ޗައިނާގެ ބަރުލަމާނުން ރައީސްކަމުގެ މަގާމުގެ ތިންވަނަ ދައުރަކަށް ޗައިނާގެ ލީޑަރު ޝީ ޖިންޕިން އިސްކޮށްފިއެވެ. މިކަމުގެ ސަބަބުން ޖީލުތަކަކަށްފަހު ޗައިނާގައި އުފެދުނު އެންމެ ނުފޫޒާއި ބާރުގަދަ ވެރިޔާކަން އުމުރުން 69 އަހަރުގެ ޝީ ޖިންޕިންއަށް ވަނީ ކަށަވަރުކުރެވިފައެވެ.

ޗައިނާގެ ވެރިކަން ހިންގުމުގެ ނިޒާމުގައި ރައީސްކަމުގެގެ މަގާމަކީ މައިގަނޑަކަށް ރަސްމިއްޔާތުތަކަށް ޚާއްޞަ ރަމްޒީ މަގާމެކެވެ. ރައީސް ޝީއަށް ހަގީގީ ބާރު ލިބެނީ އޭނާ އަދާކުރައްވާ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކެޓްރީ އަދި ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ) ގެ ރައީސްކަމުގެ މަގާމުންނެވެ. އޭނާއަށް ދެ މަގާމު ވެސް ހަވާލުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ޕާޓީގެ ކޮންގްރެސްގައެވެ.

ރައީސް ކަމުގެ ތިން ވަނަ ދައުރެއް ޝީއަށް ކަށަވަރުވާނެކަމަކީ ގިނަ ބަޔަކު ކުރިންވެސް ލަފާކޮށްފައިވާ ކަމެކެވެ. މިހާރު އެއަށްވުރެ މުހިއްމުކަންދެވެނީ ކުރިޔަށް ހުރި ދުވަސްތަކުގައި ބޮޑުވަޒީރުކަމަށާއި ވަޒީރުކަމަށް އައްޔަނުކުރައްވާނެ ބަޔަކާމެދުގައެވެ.

އަލަށް އައްޔަންކުރައްވާނެ ކަމަށް ބެލެވެނީ މައިގަނޑަކަށް ޝީއަށް ތާއީދުކުރާ، އޭނާއަށް ވަފާތެރި މީހުންނެވެ. އޭގެ ތެރޭގައި ޝީއަށް ފަހު އެންމެ ބާރުގަދަ މަގާމަށް އައްޔަނުކުރައްވާނެ ކަމަށް ބެލެވޭ، ލީ ޗިއަންގް ހިމެނެއެވެ.

ޝީ އޭނާގެ މި ބާރު ކަށަވަރުކޮށްފައި މިވަނީ، އޭނާ ކޮވިޑް ނައްތަވާލެއްވުމަށް ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ޗައިނާގައި ގިނަ އަދަދެއްގެ މުޒާހަރާތައް ކުރެވި، އުފެދުނު ހަލަބޮލިކަން ނިމި، އަލުން ގައުމު ހުޅުވާލި ދަނޑިވަޅުގައެވެ. އަދި މިއީ ޗައިނާގެ އުފަންވާ ރޭޓު ދަށްވެ، ގައުމުގެ އިގްތިސާދީ ކުރިއެރުމަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްވެސްމެއެވެ.

މިދުވަސްވަރަކީ ޗައިނާއިން ބެލޫނިތަކެއް ބޭނުންކޮށްގެން އެމެރިކާއަށް ޖާސޫސްކުރާކަމަށް ތުހުމަތުކުރެވި، އެކަމުގެ ސަބަބުން އެ ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއް ވެސް މެއެވެ.

މާއޮ ޒެދޮންގް އަށް ފަހު ޗައިނާގެ ލީޑަރުންގެ ވެރިކަމުގެ މުއްދަތު އޮތީ ދެ ދައުރަށް ހަނިކޮށްފައެވެ. އެހެންނަމަވެސް ޝީ ވަނީ 2018 ވަނަ އަހަރުގައި އެކަން ބަދަލުކޮށްފައެވެ. އެހެންކަމުން މާއޮގެ ވެރިކަމަށް ފަހު ދެ ދައުރަށް ވުރެ ދިގުމުއްދަތަކަށް ވެރިކަންކުރާ ހަމައެކަނި ފަރާތަކީ ޝީ ކަމުގައި މި ވަނީ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން