އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 15 މީހުން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނީ މަރުވި މީހުންގެ ތެރޭގައި އަށް އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި މިހަމަލާތަކުގައި އިތުރު 22 މީހަކަށް އަނިޔާވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ހާމަކުރެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއިލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ އިސްލާމިކް ޖިހާދުގެ ތިން ކޮމާންޑަރުން ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދީފައިވަނީ އެގައުމަށް އަމާޒުކޮށްގެން އަންގާރަ ދުވަހުގެރޭ އިސްލާމިކް ޖިހާދުގެ ލީޑަރުން އިސްރާއީލުގެ އާންމު ރައްޔިތުންނަށް ދިން ހަމަލާތަކުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.

ފަލަސްތީނުގެ އިސްލާމިކް ޖިހާދުން މި ހަމަލާގެ ބަދަލު ހިފުމަށް ވައުދުވެފައިވާއިރު ޣައްޒާގައި ތިބި ހަނގުރާމަވެރިން އިސްރާއީލަށް ރޮކެޓް ބަޑިން ރައްދުދޭނެ ކަމަށް ބެލެވޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކަކީ މިދިޔަ އޮގަސްޓް މަހު އިސްރާއީލާއި އިސްލާމިކް ޖިހާދާ ދެމެދު ތިން ދުވަހު ހިނގި ހަނގުރާމައިގައި ފަލަސްތީނުގެ 49 މީހަކު ޣައްޒާގައި ޝަހީދުވި ފަހުން އެންމެ ގިނަ މީހުން ޝަހީދުވި ފަހަރުކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން