މުހައްމަދު މަސްއޫދު ޝަރީޢަތުގެ އަޑުއެހުމުގައި
މުހައްމަދު މަސްއޫދު ޝަރީޢަތުގެ އަޑުއެހުމުގައި
2021 ވަނަ އަހަރުގެ މާރޗް މަހުގެ 7 ވަނަ ދުވަހު ދަންވަރު 3:45 ހާއިރު ދ.މީދޫ "ޖިހާދު" ދޯނީގައި ވަޅިން ޙަމަލާދީ މަރާލި ބަނގަލަދޭޝްގެ މުހައްމަދު ޝާހީންގެ މަރުގެ މައްސަލައިގައި ދެ އަހަރަށްފަހު މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައިފިއެވެ.

ޝާހީން މަރާލާފައިވަނީ، "ޖިހާދު" ދޯނި މަސްބޭނުމަށް ކ. ގުރައިދޫ މަސްބޮޔަށް ދަތުރުކުރަމުން ދަނިކޮށް، އޭނާއަށް ވަޅިން ދިން ޙަމަލާތަކެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށެވެ.

މި މައްސަލައިގަ ބަނގަލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ބަނގަލަދޭޝް ރައްޔިތެއް ކަމަށްވާ ޢުމުރުން 42 އަހަރުގެ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާ ހުރީ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައެވެ.

ދައުލަތުން މަސްއޫދުގެ މައްޗަށް ކުރި ދައުވާގައިވަނީ، އޭނާ ޝާހީނަށް ހަމަލާ ދީފައި ވަނީ ތިލައިގައި ހަ އިންޗި ހުރި ކަޅުކުލައިގެ މުއްގަނޑުލީ ވަޅިއެއް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ހަމަލާ ދީފައި ވަނީ ޝާހީންގެ ކަނާތް ފަރާތު އަރިކަށްޓަށްކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

މިއަދު ބާއްވާފައިވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. އެގޮތުން މައްސަލަ ބައްލަވާ ޤާޟީ އިބްރާހިމް އިޙްސާން ވިދާޅުވީ، އެންމެ ފަހުން މި މައްސަލާގައި އަޑުއެހުމެއް ބާއްވާފައިވަނީ 20 މެއި 2021 ގައި ކަމަށެވެ. އެ ދުވަހު ދައުވާ އިއްވައި، ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ވަނީ ދެފަރާތުން ވާހަކަ ދައްކާފައެވެ. ޤާޟީ ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަވާނީ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުން ކަމަށެވެ.

މަސްއޫދުގެ ވަކީލް އަހުމަދު ޝިފާއު މިއަދު ވިދާޅުވީ، ދައުވާއަށް ޖަވާބުދާރީވުމަށް ބޭނުންވަނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށެވެ. އެހެންކަމުން ޤާޟީ ވަނީ އެފުރުސަތު ދެއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި މަސްއޫދު ބުނީ އޭނާގެ ސިއްޙީ މައްސަލަތަކެއް ހުރުމުން ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ އިންތިޒާމުތައް ހަމަޖެހޭނެ ގޮތެއް ހައްދަވައިދެއްވުމަށް އޭނާވަނީ ޝަރީޢަތުގައި އެދިފައެވެ. އެކަމާގުޅިގެން ޤާޟީ އަންގަވާފައިވަނީ، ބޭސްފަރުވާގެ ކަންކަން ކަރެކްޝަންސްގެ އޮންނަ އުސޫލުތަކުގެ ތެރެއިން ބެލުމަށްފަހު މައްސަލައެއް އުޅޭ ނަމަ ޕީޖީ އޮފީހާ ހިއްސާކޮށް، އެ އޮފީހުގެ ބަހަކާއެކު ލިޔުމުން ކޯޓަށް ހުށަހެޅުއްވުމަށެވެ.

އަޑުއެހުން ނިންމަވާލައްވަމުން ޤާޟީ އިޙުސާން ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ޝަރީއަތުން ނިންމާ ގޮތެއް ހާމަ ކުރަށްވާނެ ކަމަށެވެ. އަދި މި މަހުގެ ފަހު ހަފްތާގެ ތެރޭގައި އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށް ވިދާޅުވުމަށްފަހު ޤާޟީ ވަނީ މިއަދުގެ އަޑުއެހުން ނިންމަވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން