ޖަޕާނުގައި އުފަންވާ ކުދިން ރަޖިސްޓްރީ ކުރި އަދަދު މިދިޔަ އަހަރު އިތުރު ރެކޯޑް އަދަދަކަށް ވެއްޓި ކަންބޮޑުވާ މިންވަރަކަށް އާބާދީއަށް އަސަރު ކުރަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓުކޮށްފިއެވެ.

ޖަޕާނުގެ ހެލްތު މިނިސްޓްރީން އަންގާރަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު އެގައުމުގައި 799،728 ކުދިން އުފަންވެފައިވެއެވެ. މިއީ އަހަރަކު އުފަންވާ ކުދިން ރެކޯޑް ކުރެވިފައިވާ އެންމެ މަދު އަދަދުކަމަށްވާ 800،000 އަށް ވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ރިޕޯޓުތައް ބުނާގޮތުން ޖަޕާނުގައި 1982 ވަނަ އަހަރު 1.5 މިލިއަނަށް ވުރެ ގިނަ ކުދިން އުފަންވި އެވެ. ނަމަވެސް އެއަދަދު މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަޑް 50 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ އާބާދީ ކުރިއެރުވުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކުދިން އުފަންވާ އަދަދު އެންމެ ދަށަށް ދިޔަ ކަމަށް ދައްކާ ފަހުގެ ތަފާސްހިސާބެވެ.

މީގެއިތުރުން ޖަޕާނުގައި މިދިޔަ އަހަރު މަރުވި މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އަރާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން 1.58 މިލިއަނަށް ވުރެ ގިނަ މީހުން މިދިޔަ އަހަރު މަރުވެފައިވެއެވެ. މިއީ ހަނގުރާމައަށްފަހު އަހަރެއްގެ މަތިން، މަރުވާ މީހުން އަދަދު މިހާ ދައްވި ފުރަތަމަ ފަހަރެވެ.



އެގޮތުން މިދިޔަ ދިހަ އަހަރުގެ ތެރޭގައި ޖަޕާނުގައި އުފަންވާ ކުދިންނަށް ވުރެ މަރުވާ މީހުންގެ އަދަދު ގިނަވެފައިވާއިރު، މިއީ ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ލީޑަރުންނަށް ބޮޑު މައްސަލައެކެވެ. ހާއްސަގޮތެއްގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާއިރު، ވަޒީފާތައް އަދާ ކުރާނެ މީހުންގެ އަދަދު ދަށްވެ، ޕެންޝަނާއި ސިއްހީ ފަރުވާއަށް ފައިސާ ހޯދުމަށް ޑިމާންޑް އިތުރުވަމުންދިއުން މިއީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ސިފަކުރެއެވެ.

ފަހުގެ ތަފާސްހިސާބުން ދައްކާގޮތުން ޖަޕާނުގެ އާބާދީ ވަނީ 125 މިލިއަނުން މަތީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން