެޅީ އެއަމަލަކީ ވަރަށްރޭވިގެން ހިންގަމުންދާ ހައްސާސް ކަމަކަށްވާތީ ކަމަށެވެ.

"ފޭސްބުކްގެ ޔޫރަޕްގައި އެތައް މިލިއަން ޔޫޒަރުންނެއް ތިބިއިރު، ޓްރާންސްފާ ކުރާ ޕާސަނަލް ޑޭޓާގެ ވޮލިއުމްވެސް ވަރަށް ބޮޑު،" ޖެލިނެކް ނެރުނު ބަޔާނެއްގައި ބުންޏެވެ.

މެޓާއިން ޓްރާންސްފާ ކޮށްފައިވާ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ޔޫރަޕްގެ ޕްރައިވެސީ ގާނޫނާ އެއްގޮތަށް އަނބުރާ ގެނައުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ. އެގޮތުން އީޔޫގެ އެފްބީ ބޭނުންކުރާ މީހުންގެ ޑޭޓާ އެމެރިކާއަށް ޓްރާންސްފާކުރުން ހުއްޓާލައި ފަސް މަސް ދުވަސް ތެރޭގައި އެ މައުލޫމާތުތައް އަނބުރާ އީޔޫއަށް ބަދަލު ކުރުމަށް މުހުލަތު ދީފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މެޓާއިން ބުނީ އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށާއި މިއީ އެމެރިކާއާއި ޔޫރަޕްގެ ޕްރައިވެސީ ގަވާއިދުތަކާމެދު ދެފަރާތުގެ މެދުގައި އޮތް ކޯޅުންތަކެއް ކަމަށެވެ.



މެޓާއިންވަނީ ބޯޑަރު ހުރަސްކޮށް ޑޭޓާ ޓްރާންސްފާ ކުރުމުގެ ގާބިލްކަން ހަނިމުރުމަކީ ދުނިޔޭގެ އިވުތިޞާދަށްވެސް ހުރަސްއެޅޭނެ ކަމެއްކަމަށް ބުނެ ކަންބޮޑުވުން ފާޅުމޮށްފައެވެ.

މިދިޔަ މަހު މެޓާއިން ބުނެފައި ވަނީ އީޔޫ-އެމެރިކާގެ ޑޭޓާ ޓްރާންސްފާތަކާ ގުޅޭ އާ އެއްބަސްވުމެއް ވަރަށް އަވަހަށް އެކުލަވާލައި އަމަލުކުރަން ފަށާނެ ކަމަށް ލަފާކުރެވޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން