އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް.
އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް.
ގަވާއިދާ ހިލާފަށް ޗައިނާ ކަނޑުގެ ސަރަހައްދަށް އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް ވަދެފައިވާކަމަށް ޗައިނާގެ އަސްކަރިއްޔާއިން ރިޕޯޓުކޮށްފިއެވެ.

މިކަމާ ބެހޭގޮތުން ޗައިނާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަން އެމެރިކާގެ ޑިސްޓްރޯޔަރެއް މޮނިޓަރކޮށް ފައްސާލައިފާ ކަމަށް ބުނެފައިވެއެވެ.

އަސްކަރިއްޔާއިން ބުނީ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރ މިލިއަސް ޗައިނާގެ ސަރަހައްދީ ކަނޑުގެ ތެރެއަށް ވަނީ ޗައިނާ ސަރުކާރުގެ ހުއްދަ އަކާއި ނުލައިކަމަށެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ސުވާލު އުފެދުމަށް މަގުފަހިވާނެކަމަށްވެސް ޗައިނާ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ސުވާލު އުފެދުނު ނަމަވެސް، ޗައިނާ ކަނޑުގެ ސަލާމަތާއި ސުލްހައާއި ހަމަޖެހުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަން އަބަދުވެސް އަސްކަރިއްޔާއިން ތައްޔާރުވެ އޮތްކަމަށް ޗައިނާގެ އަސްކަރިއްޔާއިން ހާމަކޮށްފައިވެއެވެ.

ޗައިނާ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް ވަދެފައިވަނީ އެމެރިކާ އާއި ޗައިނާއާ ދެމެދު ޗައިނާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އޮތް ހިޔާލުތަފާތުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން، ޗައިނާއިން ސަރަހައްދީ ބާރުތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ދެކުނު ޗައިނާ ކަނޑާއި ޓައިވާން ސަރަހައްދުގައި ޗައިނާގެ ބާރު ދެމެހެއްޓުމާއި ދެކޮޅަށް އެމެރިކާއިން ދަނީ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން