ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަހާ އަމަލާ އެއްގޮތަކަށްވެސް ދިމާނުވާކަމަށާއި، މިކަމާމެދު މިއަދު ހުރިހާ ރައްޔިތުންވެސް ވިސްނަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ ޕެންޝަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ސަރުކާރުން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ގޯސްކަމަށާއި، އެމަނިކުފާނުގެ ހަރުދަނާ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ ބަހާ އަމަލާ އެއްގޮތަކަށްވެސް ދިމާ ނުވާކަމަށާއި، މިކަންކަމާމެދު މިއަދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށް ޖަމީލް ވަނީ ވިދާޅުވެފަައެވެ.

"‏2.4 ބިލިއަން ރުފިޔާ ޗާޕުކުރީ އެކަން ނުކުރާނެކަމަށް ހަރުއަޑުން ވިދާޅުވި މުއިއްޒު. އެއްވެސް ބޮޑު، ކުޑަ ވަޢުދެއް ހިފެހެއްޓިފައެއް ނުވޭ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ‏މިއަދު ޕެންޝަން އޮފީހުގައި ތިއްބެވި ހަރުދަނާ އަދި އުސޫލު ހިފަހައްޓަވާ ބޭފުޅުން އިޙްތިޖާޖުކޮށް އިސްތިއުފާ ދެއްވުމަކީ ރައްޔިތުން އެކަމަކާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމުގައެވެ.

"‏މިފަދަ ނުރައްކާތެރި ކަންތައްކޮށްފައި ވެރިޔަކު ރައްޔިތުން މަގުމަތިކޮށްލުމަކީ ބޮޑު އަނިޔާއެއް. މިއީ އެތަކެއް ނަޒަރަކުން ބަލާއިރު ބޮޑު ކްރައިމެެއް! ވިސްނަންވީ ރައްޔިތުން! ވިސްނަންވީ މުއިއްޒުގެ އިޚްލާސްތެރިކަމެއް ނެތް މިންވަރު! ވިސްނަންވީ މުއިއްޒު ހިފާފަހުރި ނުރައްކާތެރި މިސްރާބާމެދު!" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭ އަށް ވިއްކާލުމަށްފަހު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ 2.4 ބިލިއަން ރުފިޔާއިން، މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ އާ ބޮންޑަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމަށެވެ.

މި މުޢާމަލާތާއި ގުޅިގެން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ރޭ ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ "ޑުއަލް ކަރަންސީ" އިންވެސްޓްމަންޓް ޕްރޮޕޯޒަލްގައި އިންވެސްޓުކުރަނީ ޤާނޫނާއި ގަވާއިދުތަކާ އެގޮތްވާގޮތުގެ މަތިން ކަމަށާއި، މި މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ ކަމަށެވެ.

ނަމަވެސް އެމްއެމްއޭއިން ފައިސާ ނެރުމަކީ ފައިސާގެ ސަޕްލައި އިތުރުވެ، ފައިސާ ޗާޕުކުރުން ކަމުގައި ބެލެވޭނެ ކަމަށް އިޤްތިޞާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު