"މަސްކިއުލަރ ޑިސްޓްރޮފީ"ގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ، ޓްވިޓަރގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ހަރަލްދޫރް ތޯރލެއިފްސަނަށް ފުރައްސާރަކުރުމަށްފަހު، އެއީ އެރި އޮޅުމެއްގެ ސަބަބުން ލިޔުނު އެއްޗެއް ކަމަށް ބުނެ ޓްވިޓަރގެ ސީއީއޯ އިލޯން މަސްކް ވަނީ ބުދަދުވަހު މާފަށް އެދިފައެވެ. ހަރަލްދޫރް ތޯރލެއިފްސަނަށް މަސްްކް މި ފުރައްސާރައެއް ކުރީ، އޭނާއަކީ އަދިވެސް ޓްވިޓަރގެ މުވައްޒަފެއްހޭ އަހައި، ޓްވީޓަކުން އިލޯން މަސްކާ ސުވާލުކުރުމުންނެވެ.

އިލޯން މަސްކް އެކުންފުނި ގަތުމުގެ ކުރިން އެ ކުންފުނީގެ ސީނިއަރ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށް ބުނާ ހަރަލްދޫރް ތޯރލެއިފްސަން ބުނެފައިވާ ގޮތުގައި އޮންލައިންކޮށް އޭނާ ކުރަމުން އަންނަ އެކުންފުނީގެ މަސައްކަތްކުރުމަށްޓަކައި އޭނާއަށް ލޮގިން ނުވެވޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވުމުން، އޭނާގެ ވަޒީފާގެ ހާލަތާ ބެހޭ ގޮތުން ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ސާފު ޖަވާބެއް ނުލިބުމުން، ޓްވިޓަރގައި އާއްމުކޮށް ފެންނާނޭހެން އެކަމާއި ގުޅޭގޮތުން އިލޯން މަސްކާ ސުވާލުކުރީއެވެ.

ޖަވާބުގައި ޓްވިޓަރގެ ވެރިޔާ މަސްކް ވަނީ، ތޯރލެއިފްސަން ޓްވިޓަރގައި އަދާކުރާ ދައުރާއި ޒިންމާތައް ހާމަކުރުމަށް އެދުމަށްފަހު، އޭނާއަށް މަލާމާތާއި ފުރައްސާރަކުރުމުގެ ގޮތުން ހޭ އިމޯޖީތަކާއި، މަޖާ ވީޑިއޯ ކްލިޕްތައް ޕޯސްޓް ކޮށްފައެވެ. އަދި ތޯރލެއިފްސަނަކީ "ބޭކާރު" މުވައްޒަފެއް ކަމަށް ބުނި މީހަކާ އެއްބަސްވެސް ވެފައެވެ.

މީގެ އިތުރުން މަސްކް ވަނީ ތޯރލެއިފްސަންގެ ނުކުޅެދުންތެރިކަމާމެދު ޝައްކުކޮށް، ތޯރލައިފްސަން ޓްވިޓަރގެ އަށި ބޭނުންކޮށްގެން އޭނާއާ ކުރިމަތިލުމުގެ ބޭނުމަކީ ބޮޑު އަދަދެއްގެ ފައިސާގަނޑެއް ހޯދުން ކަމަށް ތުހުމަތުކޮށްފައެވެ.

އިލޯން މަސްކް އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން ތޯރލެއިފްސަން އަކީ މިނިވަންކަމާއެކު އުޅެވޭ ވަރުގެ ތަނަވަސް މީހެއް ކަމަށާއި، އޭނާއަކީ ޓްވިޓަރގައި ހަގީގީ އެއްވެސް މަސައްކަތެއް ކުރި މީހެއް ނޫން ކަމަށާއި، ނުކުޅެދުންތެރިކަމުގެ ބަހަނާ ދައްކައިގެން ޓައިޕްނުކުރެވޭކަމަށް ބުނާއިރު މިހާރުވެސް ފުލުފުލުން ޓްވީޓްތައް ކުރަމުން އަންނަކަމަށެވެ. އަދި އެފަދަ މީހަކަށް ތިމަންނާއަށް މާބޮޑު ގަދަރެއް ދެވިދާނެއޭ ނުބުނެވޭނެ ކަމަށްވެސް އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި މަސްކް ބުނެފައިވެއެވެ.

ތޯރލެއިފްސަނަށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން ފަހުން އެނގުމުން، ވަޒީފާއިން ވަކިކުރި އިރު އޭނާއަށް އެކަން އަންގާފައި ނުވާތީ އެ ކުންފުންޏަށް ފާޑުކިޔާފައިވެއެވެ.

ތޯރލެއިފްސަން ވަނީ އޭނާގެ ނުކުޅެދުންތެރިކަމުގެ ތަފްސީލާއި، އިލޯން މަސްކް ޓްވިޓަރގެ ސީއީއޯ އަކަށް ވުމުގެ ކުރިންނާއި ފަހުންވެސް ޓްވިޓަރގައި ހޭދަކުރި ދުވަސްވަރު އޭނާ އަދާކުރި ދައުރު ބަޔާންކޮށް ޓްވީޓް ރޮއްޖެއް ޝާއިއުކޮށްފައެވެ.

މަސްކްގެ ވާހަކަތަކަށް ފާޑުކިޔުންތައް އަމާޒުވުމުން، އޭނާ ވަނީ ބުދަ ދުވަހު ކުރި ޓްވީޓެއްގައި ތޯރލެއިފްސަންގެ ކިބައިން މާފަށް އެދިފައެވެ. އަދި އެއީ ލިބުނު ގޯސް މައުލޫމާތެއްގެ ސަބަބުން އޭނާއަށް އެރި އޮޅުމެއް ކަމަށް ބަޔާންކޮށްފައެވެ. އޭނާ އިތުރަށް ބުނެފައިވާގޮތުގައި އޭނާ މިހާރު އަންނަނީ ތޯރލެއިފްސަން އާ މުއާމަލާތްކުރަމުންނެވެ. އަދި ތޯރލެއިފްސަންގެ ވިސްނުން ހުރީ ޓްވިޓަރގެ މުވައްޒަފެއްގެ ގޮތުގައި ދެމިހުރުމަށް ކަމަށް ވެސް މަސްކް ބުނެފައިވެއެވެ.

ތޯރލެއިފްސަން އެނބުރި ޓްވިޓަރަށް އަންނާނެ ކަމާއި މެދު އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އޭނާ ކުރި ޓްވީޓެއްގައި އައިސްލޭންޑްގެ ރެއިކްއަވިކްގައި ރެސްޓޯރެންޓެއް ހުޅުވަން ރާވާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން