އަފްޣާނިސްތާނުގެ އަންހެނުން ހިންގާ ރޭޑިއޯ ސްޓޭޝަނެއް ތާލިބާނުން ބަންދުކޮށްފިއެވެ.

އަފްޣާނިސްތާނުގައި އަންހެނުން ހިންގާ މިރޭޑިއޯ ސްޓޭޝަނަކީ މީގެ 10 އަހަރު ކުރިން ފެށި ސްޓޭޝަނެކެވެ. މި ސްޓޭޝަން ހިންގަނީ އަށް މުވައްޒަފުންނެވެ. އޭގެ ތެރެއިން ހަ މުވައްޒަފުންނަކީ އަންހެނުންނެވެ.

މިރޭޑިއޯ ސްޓޭޝަން ބަންދުކޮށްފައިވަނީ ރޯދަ މަހު މިއުޒިކް ޖެހުމުން ކަމަށް ތާލިބާނުން ބުނެފައިވެއެވެ.

ބަދަޚްޝާން ޕްރޮވިންސްގެ އިންފޮމޭޝަން އެންޑް ކަލްޗާގެ ޑިރެކްޓަރު މޮއެޒުއްދީން އަހުމަދީ ވިދާޅުވީ ރޯދަމަހު ލަވައާއި މިއުޒިކް ގެނެސްދީފައިވަނީ "އިސްލާމީ އަމީރާތުގެ ގާނޫނުތަކާއި ގަވާއިދުތަކާ" ހިލާފަށްކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ހިންގާނަމަ، ކޮންމެ ރޭޑިއޯ ސްޓޭޝަނެއްވެސް ބަންދު ކުރަން ޖެހިދާނެކަމަށް ތާލިބާނުން ބުނެއެވެ.

ތާލިބާނުން ވަނީ ގަވާއިދާ ހިލާފު ނުވާނެ ކަމުގެ ގެރެންޓީ ދީފިނަމަ، އަލުން އެރޭޑިއޯ ސްޓޭޝަން ހިންގުމަށް ހުއްދަ ދޭނެކަމަށް ބުނެފައެވެ.

ނަމަވެސް ރޭޑިއޯ ސްޓޭޝަން ހެޑް ނާޖިއާ ސޮރޯޝް ވަނީ ގަވާއިދާ ހިލާފު ކަމެއް ނުކުރާކަމަށްބުނެ ތާލިބާނުންގެ ތުހުމަތު ދޮގުކޮށްފައެވެ. އަދި ސްޓޭޝަން ބަންދު ކުރަން މަޖުބޫރު ކުރުވީ ރޭވުމެއްގެ ތެރެއިންކަމަށްވެސް ނާޖިއާ ބުނެފައިވެއެވެ.

"ތާލިބާނުން ބުނީ އަޅުގަނޑުމެން މިއުޒިކް ބްރޯޑްކާސްޓް ކޮށްފައިވާ ވާހަކަ. އަޅުގަނޑުމެން އެއްވެސް ކަހަލަ މިއުޒިކެއް ބްރޯޑްކާސްޓެއް ނުކުރަން،" ރޭޑިއޯ ސްޓޭޝަން ހެޑް ނާޖިއާ، މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ފާހަގަކުރިއެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު އަފްޣާނިސްތާނުގެ ވެރިކަމާއި ތާލިބާނުން ހަވާލުވުމުން މީޑިއާ ތައް ހިންގުމަށް ނުފޫޒު ފޯރުވުމާއި ގިނަ ނޫސްވެރިންގެ ވަޒީފާ ގެއްލިގެންދިޔަ ކަމަށް އަފްޣާން މިނިވަން ނޫސްވެރިންގެ ޖަމިއްޔާއިން ބުނެ އެވެ. އަދި ތާލިބާނުންގެ ސިޔާސަތުތަކަށް އަމަލުކުރަން ދެކޮޅު ހަދާ އަފްޣާނިސްތާނުގެ ނޫސްވެރިން ހައްޔަރުކޮށްފައިވާއިރު، ބައެއް މީހުން ދޫކޮށްލައިފައިވަނީ އެތައް އަނިޔާއެއްކޮށް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މީގެއިތުރުން ތާލިބާނުން ވަނީ ޔުނިވާސިޓީ ހިމެނޭ ގޮތަށް ހަ ވަނަ ގްރޭޑުން މަތީން އަންހެނުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތަށް ހުރަސްއަޅައި ގިނަ ވަޒީފާތަކަށް އަންހެނުން ދިއުމަށްވެސް ހުރަސްއަޅާފައެވެ.

ނަމަވެސް ރަސްމީކޮށް މިއުޒިކާއި ލަވަޖެހުން އަދި މަނާކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން