ކެނެޑާގެ ވެންކޫވަރގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގައި ހުރި ސްޓާބަކްސް ކޮފީ ޝޮޕެއްގެ ފެންޑާމަތީގައި ތިން އަހަރުގެ ތުއްތު ދަރިފުޅު ގޮވައިގެން ހުރި ޒުވާން ބައްޕައަކަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ، އޭނާގެ ތުއްތު ދަރިފުޅުގެ ކުރިމަތީގައި ހުރެ ވޭޕް ނުކުރުމަށް ބުނުމުން ކަމަށް މަރުވި މީހާގެ މަންމައާ ހަވާލާދީ ނޫސްތަކުގައި ލިޔެފައިވެއެވެ.

އުމުރުން 37 އަހަރުގެ ޕޯލް ސްޓޭންލީ ޝްމިޓްއަށް ހަމަލާދީ މަރާލީ އުމުރުން 32 އަހަރުގެ އިންދަރްދީޕް ސިންގް ގޯސަލް ނަމަކަށް ކިޔާ މީހެކެވެ.

ޝްމިޓްގެ މަންމަ ކެތީ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު މަރާލީ މާމަދަރިފުޅުގެ ރައްކަލަކަށްޓަކައި އެމީހާ ކައިރީ އެތަނުގައި ހުރެ ވޭޕް ނުކުރާށޭ ބުނުމުން ކަމަށާއި، އޭނާ އެއަމަލު ހިންގާފައިވަނީ ދުވާލުގައި އަލީގައި އެ ތުއްތު ކުއްޖާއާއި، މަންޒަރު ބަލަން ތިބި އެތައް ބައެއްގެ ކުރިމަތީގައެވެ.

މި ހާދިސާ ހިނގި ވަގުތު ޝްމިޓް ދަރިފުޅުގެ މަންމަ އަދި އޭނާ އިންނަންއުޅޭ އޭޝްލީ އުމާލީ ހުރީ ސްޓާބަކްސްގެ އެތެރޭގައި ބޯއެއްޗަކަށް އޯޑަރު ދޭން ކަމަށް ޝްމިޓްގެ މަންމަ ބުނެފައިވެއެވެ.

ޝްމިޓްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ގޯސަލްގެ މައްޗަށް އުފުލާފައިވަނީ ދެވަނަ ދަރަޖައިގެ ޤަތުލުގެ ދައުވާއެކެވެ. ނަމަވެސް ޝްމިޓްގެ މަންމަ ބުނީ އޭނާގެ މައްޗަށް އެއްވަނަ ދަރަޖައިގެ ޤަތުލުގެ ދައުވާއެއް އުފުލަންޖެހޭނެ ކަމަށެވެ. އެއްވަނަ ދަރަޖައިގެ ޤަތުލަކީ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. އަދި މި ދައުވާ އުފުލާ ކަމުގައި ވާނަމަ އޭނާ އެކަންކުރީ ގަސްތުގައި ކަން ސާބިތުކޮށްދޭންޖެހޭނެއެވެ.

ޝްމިޓްގެ މަންމަ ބުނިގޮތުގައި ޤާތިލްގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި، ކޮފީ ޝޮޕަކަށް އެއްވެސް މީހަކު ވަޅިއެއް ނުގެންދާނެ ކަމަށެވެ. އަދި އެކަމުން ސާބިތުކޮށްދޭނީ އޭނާގެ އަމަލަކީ ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު 5:30 ގައި ހިނގި މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފޯރިމަރަމުން ދިޔަ ފުލުހުންނަށް ހާދިސާ ހިނގި ތަނަށް ދެވި ޝްމިޓްއަށް އެހީތެރިކަމެއް ދެވުނީ 5:40 ހާއިރުއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނު ތަނާހެން އޭނާ ވަނީ މަރުވެފައެވެ.

މި ހަދިސާއާ ގުޅިގެން އެތަނަށް ދިޔަ ފުލުހުން، ޖަރީމާ ހިންގި ގޯސަލް ހައްޔަރުކުރި އިރު، އޭނާ ހައްޔަރުވާން ދެކޮޅު ހަދާފައެއް ނުވެއެވެ.

ބަޔަކު މީހުން ވަނީ މިހާދިސާގެ މަންޒަރު ވީޑިއޯކޮށް، އިންސްޓަގްރާމްއާއި ޓުވިޓަރަށް ޕޯސްޓްކޮށްފައެވެ. ޝްމިޓްގެ އާއިލާއިން ވަނީ އެ ވީޑިއޯތައް ނެގުމަށާއި، ބަލައި، އަލުން ޕޯސްޓުކޮށް ނެހެދުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން