ވަގުތަކީ އެމީހަކު އަމިއްލަޔަށް ހޯދަން މަސައްކަތް ކުރުމުން ލިބޭނެ އެއްޗެކެވެ.
ވަގުތަކީ އެމީހަކު އަމިއްލަޔަށް ހޯދަން މަސައްކަތް ކުރުމުން ލިބޭނެ އެއްޗެކެވެ.
ރަސް އޮންލައިންގެ އެންމެހާ ކިޔުންތެރިންނަށް ރަމްޟާން މުބާރިކް އަރިސްކުރަމެވެ. އަދި އަޅުގަނޑުމެން އެންމެނަށްވެސް މިމަހުގެ ހެޔޮކަން ލިބުމަށް އެދި ދުޢާ ކުރަމެވެ.

ބަރަކާތްތެރި ރަމަޝާން މަހާއި އަޅުގަނޑުމެން ކުރިމަތި ލާއިރު މިމަހުގެ ބަރަކާތާއި ފާފަ ފުއްސެވުން ލިބިގަތުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހެއެވެ. މިމަހަށްޓަކައި ސްކޫލްތަކާއި އޮފީސްތަކުގެ ވަގުތުތައްވެސް ކުރުކޮށް ދީފައިވަނީ މިމަހުގެ އަޅުކަންތައްތަކަށް އެންމެންނަށް ވަގޮތު ހޯދައި ދިނުމުގެ ގޮތުން ކަމުގައި ދެކެމެވެ. އެހެންކަމުން ރޯދަމުގެ ދަރުމައާއި ޘަވާބު ހޯދުމަށް އެންމެންވެސް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.

ރޯދަމަހުގައި އެންމެ ބިޒީކޮށް އުޅޭ އެއްބަޔަކީ އަންހެންވެރިންނެވެ. ޚާއްސަކޮށް ވަޒީފާއަށްދާ މީހުންނަކީ ވަޒީފާ ނިންމާލުމަށްފަހު ކެއްކުމުގައި ވަރަށް ބިޒީކޮށް އުޅެންޖެހޭ ބައެކެވެ. އެހެންކަމުން އަޅުކަންތަކަށް ވަގުތު ހުސްކުރުމަށްޓަކައި ދުވަހުގެ ތާވަލް ތަރުތީބުކޮށްލައި ރާވާލަންޖެހެއެވެ. ތިރީގައި ހިމަނާލާފައިއެވަނީ ވަޒީފާއަށްދާ ކަބަލުން ވަގުތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށްޓަކައި ކުރެވިދާނެ ބައެއްކަންކަމެވެ.

1. ވަޒީފާގެ ސަމާލުކަން ގެއްލޭފަދަ ކަންކަމުން ދުރުހެލިވުން:

މަސައްކަތުގައި އުޅެމުން ފޯނުބަލައިލެވި ސްކްރޯލް ކުރެވުމުގެ ސަބަބުން މުހިންމު ވަގުތުތަކެއް ފާއިތުވެގެން ހިނގައިދެއެވެ. އަދި އެކީގައި މަސައްކަތްކުރާ އެހެން މުވަޒަފުންނާ ބައެއްފަހަރު މާގިނައިން މަސައްކަތުން ބޭރުގެ ވާހަކަތައް ގިނަވެ ބޭކާރު ވާހަކަތައް ދެއްކުމުގައި ވަގުތު ނަގާލެވެއެވެ. ވަރަށް ބިޒީކޮށް އުޅޭއިރު ސްޓްރެސް ފިލުވާލުމުގެ ގޮތުން މިގޮތަށް މަސައްކަތާއި ދުރުވެލުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ރަމަޝާން މަހުގައި ވަޒީފާ އަދާކުރާ ގަޑިތައް މަދުވުމުން މިގޮތަށް ވެއްޖެނަމަ ގަޑި ހަމަވާއިރު މަސައްކަތްތައް ނުނިމި ހުރެދާނެއެވެ. އަދި މަޑުކޮށްގެން ނިންމަން ހުންނަން ޖެހިދާނެއެވެ. އޭރުން ގެއަށް ދެވޭނީ މާލަހުންނެވެ. އެހެންކަމުން އޮފީހަށް ގޮސް ތިމާ ކުރަން ހުރި މަސައްކަތްތައް ރާވާލައި ފުރިހަމަ ސަމާލުކަން ދީގެން މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރާށެވެ.

2. ކުދިން ކޮންމެވެސް ރަނގަޅުކަމެއް ކުރުވައި މަޞްޢޫލުކޮށްލުން:

ތިމާގެ ދަރީންނަކީ ތުއްތު އަދި ހަލަނިކޮށް އުޅޭ ކުދީން ކަމަށްވާނަމަ، ބަދިގޭގެ މަސައްކަތް ކުރާއިރު އެންމެ ފުރަތަމަވެސް އެކުދިން ގާތުގައި ކޮންމެވެސް ކަމެއް ކޮށްލުމަށް ބުނެލާށެވެ. ޤުރުޢާން ކިޔަވާލުމާއި ފޮތް ކިޔުމާއި ކުރެހުންފަދަ ބޭނުންތެރި ކޮންމެވެސް ކަމެއް ކުރުމަށް ހަވާލުކުރާށެވެ. އޭރުން ބަދިގޭގައި މަސައްކަތް ކުރަން ފަސޭހަވާނެއެވެ. އަދި ދަރިފުޅަކީ ގޭތެރޭގެ ކަންކަންކޮށްލެވޭ ވަރުގެ ކުއްޖެނަމަ، އުމުރާއި ގުޅޭހެން ބަދިގޭގައި އަތްގާތްކޮށްދިނުމަށް ބުނުމަކީވެސް ކުރެވިދާނެ ކަމެކެވެ. އޭރުން އެ ދަރިފުޅު ފޫހިވެގެން ނޫޅޭނެއެވެ.

3. ކެއުމަށް ބޭނުންވާ އެއްޗެހީގެ ލިސްޓެއް އެކުލަވާލުން:

ވަޒީފާއިން އަންނަގޮތަށް ކޮންމެ ދުވަހަކުވެސް ކައްކާނެ އެއްޗަކާއިމެދު ވިސްނުމުގެ ބަދަލުގައި ކުރީބައިގައި އާއިލާގެ އެންމެންގެ މަޝްވަރާގެ މަތިން ތާވަލެއް އެކުލަވާ ލެވިދާނެއެވެ. އަދި އެތާވަލުގައި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއްކުއްޖަކަށް ކަމުދާ ކާއެއްޗެއް ހިމަނާލެވިދާނެއެވެ. އޭރުން އެކުދިން ކާއެއްޗެއްސާއި މެދު މައްސަލަޖެއްސުންވެސް ކުޑަވެގެންދާނެއެވެ. އަދި މިގޮތަށް ތާވަލެއް އެކުލަވާލުމުން ގެއަށް އަންނަގޮތަށް އެބޭނުންވާ އެއްޗެއް ހެދުމަށް އަވަސްވެ ގަނެވޭނެއެވެ.

4. ކުރީބައިގައި ތައްޔާރުވުން:

ރޯދަ ވިއްލާ އެއްޗެހި ތައްޔާރުކުރުމަށް އާއްމުކޮށް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ބަދިގެއަށް ވަންނާނީ ވަޒީފާއިން އަންނަގޮތަށް އައިހެވެ. އެއީ ގާތްގަނޑަކަށް 2 ޖަހާކަން ހާއިރެވެ. އަދި ބައެއް ދުވަސްތަކުގައި 3 ޖަހާއިރުވެސް ގެއަށް އާދެވިދާނެއެވެ. މިފަދަ ދުވަހެއްގައި ބަދިގެއަށްވަދެ އުނދުން ޖައްސާލާއިރަށް ގޭސްނެތްކަން އެވަގުތު އެނގުމަކީ ވަރަށް އުނދަގޫވާނެކަމެކެވެ. އަދި ގޭސް ލިބެންދެން ވަރަށް ގިނައިރު މަޑު ކުރަންވެސް ޖެހިދާނެއެވެ. އެހެންކަމުން ރޭގަނޑު ގޭސްހުރިކަން ޔަގީންގޮށް ކެއްކުމަށް ބޭނުންވާ ހުރިހާ ސާމާނު ހުރިތޯ ބަލަންވާނެއެވެ. އޭރުން އެއްޗެހި ގަތުމަށް އަނެއްކާ ދާންޖެހުމުން ވަގުތު ގެއްލޭނެއެވެ. މީގެ އިތުރުންވެސް ހާރަށް ކާން ތެދުވެ އުޅޭ ވަގުތުގައިވެސް އަލުވި މަޑުކުރުން، ތަރުކާރީ ކޮށާލާފައި ފްރިޖަށް ލަފައިބެހެއްޓުން ކަހަލަ ކަންކަން ކުރީބައިގައި ކޮށްލުމުން، ގެއަށް އައިސް ބަދިގޭގައި ހޭދަކުރަންޖެހޭ ވަގުތު މަދުވެގެންދާނެއެވެ.

5. އަޅުކަންތައް އަދާކުރުމުގައި ޓާގެޓުތަކެއް ކަނޑައެޅުން:

ޤުރްއާން ކިޔެވުމާއި ރޭއަޅުކަން ކުރުމުގައި ވަކި ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތް ކުރުމުން ހުރިހާ މަސައްކެތެއްވެސް ކުރާނީ އެކަންކަން ހާސިލްކުރެވޭނެ ގޮތަށް ބަލައިގެންނެވެ. މިސާލަކަށް ބަދިގޭގައި ހުއްޓައި ބަންގިގޮވުމުން އުނދުން ނިއްވާލައި ލަސްނުކޮށް ނަމާދަށް ދިއުމަށް އަޒުމް ކަނޑައެޅިދާނެއެވެ. އޭރުން ބަދިގެއަށް އަނބުރާއައިސް ހިތްހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެއެވެ. އަދި ކެއްކުމުގައިވެސް އެތައް ބައިވަރު ތަކެތި ހެދުމުގެ ބަދަލުގައި ކެއުމަށް ރަނގަޅު ދެތިން ވައްތަރެއް ތައްޔާރުކޮށްލައި ނިންމާލުމުން ޤުރުޢާން ކިޔެވުމަށް ވަގުތު ހުސްކުރެވޭނެއެވެ. ނުވަތަ އާއިލާއާއި އެކު ބޭރަށް ގޮސްލުމަށް ވަގުތުވެސް ލިބޭނެއެވެ.

ވަގުތަކީ އެމީހަކު އަމިއްލަޔަށް ހޯދަން މަސައްކަތް ކުރުމުން ލިބޭނެ އެއްޗެކެވެ. އެހެންކަމުން ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ހުރިހާ ބޭފުޅުންނަށްވެސް ނަޞޭހަތްތެރިވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން