ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހައްޔަރުކުރުމުން އެގައުމުގެ އެކި ސިޓީތަކުގައި ހަމަނުޖެހުންތައް ހިންގަން ފަށައިފި އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވަނީ ވެރިރަށް އިސްލާމްއާބާދުގެ ހައިކޯޓުގައި ހުންނަވަނިކޮށެވެ. އިމްރާން ހައްޔަރު ކުރީ ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު 239 މިލިއަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.



ހައިކޯޓުގެ ބޭރުގައި ހުންނަވަނިކޮށް އިމްރާން ހައްޔަރު ކުރުމާއި ގުޅިގެން ފުލުހުންގެ އިސްވެރިންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަދި އެޓާނީ ޖެނެރަލް ހައިކޯޓަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އެފަރާތްތަކާއި ސުވާލު ކޮށްފައިވަނީ ކޯޓުގެ ހުރުމަތް ކަނޑައިގެން އިމްރާން ހާން ހައްޔަރު ކޮށްފައި ވާތީ އެއީ ކާކުގެ އޯޑަރަށް ކުރިކަމެއްތޯ ސާފު ކުރުމަށެވެ.

އެހެން ނަމަވެސް އިމްރާން ހާން އިއްޔެ ހައްޔަރު ކުރީ ގާނޫނީ އުސޫލުތަކާއި އެއްގޮތައް ކަމަށް އިސްލާމްއާބާދުގެ ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އިމްރާން ހާން ހައްޔަރުކުރީ ގާނޫނާއި އެއްގޮތަށް ކަމަށް ކޯޓުން ނިންމި ނަމަވެސް އޭނާ ބަންދުގައި ބެހެއްޓުމާއި މެދު ގޮތެއް ނިންމާނީ މިއަދު ކޯޓަށް ހާޒިރު ކުރުމަށްފަހު ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެެވެ.

އަންގާރަ ދުވަހު ޕާކިސްތާނުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރުމުން ސަލާމަތީ ބާރުތަކާއި ސަޕޯޓަރުންގެ މެދުގައި ވަނީ އަނިޔާވެރި ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ. މުޅި ގައުމުގައި މުޒާހަރާތައް ހިނގަމުންދާއިރު، ކުއެޓާ ސިޓީގައި މަދުވެގެން އެކަކު ވަނީ މަރުވެފަ އެވެ. މުޒާހަރާ ތަކާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ޕާކިސްތާނުގެ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ގާނޫނުގެ ވެރިކަމައަށް ތަބާވުމަށް ގޮވާލައިފަ އެވެ. ޕާކިސްތާނުގެ ބޮޑެތި ސިޓީތައް ކަމަށްވާ ކަރާޗީ، ލާހޯރް އަދި ޕެޝާވަރްގެ މަގުތަކަށް މީހުން ނިކުމެ މުޒާހަރާތައް ކުރަމުންދާއިރު މުޒާހަރާގެ ބައިވެރިން މައިތިރި ކުރަން ފުލުހުން ދަނީ ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުން ކުރަމުންނެެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ދުރުކޮށްފައިވަނީ ގާނޫނު ހަދާ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްފަހު 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން