ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ފަސް ބުރީގެ އިމާރާތެއްގައި އެއްޗެއް ގޮވައި 17 މީހަކު މަރުވެއްޖެއެވެ.

މިހާދިސާގައި ފުނޑުފުނޑުވެގެން ދިޔަ އިމާރާތަކީ ވިޔަފާރިވެރިންގެ މައި ހަބެއްގައި ހުރި އޮފީސް އިމާރާތެކެވެ. މިހާދިސާގައި 17 މީހަކު މިހާތަނަށް މަރުވެފައިވާއިރު، 140 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

މިހާދިސާ އާއެކު އިމާރާތުގެ ތެރޭގައި ތާށިވެފައި އިތުރު ބަޔަކު އަދި ތިބި ކަމަށް ލަފާކޮށް އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އިމާރާތުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވަމުން ދިޔަ ފަޔަރ ފައިޓަރުން ހާމަކޮށްފައިވާ ގޮތުން، ބާރުގަދަ އެއްޗެއް ގޮވީ އިމާރާތުގެ ހަތަރު ވަނަ ނުވަތަ ފަސްވަނަ ފަންގި ފިލާގައެވެ. ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށްވެއެވެ. އަދި އެއްޗެއް ގޮވިއިރު، އަލިފާނުގެ ހާދިސާއެއް ނުހިނގާކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ.

މިހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި އިމާރާތް ދޮށުގައި އޮތް ބަހެއްގައި ތިބި ތިރީހަކަށް މީހުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން