ދުނިޔޭގެ އެންމެ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ނުލިބި ބައިނަލްއަގުވާމީ މުއައްސަސާތައް ފޭލިވެފައިވާ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ. މިއަދު ނިއުދިއްލީގައި ކުރިޔަށްގެންދާ ޖީ20 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތަށް ރިކޯޑުކުރައްވާފައި ފޮނުއްވި ބަޔާނެއްގައި މޯދީ ވިދާޅުވީ "މަލްޓިލެޓަރަލިޒަމް" މިވަގުތު އޮތީ "ކާރިސާއެއްގެ ތެރޭގައި" ކަމަށް ގައުމުތަކުން ގަބޫލުކުރަން ޖެހޭކަމަށެވެ.

މިވޭތުވެދިޔަ މަދު އަހަރުތަކުގައި ތަޖުރިބާކުރަންޖެހުނު މާލީ ދަތިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ބަލިމަޑުކަމާއި، ނިރުބަވެރިކަމާއި، ހަނގުރާމަތަކުން ދުނިޔޭގެ ވެރިކަން ފޭލިވެފައިވާކަން ވަރަށް ސާފުކޮށް އެނގޭކަމަށް މޯދީގެ ބަޔާނުގައި ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާ މުޖުތަމައުން ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކުރަން ހުރަހަކަށް ވާ ގޮތަށް ހައްލުކުރެވެން ނެތް މައްސަލަތައް ނަގައިގެންނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ޖީ20 ގެ ބައްދަލުވުމުގައި ފަގީރުކަން ނައްތާލުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހޯދަންޖެހޭ މާލީ އެހީތެރިކަން ހޯދުމާގުޅޭ މައްސަލަތަކަށް ވާހަކަދައްކަން އިންޑިޔާއިން އިސްކަންދިން ކަމުގައިވިޔަސް ބައްދަލުވުމުގައި ވާހަކަދެކެވޭނެ މައިގަނޑު މައްސަލަކަމަށް ބެލެވެނީ ޔޫކްރޭންގައި ރަޝިޔާއިން ކުރާ ހަނގުރާމައިގެ މައްސަލައެވެ.

ރަޝީޔާއިން ޔޫކްރެއިން އަރައިގަތުން މިހާތަނަށް އިންޑިޔާއިން ކުށްވެރިކޮށްފައެއް ނުވެއެވެ. އިންޑިޔާއަކީ ރަޝިޔާއިން ހަތިޔާރާއި ހަކަތަ އެންމެ ގިނައިން ގަންނަ އެއް ގައުމެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރަޝިޔާގެ ރައީސް ޕޫޓިންއާ ބައްދަލުކުރައްވަމުން މޯދީ ވަނީ އެއީ ހަނގުރާމަކުރަން އޮތް ވަގުތެއް ނޫންކަމަށް ވިދާޅުވެފައެވެ.

ޖީ20 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ބާއްވަމުން ގެންދާއިރު މިދިޔަ މަހު އިންޑިޔާގެ ބެންގަލޫރުގައި ބޭއްވުނު ޖީ20 ގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައި ހަނގުރާމައާ ގުޅޭ ގޮތުން ގުޅިފައިވާ ބަޔާނަކަށް އެއްބަސްވެވިފައެއްނުވެއެވެ. އެ ބައްދަލުވުމުގައި މޯދީ ވަނީ ދުނިޔޭގެ އެންމެ ނާޒުކު ހާލަތުގައި ތިބި ރައްޔިތުންނަށް އެހީތެރިވެދީ، "ދުނިޔޭގެ އިޤްތިޞާދަށް ހަމަޖެހުމާއި، އިތުބާރާއި، ކުރިއެރުން އަނބުރައި ގެނައުމަށް" ކުރިއަރާފައިވާ އިޤްތިޞާދުތަކަށް ގޮވާލައްވާފައެވެ.

ޖީ20 ނުވަތަ "ގްރޫޕް އޮފް ޓްވެންޓީ" އަކީ 19 ގައުމަކާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ހިމެނޭ ބައިނަލްއަގުވާމީ ފޯރަމެކެވެ. އެއީ ބައިނަލްއަގްވާމީ މާލީ ހަމަޖެހުމާއި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި، ދެމެހެއްޓެނިވި ތަރައްގީ ފަދަ ދުނިޔޭގެ އިޤްތިޞާދާ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށްޓަކައި އުފައްދާފައިވާ ފޯރަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

1206

02-Mar-2023

މި ބައްދަލުވުންތަކޭ ދިވެހިން އިހުޒަމާނުގައި އަނގަތަޅާން ތިބޭ ހޮޅުއަށިތަކޭ ތަފާތެއް ނެތެވެ. އެ ތަނުގައި ނުދެކެވޭކަށް ވާހަކަ އެއް ނޯވެއެވެ. ނަމަވެސް އާރެއްލާ ގޮތަކަށް ނުމެ ވާހަކަ ދެކެވެއެވެ. މީސްމީހުންގެ މަސްކެއުމާއި އާޑަފުރައްސާރަޔާއި ނެތިމޮށުން އެއީ އެ ހޮޅުއަށިތަކުގެ ކަންހިނގާ އުސްލޫބު ކަމުގައި ވެފައި އޮވެއެވެ. އަދި އެ ތަނުގައި އޮންނަ ގޮތުން ރުށް ގިނަވަނީ އެންމެ އަޑު ހަރު މީހާގެ އެވެ.



ޓްރެންޑިން