ނިއުދިއްލީގައި މިހާރު ކުރިއަށްދާ ޖީ20 ގެ ބައްދަލުވުމުގެ އަރިމަތިން، ބުރާސްފަތި ދުވަހު އިންޑިޔާއާއި ޗައިނާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރެއްވި ބައްދަލުކުރެއްވުމަކީ، 2020 އިން ފެށިގެން ގޯސްވެފައިވާ ދެ ގައުމުގެ ގުޅުން ފިނިވަމުން އަންނަކަމުގެ އިޝާރާތެކެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމަންޔަމް ޖައިޝަންކަރު ވިދާޅުވީ ޗައިނާގެ ވަޒީރު ޗިން ގަންގްއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި "ދެގައުމުގެ ގުޅުމަށް މިހާރު ހުރި ގޮންޖެހުންތަކާއި، ޚާއްޞަކޮށް ދެ ގައުމުގެ އިމުގެ ސަރަހައްދުތަކުގައި ސުލްހައާއި ހަމަޖެހުން ގާއިމްކުރުމުގެ މައްޗަށް ބާރުއަޅައި ވާހަކަދެކެވުނު" ކަމަށެވެ.

"އެ ގުޅުމުގައި ބަލަން ޖެހޭ ހަގީގީ މައްސަލަތަކެއް އެބަހުރި، އަޅުގަނޑުމެންގެ މެދުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސާފުކޮށް މަޝްވަރާ ކުރަން ޖެހޭ،" ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވިއެވެ. "މިއަދު އަޅުގަނޑުމެން ކުރަން އުޅުނު ކަމަކީ އެއީ."

ޖީ20 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށް އިންޑިއާއަށް ވަޑައިގެން އުޅުއްވާ ޗިން، ޖައިޝަންކަރާއި ބައްދަލުކުރެއްވީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް “ޗައިނާއިން އިންޑިއާއަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ” ކަމަށް ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.

އެކަމަނާ ވިދާޅުވީ އަވަށްޓެރި ދެ ގައުމުގެ މެދުގައި ރަނގަޅު ގުޅުމެއް ދެމެހެއްޓުމަކީ އެ ދެ ގައުމުގެ މަސްލަހަތަށްޓަކައި ބުންޔާދީ ކަމެއް ކަމަށެވެ.

2020 ވަނަ އަހަރު ލަޑާކް ސަރަހައްދުގެ އިމުގައި އިންޑިއާއާއި ޗައިނާގެ ސިފައިންގެ މެދުގައި ތަޅާފޮޅުން ހިންގައި ހަމަލާބަދަލުކުރި ފަހުން އިންޑިޔާއާއި ޗައިނާގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އެފަހަރު އިންޑިއާގެ ސިފައިންގެ 20 މީހަކާއި ޗައިނާ ސިފައިންގެ ހަތަރު މީހަކު މަރުވިއެވެ.

ދެ ފަރާތުން ވެސް ތުހުމަތުކޮށްފައިވާ ގޮތުން އަނެއް ފަރާތުން "ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް" ގެ ނަމުން ނަން ދެވިފައިވާ ސަރަހައްދީ އިން ހުރަސްކޮށް ވަދެގަނެފައިވާކަމަށެވެ. ލަޑާކް ސަރަހައްދުގައި، ކަނޑުގެ ލޮނުގަނޑުން ފެށިގެން 4،270 މީޓަރު (14،000 ފޫޓު) އުސްމިނުގައި އޮންނަ ޕަންގޮންގް ކުޅި އަކީ މި ހަމަނުޖެހުންތައް ހިނގި ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެވެ.

ސަރަހައްދީ އިމުގެ މިމައްސަލަތައް ފެށުނީ 2020 ވަނަ އަހަރުގެ މެއި މަހު ޕަންގޮންގް ކުޅި ކައިރީގައި އިންޑިއާ އާއި ޗައިނާ ސިފައިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައި، ދެ ފަރާތުގެ 11 ސިފައިންނަށް އަނިޔާވި ހިސާބުންނެވެ.

މި ހަމަނުޖެހުންތައް އިތުރަށް ގޯސްވީ އޭގެ މަހެއްހާ ދުވަސް ފަހުން 15 ޖޫން، 2020 ގައި އެއްބަޔަކު އަނެއްބައެއްގެ ގަޔަށް އަތްލައި ހިންގި ތަޅާފޮޅުމެއްގައި އިންޑިއާގެ 20 ސިފައިންނާއި, ހާމަނުކުރާ އަދަދެއްގެ ޗައިނާ ސިފައިން މަރުވުމުންނެވެ.

އިންޑިއާ އާއި ޗައިނާގެ އަސްކަރީ ކޮމާންޑަރުންގެ މެދުގައި 17 ފަހަރެއްގެ މަތީން މަޝްވަރާތައް ކުރިއަށް ގެންދެވިފައި ވީ ނަމަވެސް މިހާތަނަށް މައްސަލައައް ހައްލެއް ލިބިފައެއް ނުވެއެވެ.

2020 ވަނަ އަހަރުން ފެށިގެން އިރުމަތީ ލަޑާކްގެ "ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް"އާ ދިމާގައި ޗައިނާއިން އަންނަނީ ފިނިމޫސުމުގައި ޗައިނާ ސިފައިން ތިބޭނެ ބެރެކްސްތަކެއްގެ ގޮތުގައި މޫސުމީ އަސަރުނުކުރާ ބޮޑެތި ދިހަބާރަވަރަކަށް ތަން ހަދަމުންނެވެ. މީގެ އިތުރުން އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ޗައިނާއިން އަންނަނީ އެ ސަރަހައްދުގައި މުޅީން އަލަށް ހެލިކޮޕްޓަރު ޖައްސާ ތަންތަނާއި، މަތިންދާބޯޓު ޖައްސާ ރަންވޭތަކާއި، ބިމުން މައްޗަށް ފޮނުވާ މިސައިލްތަކަށް ޚާއްޞަ ތަންތަން ހަދައި, އެކި ދިމަދިމާގައި ރާޑަރުތައް ބަހައްޓަމުންނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާ އާއި ޗައިނާއިން ވަނީ ޕަންގޮންގް ކުޅީގެ އުތުރާއި ދެކުނު އައްސޭރީގެ ބައެއް ތަންތަނުން ސިފައިން ބާލާފައެވެ. އެހެންނަމަވެސް ދެ ފަރާތުން ވެސް އަންނަނީ, އިމުގެ އެސަރަހައްދުގައި އިތުރު ފައުޖުތައް ބައިތިއްބަމުންނެވެ.

އިންޑިއާއިން ބުނާ ގޮތުގައި އެގައުމުގެ ލަޑާކްގެ ބައެއްގެ ގޮތުގައި އެގައުމުން ދެކޭ އަކްސައި ޗިންއޭ ކިޔާ ފަރުބަދަމަތީ ސަރަހައްދުން 38،000 އަކަކިލޯމީޓަރު (15،000 އަކަމީޓަރު) ޗައިނާއިން ހިފާފައިވާކަމަށެވެ.

އިންޑިއާ އާއި ޗައިނާއިން ސަރަހައްދީ އިމުގެ މައްސަލައިގައި 1962 ވަނަ އަހަރުގައި ވަނީ ހަނގުރާމައެއް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން