ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރެވޭނީ ޢިލްމީ ދިރާސާތަކެއް ހަދައިގެންކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕޮލިސް ބޯޑުން އިސްނަގައިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން މިއަދު ފެށި ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް, ރިފޯމް ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފެށީ ކަމުގެ ހަޤީގަތް އެނގިތިބެ, މިބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމާއެކުކަމަށެވެ. އެގޮތުން މިފެށުނީ ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި, ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކުގެ މުޅިން އާބޮޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ރިފޯމް ކުރުމުގެ މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިންތިޚާބީ ވައުދެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދިވެހި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި, އިހުތިރާމާއި ލޯބި ހޯދުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ ނިޒާމީގޮތެއްގައި ވަރަށް ތަރުތީބުކުރެވިގެން ކުރަންޖެހިފައިވާ ދަތި, ގޮންޖެހުންބޮޑު އުނދަގޫ މަސައްކަތެއްކަމަށެވެ. އެމަންޒިލަށް ވާސިލްވުމަށްޓަކައި ކަށިތަކުން ފުރިގެންވާ ދިގުރާސްތާއެއް ކަޑައްތުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދު މިމަސައްކަތް ފެށިގެންދާއިރު ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ތަރުތީބުކުރުމަށް ދިހަ ފަރާތަކުން ރިސަރޗްކޮށް ޕޭޕަރު ހުށަހެޅުމަކީ އަޅުގަނޑުމެންގެ މިމަގަށް އަލިކޮށްދޭނެ ވަރަށްބޮޑު އަލިކަމެއް. ފުރަތަމަ ފަހަރަށް ފުލުހުންގެ ޚިދުމަތް ބައްތަންކުރަންވީގޮތް ޢާއްމުރައްޔިތުން އެކުވެ ގުޅިގެން ދިރާސާވެރިންގެ ހޯދުންތަކާއެކު ހުށަހަޅައިދިނުމަކީ ރާއްޖޭގައި ކުރެވޭ އާ ތަޖުރިބާއެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމަށް މިއަދު ފަށާފައިވާ މަސައްކަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް މިކުރެވޭ މަސައްކަތް ކުރިއަށް ގެންދެވޭނީ އިލްމީ ހަމަތަކާއި ދިރާސާތަކުގެ މަތިން ކޮންފަރެންސްތަކާއި, ސެމިނާތަކާއި, ވޯކްޝޮޕްތައް ބާއްވައިގެންކަމަށެވެ. އެކަމުގައި ކޮލެޖްތަކާއި, ޔުނިވަރސިޓީތަކާ ރިސަރޗް ކުރައްވާ ބޭފުޅުން ފުރިހަމައަށް އެންގޭޖް ވާންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މިކަމަށް ލިބިގެންނޫނީ ކާމިޔާބުނުވާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ފުރިހަމަ ފުލުހުންގެ މުއައްސަސާއެއް ޤާއިމްކުރުމަށް ބޮޑެތި ދަތިތަކާއި, ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ.

ދިވެހި ފުލުހުންގެ މުއައްސަސާއަށް މިވީ އެންމެ 18 އަހަރުކަން ފާހަގަކުރަށްވަމުން މިނިސްޓަރ ވިދާޅުވީ، މުއައްސަސާގެ ޚިދުމަތް ގޮންޖެހުން ބޮޑު ދުވަސްވަރެއްގައި ބައްޓަންކުރުމުގައި ކުރިމަތިލާން ޖެހިފައިހުރި ދަތިތައް ވަރަށްގިނަ ކަމަށެވެ. ފުލުހުންގެ މުއައްސަސާގެ އިސްވެރިން އެއްގޮތެއްގައި ހިފެހެއްޓުމުގައި ވޭތުވެދިޔަ ދިހަ ފަނަރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވަރަށްބޮޑަތި ދަތިތައް އެބަހުރިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިކަންކަމުން އަރައިގަނެގެން ފުލުހުންގެ އިސްސަފް ތަރުތީބުކޮށް, ރަނގަޅު އޮފިސަރުން ބައްޓަންކުރުމަކީ އަޅުގަނޑު ހިތުން ދައުލަތުން އިސްކަންދޭންޖެހިފައިވާ ކަމެއް. ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ހޯދައިދީ އެކަމަށް މަގުފަހިވާނެ ގޮތްތައް ފަހިކޮށްދިނުމަކީ ސަރުކާރުތަކުގެ ބޮޑު ޒިންމާއެއް. ހަޤީގަތުގައިވެސް މިކޮންފަރެންސް ނިމިގެންދާއިރު މިސަރުކާރުން މިކަމަށް ކޮށްފައިވާ މުހިއްމު މަސައްކަތްތައް ފެނިގެންދާނެކަން އަޅުގަނޑަށް ޔަޤީން." މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުން ބުނީ މިއަދު ފެށި ކޮންފަރެންސް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން