އުތުރު ކޮރެއާއިން ފިލި ސޮންގމީ ޕަރކް ދެކުނު ކޮރެއާއަށް ދަތުރުކޮށްފައިވަނީ އޭނާގެ މަންމަ ހޯދާށެވެ.

ކިތަންމެ ބިރުން ހުރެމެވެސް، ފުން، އޮއިބާރު ގަދަ ކޯރެއް އޭނާ ހުރަސް ކުރީ މަންމަ ހޯދާށެވެ. އަދި ފިލަން ފަތަމުންދިޔަތަން އުތުރު ކޮރެއާގެ އަސްކަރިއްޔާ މީހަކަށް ފެނިއްޖެނަމަ ހަމަ ޔަގީނުންވެސް އަދަބު ނުލިބިއެއްވެސް ނުހުންނާނެކަން އޭނާއަށް ވިސްނެއެވެ.

މިފަދައިން އުތުރު ކޮރެއާއިން ފިލާ ފަރާތްތައް ފިލަނިކޮށް ފެނިއްޖެ ނަމަ އެންމެ މަތީ އަދަބުގެ ގޮތުން މަރުގެ އަދަބު އުތުރު ކޮރެއާ ގެ ސަރުކާރުން ހުށައަޅާފައިވެއެވެ.

ނަމަވެސް، މަންމައަށް އޮތް ލޯތްބަށްޓަކައި، ބިރުވެރިކަމުގެ އިހުސާސަށްވުރެ ލިބުނީ އިތުރުހިތްވަރެއް ކަމަށް ސޮންގމީ ޕަރކް ބުނެފައިވެއެވެ. އޭނާގެ މި ބިރުވެރި ދަތުރަކީ، އުތުރުކޮރެއާ ދޫކޮށް ރައްކާތެރި މަންޒިލެއްގައި ދިރިއުޅުމަށް ދެކުނު ކޮރެއާއައް އޭނާ މަންމަ ކުރި ދަތުރާއެކު، ދެކުނު ކޮރެއާއިން މަންމަ ހޯދުމުގެ މަގުސަދުގައި ކުރި ދަތުރެކެވެ.

2019 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު އޭނާ ފެށި މިދަތުރު ކާމިޔާބުކޮށް، ދެކުނު ކޮރެއާއަށް ސޮންގމީ ޕަރކް ވަނީ ދަތުރުކޮށްފައެވެ.

މިއީ އޭނާ އުތުރު ކޮރެއާއިން ފިލަން މަސައްކަތްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އޭނާ އުތުރު ކޮރެއާއިން ފިލަން މަސައްކަތްކުރީ އޭނާގެ އުމުރުން 4 އަހަރުގައި އޭނާގެ މަންމަ އާއި ބައްޕަ އާއެކުއެވެ. ނަމަވެސް ފިލަން މަސައްކަތްކުރިކަން ފަޅާ އެރުމުން އޭނާގެ މަންމަ އާއި ބައްޕަ އުތުރު ކޮރެއާއިން ހައްޔަރުކޮށް ޕްރިޒަން ކޭމްޕަކަށް ގެންދިޔައެވެ. މިއާއެކު ސޮންގމީ އަށް މަޖުބޫރުވީ މާމަ ކާފަ އާއެކު ދަނޑުތަކުގައި މަސައްކަތް ކުރާށެވެ.

މިހެން ދުވަސްތައް ގުނަމުންގޮސް ފަސް އަހަރު ފަހުން ޖަލު ކޭމްޕުން ބައްޕަ ގެއަށް ފޮނުވާލިއެވެ. ލިބުނު އުފާވެރިކަމުގެ ހުޅުކޮޅު ނިވުނީ ހަމަ އެންމެ ތިން ދުވަހުގެ ތެރޭގައެވެ. ސޮންްގމީގެ ބައްޕަގެ ސިއްހީ ހާލަތު ދައްވެ މިދުނިޔެއާއި ވަކިވެގެން ދިޔައީއެވެ. ބައްޕަ މިދުނިޔެއާއި ވަކިވުމުގެ ހަބަރާއެކު ސޮންގމީގެ މަންމަ ޖަލު ކޭމްޕުން ދޫކޮށްލިއެވެ. މަންމަ ގެއަށް އައިއިރު ލިބުނު ހިތާމައިގައި ކެތްނުކުރެވި، މަންމަ ނިންމީ ބިރު ކަނޑާލައި އަނެއްކާވެސް އުތުރުކޮރެއާ ދޫކޮށް ފިލަން މަސައްކަތް ކުރާށެވެ.

މަންމަ ފިލުމާއިއެކު ސޮންގމީ 10 އަހަރު ދުވަސް ހޭދަކުރީ މުސްކުޅި މާމަ އާއި ކާފަ ބެލުމަށެވެ. ނަމަވެސް މާމަ ކާފަ މަރުވެގެންދިޔައިރު އަތުގައި ފައިސާ އެއްނެތި، ކާނެ ބޯނެ އެއްޗެއް ހޯދުމަށް ދަތިވުމާއިއެކު މަންމަ ހޯދުމުގެ އަޒުމު ކަނޑައެޅި ސޮންގމީ ބޭނުންވީ އަވަހަށް އުތުރުކޮރެއާއިން ފިލާށެވެ.

ބިރުވެރި ދިގު ދަތުރަށްފަހު ސޮންގމީގެ މިއަޒުމު ކާމިޔާބުވުމާއި ގާތަށް ޖެހުނީ ދެކުނު ކޮރެއާއަށް ދެވުމާއިއެކުއެވެ. ސޮންގމީ ފެށި މިދަތުރަށް ޗައިނާ އަދި ތައިލެންޑު ހުރަސް ކޮށް ދެކުނު ކޮރެއާއަށްދިއުމަށް އަހަރު ދުވަސް ނެގިކަމަށް އޭނާ ބުނެއެވެ. ދިގު ދަތުރެއް ނަމަވެސް ދަތުރުގެ ފޮނިމީރުކަން ލިބުނީ މަންމަ އާއި ދިމާވުމުންނެވެ. މަންމަ އާއި ދިމާވި އިރު ހުސްވި 10 އަހަރު ދުވަހުގެ ތެރޭގައި މަންމަވެސް މަސައްކަތްކުރަމުން ދިޔައީ ސޮންގމީ އުތުރުކޮރެއާއިން ގެނައުމަށް ފައިސާ އެއްކުރަމުންނެވެ.

10 އަހަރު ދުވަހަށްފަހު ދެމައިން ދިމާއިވިއިރުވެސް މަައިވަންތަ ކަމުގެ ކުލުނަށް އެއްވެސް ބަދަލެއް ނާދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން