އުދުހެމުން ދިޔަ އެމެރިކާގެ ޔުނައިޓެޑް އެއަރލައިންސްގެ ފްލައިޓެއްގެ ދޮރު ހުޅުވަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ލޮސް އެންޖެލިސް އިން ބޮސްޓަން އަށް ދަތުރުކުރި މި ފްލައިޓުގެ ދޮރު ހުޅުވަން މަސައްކަތްކުރީ އުމުރުން 33 އަހަރުގެ ފްރަންސިސްކޯ ޓޮރެސް ނަމަކަށް ކިޔާ ފިރިހެން ފަސެންޖަރެކެވެ.

ރިޕޯޓުތައް ބުނާގޮތުން، އޭނާ ފްލައިޓުގެ ދޮރު ހުޅުވަން މަސައްކަތް ކުރިކަން ކްރޫއިންނަށް އެނގުނީ ފްލައިޓުގެ މައި ދޮރުމަތީގައި ހާސްވެގެން އުޅޭ މީހަކު ފެނުމުން އޭނާ އަށް އެހީތެރިކަމެއް ބޭނުންވޭތޯ ބެލުމުންނެވެ. ފްލައިޓުގެ ދޮރު ހުޅުވަން މަސައްކަތް ކުރި ކަން ފަޅާ އެރުމުން އޭނާ ވަނީ ސަމްސަލެއް ހަލާކުކޮށްލައި، ކްރޫއަށް ހަމަލާދޭންވެސް މަސައްކަތްކޮށްފައެވެ.

ކްރޫއަށް ހަމަލާދޭން މަސައްކަތް ކުރުމުން ޓޮރެސް ހިފެހެއްޓީ ފްލައިޓުގައި ތިބި އެެހެން ފަސިންޖަރުންތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާދިސާ ހިނގާފައިވަނީ ބޮސްޓަން އެއަރޕޯޓަށް ފްލައިޓު ޖައްސަން ތައްޔާރުވަނިކޮށެވެ. އަދި ފްލައިޓު ޖެއްސުމާއެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ޓޮރެސް ހައްޔަރު ކުރުމުން އޭނާ ބުނީ ފްލައިޓު ދޮރު ހުޅުވަން މަސައްކަތް ކުރީ ކްރޫއިން އޭނާ އަށް ހަމަލާ ދޭން އުޅޭހެން ހީވުމުން ކަމަށެވެ.

މިހާދިސާގެ ތަހުގީގު ކުރިއަށް ދާއިރު، ޓޮރެސްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ސާބިތުވެއްޖެނަމަ، ފްލައިޓުގެ ކްރޫއިންގެ މަސައްކަތަށް ހުރަސް އަޅާ އަދި ބިރު ދެއްްކުމުގެ ތުހުމަތުގައި އުމުރު ދުވަހުގެ ޖަލު ހުކުމަކާއިއެކު 250،000 ޑޮލަރުން ޖޫރިމާނާ ކުރެވޭނެ ކަމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ހާމަކޮށްފައިވެއެވެ. މީގެއިތުރުން، ޔުނައިޓެޑް އެއަރލައިންސް އިން ވަނީ އުމުރު ދުވަހަށް ޓޮރެސްއަށް ޔުނައިޓެޑްގެ ފްލައިޓަކުން ދަތުރު ނުކުރެވޭނެގޮތަށް ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން