މި މަހުގެ ތިންވަނަ ނުވަތަ ހަތަރުވަނަ ހަފްތާގައި 2.9 ބިލިއަން ޑޮލަރުގެ ލޯނަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެންމެ ފަހުގެ ރުހުން ލިބޭނެކަމަށް ބަނގުރޫޓުވެފައިވާ ސްރީލަންކާގެ ރައީސް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ގާނޫނުހަދާ މަޖިލީހުގައި ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ޗައިނާއިން އަލުން ދިން އެހީތެރިކަމާއެކީ ފައިސާ ހޯދުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

މިއީ 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާ، 1948 ވަނަ އަހަރު އިނގިރޭސިވިލާތުން މިނިވަންވި ފަހުން އެންމެ ބޮޑު އިގްތިސާދީ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެވެ. 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނިތައް ނުދެއްކި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ ގައުމު ބަނގުރޫޓުވުމާ ގުޅިގެން, މުޅި ގައުމު ކާބޯތަކެއްޗާއި ތެލަށްޖެހުނެވެ.

ވިކްރަމަސިންހަ ވިދާޅުވީ އިގްތިސާދު ރަނގަޅުވަމުންދާކަމުގެ ނިޝާންތައް ފެންނަ ނަމަވެސް އަދިވެސް އެގައުމުގައި މުދާ އެތެރެކުރުމަށް އެކަށީގެންވާ އަދަދަށް ބޭރު ފައިސާ ނެތުމުގެ ސަބަބުން އައިއެމްއެފްގެ ލޯނު މުހިއްމުވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ލޯނުދޭ އެހެން ފަރާތްތަކުން ވެސް ލޯނުދޭން ފަށާނެ ކަމަށެވެ.

"ސްރީލަންކާއިން ވަނީ އައިއެމްއެފްގެ ލޯނު ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާފައި،" އޭނާ ވިދާޅުވިއެވެ.

“ރޭ އަޅުގަނޑުމެންނަށް ޗައިނާގެ އެގްޒިމް ބޭންކުން އާ ސިޓީއެއް ލިބުނު. މަރުކަޒީ ބޭންކުގެ ގަވަރުނަރާއި އަޅުގަނޑާ ގަސްދުނާމާގެ ސިޓީއެއްގައި ސޮއިކޮށް އައިއެމްއެފްއަށް ފޮނުވައިފިން. މިކަމާއި އަދި އިންޑިއާއާއި، ޕެރިސް ކްލަބުން ލިބޭ މާލީ ޔަގީންކަމުގެ ނަތީޖާއެއްގެ ގޮތުން މާޗު މަހުގެ ތިންވަނަ ނުވަތަ ހަތަރުވަނަ ހަފްތާގައި މި ޕްރޮގްރާމަށް ރުހުން ލިބޭނެ ކަމަށް އުންމީދު ކުރަން.”

އައިއެމްއެފްގެ ބެއިލްއައުޓްގެ ޝަރުތުތައް ފުރިހަމަކުރުމަށްޓަކައި ރައީސް ވިކްރަމަސިންހާގޭ ސަރުކާރުން ވަނީ އިންތިހާއަށް ޓެކްސް ބޮޑުކޮށް، ޕެޓްރޯލާއި ކަރަންޓަށް ދޭ ސަބްސިޑީތައް ހުއްޓާލައި، އަދި ގެއްލުން ލިބޭ ދައުލަތުގެ ވިޔަފާރިތައް ވިއްކުމުގެ ޕްލޭންތައް ރާވާފައެވެ.

ދުނިޔޭގެ ގައުމުތަކަށް އެންމެ ބޮޑު އަދަދުން ލޯނުދޭ ޗައިނާއިން ހޯމަ ދުވަހު ސްރީލަންކާއަށް ދިނީ ކޮން އާ އެހީތެރިކަމެއްކަން ސާފެއް ނުވެއެވެ.

ޖެނުއަރީ މަހު ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުން ވަނީ ސްރީލަންކާއަށް ދެ އަހަރު ދުވަހަށް ދަރަނި އަދާކުރުން މަޑުޖައްސާލުމުގެ ފުރުސަތު ދީފައެވެ. އަދި އެއާއެކު އައިއެމްއެފްގެ ލޯނު ހޯދުމަށް އެގައުމުން ކުރާ މަސައްކަތަށް އެހީތެރިވެދޭނެ ކަމަށް ވެސް ބުނެފައެވެ.

ސްރީލަންކާއަށް އެންމެ ބޮޑެތި އަދަދުން ލޯނުދީފައިވާ ގައުމުތަކަކީ ޗައިނާ އާއި އިންޑިއާއެވެ. އައިއެމްއެފްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ނިމުނުއިރު ސްރީލަންކާއިން ޗައިނާގެ އެގްޒިމް ބޭންކަށް 2.83 ބިލިއަން ޑޮލަރަށް ދަރާފައި އޮތެވެ. އެއީ އެ ގައުމުގެ ބޭރުގެ ދަރަނިތަކުގެ 3.5 އިންސައްތައެވެ.

ޗައިނާ އެފްރިކާ ރިސަރޗް އިނީޝިއޭޓިވްގެ ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ނިމުނުއިރު ސްރީލަންކާއިން ޗައިނާގެ ލޯނު ދޫކުރާ ފަރާތްތަކަށް 7.4 ބިލިއަން ޑޮލަރަށް ދަރާފައިވެއެވެ. އެއީ ސްރީލަންކާގެ ބޭރުގެ ދަރަނީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައެވެ.

ބައިނަލްއަގްވާމީ ދަރަނީގެ މައްސަލަތައް ހައްލުކުރުމުގައި ޗައިނާއިން ބިނާކުރަނިވި ގޮތެއްގައި ބައިވެރިވާނެކަމަށް މިދިޔަ އަންގާރަ ދުވަހު ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގަންގް ވިދާޅުވިއެވެ. ބެއިޖިންގައި ކުރިޔަށް ދާ އަހަރީ ބަރުލަމާނީ ބައްދަލުވުމުގެ ތެރެއިން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާއަކީ އެހެން ގައުމުތައް ދަރަނީގެ މަޅީގައި ޖައްސާ ގައުމެއް ނޫން ކަމަށް ވެސް ޗިން ވިދާޅުވިއެވެ.

ރައީސް ވިކްރަމަސިންހަ އިތުރަށް ވިދާޅުވީ 2029 ވަނަ އަހަރާ ހަމައަށް ސްރީލަންކާއިން އަހަރަކު ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، އައިއެމްއެފްއާ ގުޅިގެން ދެމިތިބެންޖެހޭނެ ކަމަށެވެ.

ދަރަނީގެ ދަތިކަން ކުރިމަތިވެފައިވާ ޒެމްބިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކަށް އައިއެމްއެފްގެ ބެއިލްއައުޓް ލިބުމުގައި އާދަޔާ ޚިލާފު ލަސްތަކެއް ކުރިމަތިވެފައި ވަނީ ޗައިނާ އާއި ހުޅަނގުގެ ގައުމުތަކުން ދަރަންޏަށް ލުއިދޭނެ ގޮތަކާ މެދު އުފެދިފައިވާ ދެބަސްވުންތަކެއްގެ ސަބަބުންނެވެ. އައިއެމްއެފްއާ އެކު މުވައްޒަފުންގެ ލެވެލްގެ އެއްބަސްވުމަކަށް އައުމަށްފަހު ބެއިލްއައުޓް ފައިނަލް ކުރުމަށް ސްރީލަންކާއިން އިންތިޒާރު ކުރަމުން އަންނަތާ ގާތްގަނޑަކަށް 187 ދުވަސް ވެއްޖެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން