އަންނަ ޖޫން މަހު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަވާ ގޮތަށް ޤާނޫނަށް ގެނައި އިޞްލާޙާއެކު، މިއަހަރު ޖޫންމަހު އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 6 ރަށެއްގައެވެ. އެއީ ހދ. ފިނޭ އާއި ކ. ދިއްފުއްޓާއި މ. ވޭވަށާއި ތ. ގާދިއްފުއްޓާއި ލ. މާމެންދޫ އާއި ގދ. ހޯނޑެއްދޫގެ ބައި-އިލެކްޝަނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ބައި-އިލެކްޝަންތަކުގެ ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު 13 މެއި 2023 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ލިބޭނެ ކަމަށެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ޖެހޭނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް، ނުވަތަ އެ ކޮމިޝަނުގެ މައި އިދާރާއަށެވެ.

އީސީން އަންނަ ޖޫން މަހު ބައި-އިލެކްޝަން ބޭއްވުމަށް ތާވަލުކޮށް އެންމެ ފުރަތަމަ ހުޅުވާލީ 9 ރަށެއްގެ ބައި-އިލެކްޝަން ބޭއްވުމަށެވެ. ނަމަވެސް ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް އިންތިޚާބަކާ ނުލައި މެމްބަރުން ވަނީ އައްޔަންކުރެވިފައެވެ.

އެގޮތުން، މާއުނގޫދޫގެ އަންހެނުންގެ ކޮމިޓީގެ މެންބަރަކަށް ޕީޕީއެމްގެ ކެންޑިޑޭޓް އާއިޝަތު ހަނީފާ ހޮވިފައިވާއިރު، މީދޫ ގޮނޑިއަށް ޕީޕީއެމްގެ ކެންޑިޑޭޓް ވަސީމާ އިބްރާހިމް އަދި ވާދޫ ގޮނޑިއަށް ހޮވިފައިވަނީ އަމިއްލަގޮތުން ކުރިމަތިލެއްވި ލިއުޝާ އިބްރާހިމްއެވެ. މި ހުރިހާ މެންބަރުން ވެސް ހޮވުނީ އީސީން ފުރުސަތު ހުޅުވާލި މުއްދަތުގައި އެ ފަރާތްތަކުން އެކަނި ކުރިމަތިލެއްވުމުންނެވެ.

ޤާނޫނަށް ފަހުންގެނައި ބަދަލާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން ޖެހެނީ 365 ދުވަހުގެ ތެރޭގައެވެ. މި އިޞްލާޙާއެކު މިއަހަރު ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންތައް ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކުރީ ޖޫން މަހުގެ 17 ވަނަ ދުވަހަށެވެ. އެދުވަހު 10 ރަށެއްގެ ބައި އިލެކްޝަން ބޭއްވެވުމަށް އިލެކްޝަނުން ތާވަލުކުރުމުން ފ.ބިލެއްދޫ ފިޔަވައި، އެހެންހުރިހާ ރަށެއްގެ އަންހެނުންގެ ކޮމެޓީތަކަށް މެންބަރުން ވަނީ ކުރިމަތިލާފައިވެއެވެ.

ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެންބަރުން އިންތިޚާބުވިފަހުން ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން