ތިންމީހެއްގެ ޑީ.އެން.އޭ ހުރި ކުއްޖާ- ފޮޓޯ: ގެޓީއިމޭޖް
ތިންމީހެއްގެ ޑީ.އެން.އޭ ހުރި ކުއްޖާ- ފޮޓޯ: ގެޓީއިމޭޖް
ތިންމީހެއްގެ ޑީއެންއޭ ބޭނުންކޮށްގެން ލެބްގައި ފާޓިލައިޒްކުރި ކުއްޖަކު ވިހައިފިކަމަށް އިނގިރޭސިވިލާތުގެ ފާޓިލިޓީ ރެގިއުލޭޓަރސްއިން ބުދަ ދުވަހު ކަށަވަރުކޮށްދީފިއެވެ.

މިގޮތަށް ލެބްގައި ފާޓިލައިޒްކޮށްފައިވާ ކުދިންގެ ޑީއެންއޭ ނުވަތަ ޖެނެޓިކް މެޓީރިއަލްއަކީ ދަރިފުޅުގެ މަންމައާއި ބައްޕަގެ ޑީއެންއޭކަމުގައިއާއި ތިންވަނަ މީހެއްގެ ޑީއެންއޭއިން ބޭނުންކޮށްފައިވަނީ %0.1 ކަމަށް އެއިދާރާއާއި ހަވާލާދީ ބީބީސީއިން ބުނެފައިވެއެވެ. އަދި މިއީ މައިޓޮކޮންޑްރިއަލް ބަލިތަކުން ދިފާއުކޮށްދިނުމަށް ލެބްގައި މިހާރު އީޖާދުކޮށްފައިވާ ޕްރޮސީޖާއެއްކަމަށާއި މިގޮތަށް ލެބްގައި ފާޓިލައިޒްކޮށްގެން މިހާތަނަށް 5 ކުދިން ވިހައިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.



މައިޓޮކޮންޑްރިއަލް ބަލިތަކަކީ ފަރުވާއެއްނެތް އަދި ވިހާތާ މާގިނައިރު ނުވެ ދަރިފުޅު މަރުވުމަށް މެދުވެރިވާ ނުރައްކާތެރި ބަލިތަކެވެ. ބައެއް އާއިލާތަކުން މިބައްޔަށް ގިނަ ކުދިންތަކެއް ބީވެގެން ގޮސްފައިވާއިރު މިޕްރޮސީޖާގެ ސަބަބުން ގިނަ ބަޔަކަށް މިބަލިން ދިފާއުވެފައިވާ ދުޅަހެޔޮ ދަރިން ލިބުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ.

މައިޓޮކޮންޑްރިއާއޭ ކިޔެނީ ހަށިގަނޑުގައި ހުންނަ ހުރިހާ ސެލްއެއް ކަހަލަ ގޮތަކަށް އުފެދިފައި ހުންނައިރު އެސެލްގައި ކާނާ ހަކަތައަށް ބަދަލުކޮށްދޭ ބައިތަކަށެވެ. މައިޓޮކޮންޑްރިއާ ހަލާކުވުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިނުދިނުމުގެ އިތުރުން ސިކުނޑި ހަލާކުވެ، ހިތުގެ ބަލިތައް ޖެހި ހިތް ހުއްޓި އަދި ލޯއަނދިރިވާގޮތް ދިމާވެއެވެ.

މިބަލި ދަރިފުޅަށް ވާރުތަކުރަނީ މަންމަގެ ދަރިމައިވުމުގެ ބިސް ނުވަތަ އެގްސެލްގައި މިބުނާ މައިޓޮކޮންޑްރިއާގައި ބަލި ހުރުމުންނެވެ. އެހެންކަމުން ލެބްގައި ފާޓިލައިޒްކުރާއިރު، ޑޯނާއެއްގެ ސެލްގައިވާ ނިއުކްލިއަސް ނެގުމަށްފަހު މަންމަގެ ސެލްގެ ނިއުކްލިއަސް ޑޯނާ ސެލްގެ ތެރެއަށް ލައެވެ. އައިވީއެފް މެދުވެރިކޮށް ހެދޭ މިޕްރޮސީޖާގައި ދަރިފަންޏާއި ބިސް އެކުވެ ފާޓިލައިޒް ކުރުމަށްފަހުވެސް މައިޓޮކޮންޑްރިއަލް ބަދަލުކުރެވެއެވެ. އަދި މައިޓޮކޮންޑްރިއަލް ބަދަލުކުރުމަށްފަހު އެބިހުގެ ތެރެއަށް ދަރިފަނި ފޮނުވައިގެން ފާޓިލައިޒް ކުރެވެއެވެ.

މިޕްރޮސީޖާގެ ސަބަބުން ކުޑަކޮށް ނަމަވެސް އެހެން މީހެއްގެ ޑީއެންއޭ އަބަދުގެ އަބަދަށް އާއިލާގެ މުސްތަޤުބަލުގައި އެކުއްޖާގެ ފަރާތުން ދެންލިބޭ ކުދިންނުން ފެށިގެން ދެމިއޮންނާނެއެވެ. ސަބަބަކީ މަންމައާއި ބައްޕަގެ ޑީއެންއޭގެ އިތުރުން ކުޑަނަމަވެސް އެހެން މީހެއްގެ ޑީއެންއޭ އެކުއްޖާގައިގައި ހުންނާނެތީއެވެ. އެހެންނަމަވެސް މިގޮތަށް އުފަންވާ ކުއްޖާގެ 3 ބެލިނިވެރިން ނުހުންނާނެ ކަމަށާއި ލީގަލީ އެގޮތަށް ކުއްޖާއަށް ތިންވަނަމީހެެއްގެ ނުފޫޒު ނުފޯރުވޭނެކަމަށް މިޕްރޮސީޖާ ހެދުމަށް 2015 ވަނަ އަހަރު ޔޫކޭގައި ހުއްދަ ދޫކޮށްފައިވާ ކޮންސްޓިޓިއުޝަންގައިވަނީ ބުނެފައެވެ.



މިގޮތަށް އެންމެ ފުރަތަމަ ލިބިފައިވާ ކުއްޖާއަކީ 2016 އަހަރު އެމެރިކާގައި ފަރުވާހޯދަމުންދިޔަ ޖޯޑަންއަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު ކުއްޖެކެވެ.

ޕްރޮގްރެސް އެޑިއުކޭޝަންގެ ޑައިރެކްޓަރ ސެރާ ނޯކްރޯސް ބުނެފައިވަނީ މިޕްރޮސީޖާ ބޭނުންކޮށްގެން 5 ކުދިން އުފަންވެފައިވާ ޚަބަރަކީ މިމަސައްކަތުގެ ފުރަތަމަ ފިޔަވަޅުކަމަށެވެ. އަދި އޮތްތަނުގައި މައިޓޮކޮންޑްރިއަލް ޑޮނޭޝަން އެސެސްކުރަންފެށުމަކީ ކުރިއަށް އޮތްތަނުގައި މިދާއިރާ ފުޅާކުރުމަށް ހުޅުވުނު ދޮރެއްކަމުގައިވެސް އޭނާ ސިފަކުރެއެވެ. އެހެންނަމަވެސް ބައެއް ދިރާސާވެރިން ބުނާގޮތުގައި ދަރިފުޅު ވިހާއިރު މައިޓޮކޮންޑްރިއަލް މައްސަލައެއް ނެތްކަމުގައިވީނަމަވެސް މިގޮތަށް ވިހާ ކުދިން ބޮޑުވަމުން އަންނައިރު ދިމާވާނެ ކަންކަން އިތުރަށް ބަލައި ދިރާސާކޮށް ދެނެގަންނަން ޖެހެއެވެ.

މިމަސައްކަތް ކާމިޔާބުވެއްޖެނަމަ، އިނގިރޭސިވިލާތުގައި 150 ކުދިން އަހަރަކު މިޕްރޮސީޖާމެދުވެރިކޮށް އުފަން ވާނެކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާއިން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން