ސިންގަޕޫރުގައި ކުއްޔަށް އުޅޭ ފަރާތްތަކުން ދައްކަމުންދާ ކުލި ބޮޑު އަދަދަކުން މައްޗަށް ދިއުމާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް ރިޕޯޓުކޮށްފިއެވެ.

އޭޝިއާ ބައްރުގެ ގައުމުތަކަށް ބަލާއިރު ސިންގަޕޫރަކީ ދިރިއުޅުން އަގުބޮޑު ގައުމެކެވެ. ތަކެތީގެ އަގުތައް މައްޗަށް ދިއުމުގެ އިތުރުން، ކޮންމެ އަހަރަކު އެއްފަހަރު ދިރިއުޅެމުންދާ އެޕަރޓްމަންޓުތަކުގެ ކުލި ބޮޑު ވެގެންދިއުމަކީ ސިންގަޕޫރުގައި ދިރިއުޅޭ ގިނަބަޔަކު ކަންބޮޑުވާކަމެކެވެ.

ކުލި އަގުބޮޑުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރި ދެމަފިރިއަކު ބީބީސީއާއި ވާހަކަ ދައްކަމުން ބުނީ އަގުބޮޑުވި ކުލީގެ އަދަދު އިނގުމުން ސިއްސައިގެން ދިޔަކަމަށް، އަދި ހީނުކުރާ ވަރަށް މިއަހަރު ކުލި ބޮޑުވެފައިވާކަމަށެވެ. އެދެމަފިރިން ހާމަކުރިގޮތުން، އެދެމަފިރިން ދިރިއުޅެމުންދިޔަ އެޕަރޓްމެންޓުގެ ކުލި ވަނީ 60 އިންސައްތަ އަށް ކުއްލިއަކަށް ބޮޑުކޮށްފައެވެ.

"އަހަރެމެން ވަގުތުން ދިޔައީ އެހެން އެޕާޓްމަންޓެއް ހޯދަން. ދެންވެސް ލިބުނީ އިތުރު ޝޮކެއް. ހުރިހާ އެޕަރޓްމެންޓެއްގަ ކަހަލައިން ކުލިތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ،" ބީބީސީއާއި ވާހަކަ ދައްކަމުން އެދެމަފިރިން ބުންޏެވެ.

"މިހާރު އެންމެ ބިރުގަންނަނީ ބޯހިޔާ ވަހިކަމެއް ނެތި މަގުމަތިވެދާނެތީ،" އެމީހުން ފާހަގަކުރިއެވެ. "ހީވަނީ ދެން ފަހުދުވަހާއި ޖެހެނީހެންމި."



ކުލި އަގުބޮޑުވުމާއި ބެހޭގޮތުން އެގައުމުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑާއި އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ (ޔޫއާރުއޭ) އިން ބުނީ، ކުލި އަގުބޮޑުވަނީ ކޮވިޑް-19ގެ ސަބަބުން އިމާރާތް ކުރުމުގެ މަޝްރޫއުތައް ލަސްވެފައިވާއިރު، އެޕަރޓްމެންޓް ކުއްޔަށް ހިފުމަށް އޮތް ޑިމާންޑު އިތުރުވަމުންދާތީއެވެ.

ޔޫއާރުއޭ އިން ހާމަކޮށްފައިވާގޮތުން ކޮވިޑަށްފަހު ސިންގަޕޫރުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީން އަލުން އަނބުރާ މަސައްކަތަށް ނުކުތުމަށް ސިންގަޕޫރަށް އައުމުންވެސް އެޕަރޓްމެންޓް ކުއްޔަށް ހިފުމަށް އޮތް ޑިމާންޑު އިތުރުވެގެންދާކަމަށެވެ. އަދި ކުރީގެ ސަގާފަތާއި ހިލާފަށް މިހާރުގެ ޒުވާނުންވެސް ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ތެދުވެވުމާއިއެކު އާއިލާ އާއި ވަކިން ކުއްޔަށް އުޅުމަށެވެ. މިއީވެސް އެޕަރޓްމެންޓް ކުއްޔަށް ހިފުމަށް އޮތް ޑިމާންޑު އިތުރުވެގެންދާކަމެއްކަމަށް ޔޫއާރުއޭ އިން ހާމަކޮށްފައިވެއެވެ.

ޔޫއާރުއޭ އިން ބުނީ ސިންގަޕޫރުގެ ކުލި ދަށްވުމަށް އަދި ދެތިން އަހަރު ނަގާނެކަމަށެވެ. އަދި ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށްދާނަމަ މިއަހަރުގެ ތެރޭގައި 40،000 ޕަބްލިކް އަދި ޕްރައިވެޓް ގެތައް ބިނާކުރުމުގެ މަސައްކަތް ނިމިގެންދާނެކަމަށާއި، 2025 ވަނަ އަހަރު 60،000 ގެތައް ބިނާކުރުން ނިންމާލެވޭމެކަމަށް ޔޫއާރުއޭ އިން ވަނީ ހާމަކޮށްފައެވެ. މިއިމާރާތްތައް ނިމުމުން ސިންގަޕޫރުގެ ކުލި ދައްކުރެވޭނެކަމަށް ގިނަބަޔަކު އުއްމީދުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން