ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ރަމަޟާންމަހު ސަލާންޖަހާ މީހުން 5000 ރުފިޔާއިން ޖޫރިމަނާކޮށް ތިން މަހަށް ޖަލަށްލާނެ ކަމުގެ އިންޒާރު އެގައުމުގެ ސަރުކާރުން ދީފިއެވެ.

ޔޫއޭއީގެ ޕްރޮސެކިއުޓަރުން ބުނީ އެގައުމުގެ ގާނޫނުލް އުގޫބާތުގެ ދަށުން ސަލާންޖެހުމަކީ ތިން މަސް ދުވަހުގެ ޖަލު ހުކުމަކާއި 5،000 ރުފިޔާއަށް ވުރެ މަދު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެއް ކަމަށެވެ. އަދި އެގައުމުގައި އެއްވެސް ގޮތަކަށް ސަލާންޖެހުމަކީ ހަރުކަށިކޮށް މަނާ ކަމެއް ކަމަށާއި ސަލާންޖަހަނިކޮށް އަތުލައިގަންނަ ފަރުދުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޝަނުން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގެ ކުރީކޮޅު ދުބާއީ ފުލުހުން ވަނީ ރަމަޟާން މަހު އިތުރުވާ ގަވާއިދާ ހިލާފު އަމަލުތަކަށް ހޭލުންތެރި ކުރުވުމަށް އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ ސަލާންޖެހުން ނުވަތަ އާދޭސްކުރުމާ ދެކޮޅު ކެމްޕޭން ވެސް ފަށާފައެވެ.

މިދިޔަ ހަފްތާގައި ދުބާއީ ޕޮލިސް ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެނެރަލް ޑިޕާޓްމަންޓް އޮފް ކްރިމިނަލް އިންވެސްޓިގޭޝަން ފޯ އެޑްމިނިސްޓްރޭޝަން އެންޑް ކޮންޓްރޯލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރު ބްރިގޭޑިއާ ސައީދު ސުހައިލް އަލް އަޔާލީ ވިދާޅުވީ މިދިޔަ ރޯދަމަހު އެކަނިވެސް ސަލާން ޖަހަމުންދިޔަ 382 މީހުންނާއި މަގުމަތީގައި ވިޔަފާރިކުރަމުންދިޔަ 222 މީހުން ހިމެނޭ ގޮތަށް 604 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ރޯދަމަހު ދުބާއީގައި ސަލާންޖެހުމާ ގުޅޭ 2،235 ރިޕޯޓެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ދުބާއީގެ ޑެޕިއުޓީ ޑިރެކްޓަރު ބްރިގޭޑިއާ ސައީދު ސުހައިލް އަލް އަޔާލީ ވިދާޅުވީ ސަލާންޖަހައި އާދޭސްކުރުމަކީ މުޖުތަމައަށް ވަދެ އާންމުކޮށް ރޯދަމަހު އިތުރުވާ ކުށެއް ކަމަށެވެ. އަދި ބަރަކާތްތެރި ރަމަޟާންމަހު އާދޭސްކުރާ މީހުން އެންމެ ގިނައިން އުޅޭ ސަރަހައްދުތަކަކީ އާންމުކޮށް މިސްކިތްތަކާއި މާރުކޭޓްތަކާއި މީހުން ދިރިއުޅޭ އަވަށްތަކާއި ރޯދަމަހުގެ ޓެންޓްތަކާއި ޕާކިން ޒޯންތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރިގޭޑިއާ ސައީދު ސުހައިލް އަލް އަޔާލީ ވަނީ އާދޭސްކުރާ މީހުންނަށް ހަމްދަރުދީ ނުވުމަށް އިލްތިމާސްކުރަށްވާފައެވެ. އަދި އެފަދަ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ވައްކަންކުރުމާއި ނާޒުކު ޖަމާއަތްތައް ބޭނުންކުރުން ފަދަ އެހެން ޖަރީމާތައް ވެސް ހިނގާފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށަކީ އަބޫދާބީއެވެ. އަބޫދާބީ އަކީ ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ މަގުބޫލް މަންޒިލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން