ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންގެންދާ ހަނގުރާމައަށް 374 ދުވަސް ފުރެމުންދާއިރު މި ބަލާލަނީ މިހަނގުރާމައާގުޅޭ އެންމެ ފަހުގެ އުސްއަލިތަކުގެ މައްޗަށެވެ.

ހަނގުރާމައިގެ މައިދާން:

•ޔޫކްރެއިންގައި ހަރަކާތްތެރިވަމުންދާ ރަޝިޔާގެ އަމިއްލަ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވެގްނަރ ގްރޫޕްގެ ވެރިޔާއާ ހަވާލާދީ އަލްޖަޒީރާ ނޫހުން ބުނެފައިވާ ގޮތުން ޔޫކްރެއިންގެ އިރުމަތީ ސަހަރެއް ކަމަށްވާ ބަޚްމުތުގެ އެންމެ މަގެއް ފިޔަވައި ހުރިހާ މަގުތަކެއް ބަންދުކޮށް މުޅި ސަހަރު އެއްކޮށްހެން ވަނީ ވަށާލެވިފައެވެ.

•ބަޚްމުތުގައި ހަރަކާތްތެރިވާ ޔޫކްރެއިންގެ ޑްރޯން ޔުނިޓުގެ ސިފައިން އެ ސަހަރު ދޫކޮށް ވަގުތުން ވަގުތަށް ނިކުތުމުގެ އަމުރު ނެރެފައިވާކަމަށް އެ ޔުނިޓުގެ ކޮމާންޑަރު ވަނީ ވީޑިއޯއެއް މެދުވެރިކޮށް ބުނެފައެވެ.

•އެމެރިކާއިން ޔޫކްރެއިނަށް 400 މިލިއަން ޑޮލަރުގެ އާ އަސްކަރީ އެހީގެ ޕެކޭޖެއް ދިނުމަށް ވަނީ އިއުލާންކޮށްފައެވެ. އޭގައި މައިގަނޑަކަށް ހިމެނޭނީ ހަތިޔާރުތަކަށް ބޭނުންވާ އުންޑައާއި ވަޒަނެވެ. އެހެންނަމަވެސް މިފަހަރުގެ ޕެކޭޖްގައި މުޅީން އަލަށް ޓޭންކުތަކާއި ބަރުހަތިޔާރުއުފުލާ އުޅަނދުތައް އެއްތަނުން އަނެއް ތަނަށް އުފުލަށް ބޭނުންކުރާ ހަނގުރާމަމަތީ ފާލަންތައްވެސް ހިމެނޭނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

•ރަޝިޔާގެ އިމުގެ ސަރަހައްދުން ވަދެގަންނަން އުޅޭ އުޅުން ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ. ޔޫކްރެއިންއާ އިންވެގެން އޮންނަ ރަޝިޔާގެ ބްރިޔަންސްކަށް ދީފައިވާ ހަމަލާއަކީ "ނިރުބަވެރި ހަމަލާއެއް" ކަމަށް ސިފަކުރައްވައި ރަޝިޔާގެ ރައީސް ވްލަދިމީރް ޕޫޓިން ވަނީ، ނިރުބަވެރިކަމާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމާއިބެހޭގޮތުން ވާހަކަތައްދެއްކުމަށް އެގައުމުގެ ސަލާމަތީ މަޖިލީހަށް އަންގަވާފައެވެ.

ޑިޕްލޮމެސީ

•ހުކުރު ދުވަހު އެމެރިކާގެ އޯވަލް އޮފީގައި އެގައުމުގެ ރައީސް ޖޯ ބައިޑަންއާއި ޖަރުމަނުވިލާތުގެ ޗާންސެލަރު އޯލާފް ޝޮލްޒް ބައްދަލުކުރައްވައި، ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން ރަޝިޔާއަށް ފިއްތުންތައް ކުރިމަތިކުރުމުގައި ދެގައުމުވެސް އަވަސްފިޔަވަޅު މަތީގައި ތިބި ކަމަށް ވަނީ އިޢުލާނުކުރައްވާފައެވެ.

•ޗައިނާއިން ރަޝިޔާއަށް މި ދަނޑިވަޅުގައި ހަތިޔާރު ފޯރުކޮށްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެކަމުގެ ރައްދެއްގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ޔޫރަޕިއަން ޔޫނިއަންގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނޫސް އެޖެންސީން ބުނެފައިވެއެވެ.

•ބަދަލުގައި އަދަބެއް ނުލިބޭނެކަމަށް ދެކިގެން ޔޫކްރެއިންގައި ހަނގުރާމަކުރުމަށް ރަޝިޔާއަށް ފުރުސަތު ނުދެވޭނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވުމާއި ގުޅިގެން ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގެއި ލަވްރޯވް ވަނީ އެމެރިކާއަކީ މުނާފިޤު ގައުމެއްކަމަށް ތުހުމަތު ކުރައްވާފައެވެ.

•އެމެރިކާގެ ބަންޑާރަ ނާއިބު މެރިކް ގާލަންޑް ހުކުރު ދުވަހު ޔޫކްރޭނަށް ކުރެއްވި ކުއްލި ދަތުރެއްގައި ވަނީ، "ރަޝިޔާގެ ހަނގުރާމައިގެ ކުށްވެރިން" އެބައިމީހުންގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވާނެކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންފައެވެ.

•ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި އިންސާފު ލިބޭނީ ރަޝިޔާގެ ދައުލަތާއި އަސްކަރީ ވެރިކަމުގެ ފަރާތުން އޭނާގެ ގައުމާ ދެކޮޅަށް ފެށި ހަނގުރާމައަށް ރަޝިޔާ ޖަވާބުދާރީކުރުވުމުންކަމަށެވެ.

•އެމެރިކާއާއި، ޖަޕާނާއި، އޮސްޓްރޭލިޔާއާއި، އިންޑިޔާގެ މައްޗަށް އެކުލެވިގެން ސަލާމަތީ ކަންކަމުގައި މަޝްވަރާކުރުމަށްޓަކައި އުފައްދާފައިވާ ކުއަޑް ގްރޫޕްގެ ފޮރިން މިނިސްޓަރުން ވަނީ ޔޫކްރެއިން ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެކަމަށް ރަޝިޔާއިން ދީފައިވާ އިންޒާރާ ދެކޮޅަށް އަޑުއުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން