ދިރާސީ އާއަހަރަށް އަފްޣާނިސްތާނުގެ ސްކޫލްތައް އަންގާރަ ދުވަހު ހުޅުވި ނަމަވެސް ކްލާސްތަކުގައި ކިޔެވުން ކުރިއަށް ނުދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ކިޔެވުން ކުރިއަށް ގެންދެވިފައިނުވަނީ، ދަރިވަރުންނަށް ކިޔެވުން ފެށުނުކަން ނޭނގުމުގެ ސަބަބުން ސްކޫލަށް ކުދިން ހާޒިރު ނުވުމާއި، ލައްކައެއްހާ ފުރާވަރުގެ އަންހެން ކުދިންނަށް ކްލާހަށް ހާޒިރުވުން މަނާކޮށްފައިވާތީ އެވެ.

ސްކޫލްތައް ހުޅުވާނެ ކަމުގެ އެއްވެސް މައުލޫމާތެއް އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައި ނުވާ ކަމަށް ބައެއް ޓީޗަރުންނާއި އޮފިޝަލުންވެސް ވަނީ ބުނެފަ އެވެ.



"މިއަދު ސްކޫލް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓަރު ނެރުއްވި ސިޓީއެއް އަޅުގަނޑުމެންގެ ޕްރިންސިޕަލް އަޅުގަނޑުމެންނަށް ދެއްވި ނަމަވެސް އާންމުކޮށް އިއުލާން ނުކުރުމުން އެއްވެސް ދަރިވަރަކު ނާދޭ،" ސައިދަލް ނަސޭރީ ބޯއީސް ހައި ސްކޫލްގެ ޓީޗަރެއް ކަމަށްވާ މުހައްމަދު އުސްމާން މީޑިއާ އަކާއި ވާހަކަ ދައްކަމުން ބުންޏެވެ.

މީގެ އިތުރުން ލައްކައެއްހާ ފުރާވަރުގެ އަންހެން ކުދިންނަށް ސެކަންޑަރީ ސްކޫލަށް ހާޒިރުވުން ތާލިބާނުން ވަނީ މަނާކޮށްފައެވެ. އަފްޣާނިސްތާނަކީ ދުނިޔޭގައިވެސް އަންހެން ކުދިން ސެކަންޑަރީ ސްކޫލަށް ދިއުން މަނާކޮށްފައިވާ ހަމައެކަނި ގައުމެވެ.

އަންހެން ކުދިންގެ ސާނަވީ ތައުލީމު މަނާކުރުމުގެ އުސޫލަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ މާޗް މަހު، އެޑިއުކޭޝަން މިނިސްޓްރީން އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ސްކޫލްތައް ހުޅުވާލިތާ ގަޑިއެއްހާއިރު ފަހުންނެވެ.



ޔުނިވާސިޓީތަކުންވެސް އަންހެން ދަރިވަރުންނަށް ތައުލީމު ދިނުން މަނާކޮށްފައިވާ ތާލިބާނުންގެ ލީޑަރުން ވަނީ އިތުރަށް ފައިސާ ހޯދައި އިސްލާމީ އުސޫލުން ސިލަބަސް ރިމޯޑް ކުރުމަށް ހަމަކުރަން ޖެހޭ ޝަރުތުތައް ފުރިހަމަވުމުން އަންހެން ކުދިންނަށް ސެކަންޑަރީ ސްކޫލްތައް ހުޅުވާނެ ކަމަށް މީގެކުރިން ބުނެފައެވެ.

މިކަމާއި ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ އަންހެނުންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ހައްޤު ހޯދައިދިނުމަކީ ޠާލިބާން ސަރުކާރު ބަލައިގަތުމާއި، އެހީ ފޯރުކޮށްދިނުމާއި ގުޅޭ މަޝްވަރާތަކުގައި މުހިންމު ޝަރުތަކަށް ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން