ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުންނަށް ޕާކިސްތާނުގެ އެކި ހިސާބުގައި މުޒާހަރާ ކުރަން ޚާން ގޮވާލައްވައިފިއެވެ.

ޚާން މިފަދައިން ގޮވާލައްވައިފައި ވަނީ، މިދިޔަ ހަފްތާގައި އެމަނިކުފާނު ހައްޔަރުކުރުމުން ހިނގާދިޔަ މުޒާހަރާތަކާއި ހަމަނުޖެހުންތަކަށް ބާރު ދެއްވަމުންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެރިކަމުން ދުރުކުރެއްވުމަށްފަހު، ޚާންގެ މައްޗަށް ވަނީ ގާނޫނީ ގޮތުން އެތައް މައްސަލައެއްގައި އެތައް ތުހުމަތެއްކޮށްފައެވެ. އެގޮތުން އެންމެ ފަހުން ހުސްވި ހަފްތާގައި ހައްޔަރު ކުރުމަށްފަހު، ޚާން ބަންދުގައި ބެހެއްޓުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ހުކުރު ދުވަހު ވަނީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކޮށްފަ އެވެ.

ހުސްވި ހަފްތާގައި ޚާން ހައްޔަރުކުރުމުން ޚާންގެ ސަޕޯޓަރުން ވަނީ ރުޅިއައިސްގެން ސަރުކާރުގެ އިމާރާތްތަކުގައި އަލިފާން ރޯކޮށް، މަގުތައް ބަންދުކޮށް، އަސްކަރިއްޔާއަށް ނިސްބަތްވާ މުދަލަށް ގެއްލުންދީ، މުޒާހަރާކޮށްފައެވެ. މިކަމަށް އިތުރަށް ހިތްވަރުލައިދީ، އިތުރަށް މުޒާހަރާ ކުރުމަށް ޚާން ވަނީ ރޭގެ ވަގުތެއްގައި ޚާންގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

"މިނިވަންކަމަކީ ފަސޭހައިން ލިބޭނެ އެއްޗެއް ނޫން. ޖެހޭނީ ފޭރިގަންނަން. އެކަމަށްޓަކައި ގުރުބާންވާން ޖެހޭނެ،" ޚާންގެ ސަޕޯޓަރުންނަށް ރޭ ޔޫޓިއުބް މެދުވެރިކޮށް ބްރޯޑްކާސްޓް ކުރި ހާއްސަ މެސެޖެއްގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ހާއްސަ މެސެޖުގައި ކެމްޕޭނުގެ މަސައްކަތަށް އެނބުރި ވަޑައިގަންނަވާކަން އިއުލާން ކުރެއްވުމުގެ އިތުރުން، އެކި އަވަށްތަކާއި މަގުތަކުގައި މުޒާހަރާ ކުރުމަށް ސަޕޯޓަރުންނަށް ގޮވާލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން