ދުއްވާއެއްޗެހީގެ ސަބަބުން ސިކުނޑީގެ ދުޅަހެޔޮކަމަށް އަސަރުކުރޭ
ދުއްވާއެއްޗެހީގެ ސަބަބުން ސިކުނޑީގެ ދުޅަހެޔޮކަމަށް އަސަރުކުރޭ
ދުއްވާއެއްޗެހީގެ ދުމުގެ ސަބަބުން ސިކުނޑީގެ ބާރު ދެރަވެ ހަނދާން ބަލިވުމަށް މެދުވެރިވާކަމަށް އެމެރިކާގެ ކެލަފޯނިއާގައި ހެދުނު ދިރާސާއަކުން ދައްކައިފިއެވެ.

މިއީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލަފޯނިއާ އާވިންއިން ކޮށްފައިވާ ދިރާސާއެކެވެ. ޓޮކްސިކޮލޮޖިކަލް ސައިންސަން މަޖައްލާގައި ޝާއިއުކުރެވިފައިވާ މިދިރާސާއިންދައްކާގޮތުގައި ދުއްވާ އެއްޗެހީގެ ދުމުން ޖައްވުގެ ވައިނުސާފުވެ ދުން ތަޣައްޔަރުވެ، އެދުމުގެތެރޭއި އަބަދު އުޅެންޖެހުމުގެ ސަބަބުން ސިކުނޑީގެ ބާރުދެރަވެ ހަނދާންނެތޭ ބަލި ނުވަތަ އަލްޒައިމިއާ ބަލި ޖެހުމަށް ސިކުނޑީގައި ނިއުރަލް ޕާތުވޭތައް އުފެދިގެންދާކަމަށެވެ.

ޔޫ.ސީ.އައި ގައި ޕަބްލިކް ހެލްތު ޕްރޮގްރާމްގައި ކިޔަވައިދެއްވާ އެންވައިރަމެންޓަލް އެންޑް އޮކިއުޕޭޝަނަލް ހެލްތުގެ އެސޯސިއޭޓް ޕްރޮފެސަރ ޑޮކްޓަރ މަސަޝީ ކިޓަޒަވާ މިކަމާގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފްރޮފެސަރ ޑރ. މަސާޝީ ވިދާޅުވީ ދުއްވާއެއްޗެހީގެ ދުމުން ލިބޭ ގެއްލުމާއި އަލްޒައިމިއާ ނުވަތަ ހަނދާންނެތޭ ބަލި ގުޅިފައިވުމަކީ ކަންބޮޑުވާކަމެއް ކަމަށާއި މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އޮތް ބޮޑު މައްސަލައެއް ކަމަށެވެ.

ޑރ. މަސާޝީ ވިދާޅުވިގޮތުގައި އަލްޒައިމިއާ ކިޔާ މިބައްޔާއި ވެހިކަލް ދުމާއި ސީދާގޮތުން ގުޅުން ހުރިކަމުގައި ދިރާސާއިން ދެއްކި ކަމުގައިވިނަމަވެސް މިކަމުގެ ސަބަބުން ސިކުނޑިއަށް ލިބޭ އިތުރު ގެއްލުންތައްވެސް ހުންނާނެ ކަމަށާއި އެހެންކަމުން އިތުރުގެެއްލުންތައް ދެނެގަތުމަށް އިތުރަށް ދިރާސާކުރުމަށް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

އަލްޒައިމިއާއަކީ އެމެރިކާގައާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި އާއްމުވަމުން އަންނަ ބައްޔެކެވެ. މިބައްޔާއި ބެހޭގޮތުން އެކިކަހަލަ ދިރާސާތައް ހެދިފައި ހުރިނަމަވެސް މިބަލި ޖެހެން މެދުވެރިވާ މައިގަނޑު ސަބަބު އަދި ހޯދިފައެއް ނުވެއެވެ. މިއީ އާއްމުގޮތެއްގައި އާއިލީ ބައްޔެއްކަމުގައި ބެލެވިފައިވާ ބައްޔެއް ކަމަށްވީނަމަވެސް މިއީ ވެހިކަލްގެ ދުންފަދަ ޖައްވުގައި ދައުރުވަމުން އަންނަ ވިހަމާއްދާތަކުގެ ސަބަބުންވެސް ޖެހުމަށް މެދުވެރިވާ ބައްޔެއްކަން މިހާރުމިވަނީ ދެނެގަނެވިފައެވެ.

މިދިރާސާގައި ކިޓަޒަވާގެ ޓިމުން ވަނީ ލެބުގައި ޓެސްޓުކުރުމަށް ބޭނުންކުރި ދެއުމުރަކަށްދާ މީދާތަކަކަށް ތަޤައްޔަރުވެފައިވާ ނުވަތަ ޕޮލިއުޓްވެފައިވާ ވަޔަށް އެކްސްޕޯޒްކުރުމުން އެތަކެތީގެ ސިކުނޑީގެ މަސައްކަތްތައް ދިރާސާކޮށްފައެވެ. އުމުރުން 9 މަހާއި 3 އަހަރަށްދާ މީދާތަކެއް ބޭނުންކޮށްގެން މިދިރާސާ ހެދުމުގެ ބޭނުމަކީ އެތަކެތީގެ ދިރިއުޅުމުގެ ދެހިސާބަކުން މިގޮތަށް ތަޤައްޔަރުވެރފައިވާ ދުމުން ކުރާ އަސަރު ދެނެގަތުންކަމަށް އޭނާ ވިދާޅުވެއެވެ. އަދި އެއްގުރޫޕު މިވަޔަށް ހުށަހަޅުވައި އަނެއް ގުރޫޕަށް ސާފުވައިގައި ދީގެން ލެބުގައި ގެންގުޅެ ހެދި މިދިރާސާއިން ދެބައިގެ މީދާތަކުގެ ސިކުނޑީގެ ތަފާތުވެސް ވަނީ ހޯދާފައެވެ.

މިދިރާސާއިން ވަނީ ދެގުރޫޕުގައި ހިމެނޭ މީދާތަކުގެ ސިކުނޑީގެ މަސައްކަތްތައް ހުންނަގޮތް ބެލުމަށް ކޮގްނެޓިވް ފަންގްޝަން ޓެސްޓުތަކެއް ހައްދާފައެވެ. އަދި ދުމަށް ހުށަހެޅިފައިވި ގުރޫޕުން ސިކުނޑީގެ މަސައްކަތް ކުރުން ދަށްކަމަށް މިދިރާސާއިން ދައްކައެވެ. އަދި މިރިސާޗުގައި ގެންގުޅުނު އުމުރުން ދޮށީ މީދާތަކުގެ (12 މަހަށް ވުރެ ބޮޑު) ސިކުނޑީގައި ޕްލޭގް ފުނިޖެހި އިންފްލެމޭޓްވެ އަލްޒީމިއާ އަށްމެދުވެރިވުމުން ފެންނަ ޖީލިއަލް ސެލް އެކްޓިވޭޓްވާކަން ހާމަކޮށްދޭކަމަށް ދިރާސާގައި ފާހަގަކުރެއެވެ.

ދިރާސާގެ އަނެއް ބައިވެރިޔާ ޑޮކްޓަރ މައިކަލް ކްލެއިންމަންވެސް ވަނީ މިކަމަށް އަލިއަޅުވާލައި މިކަމުން އާއްމުންގެ ޞިއްހަތަށް ހުރި ނުރައްކަލުގެ ވާހަކަ ދައްކަވައި އެކަމާއި ކަންބޮޑުވާކަމަށް ވިދާޅުފައެވެ. އަދި އަލްޒައިމިއާ ފަދަ ސީރިއަސް ބަލިތަކުން ދިފާއުވެ ރައްކާތެރިވުމަށް މީހުން ހޭލުންތެރި ކުރުވައި ޕޮލިއުޝަން ލެވަލް ދަށްކުރެވޭތޯ ޤައުމުތަކުގެ ސަރުކާރުތަކުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ޑރ. މައިކަލް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން