އިންތިޚާބަށް ފައިސާގެ ނުފޫޒު ފޯރުވުމުގެ ގޮތުން، ނައިޖީރިއާގެ ރިޔާސީ އިންތިޚާބާއި ބަރުލަމާނީ އިންތިޚާބުގެ އެއް ދުވަސް ކުރިން ގާތްގަނޑަކަށް 500،000 ނައިރާ ހިފައިގެން ބަހަން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ބަރުލަމާނު މެންބަރަކު، ނައިޖީރިޔާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ނައިޖީރިޔާގެ ބަރުލަމާނުގެ މެންބަރެއް ކަމަށްވާ ޗިންޔޭރޭ އިގްވޭ ހައްޔަރުކޮށްފައި ވަނީ ހުކުރު ވިލޭރޭގެ މެންދަމު 2:00 ހާއިރު ފައިސާ ބަހަން ކަނޑައަޅާފައިވާ މީހުންގެ ލިސްޓަކާއެކު ފައިސާ އަޅާފައިވާ ދަބަހެއް ހިފައިގެން އޭނާގެ ކާރުގައި ދަތުރުކުރަމުން ދަނިކޮށް ކަމަށް ރިވަރސް ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު ގްރޭސް އިރިންގޭ-ކޯކޯ ވިދާޅުވިއެވެ.

ލިބުނު ގޮތް ރަސްމީކޮށް ކަށަވަރު ނުކުރެވޭ 10،000 ނައިރާއަށް ވުރެ ގިނަ ފައިސާ އެއް ތަނުން އަނެއް ތަނަށް އުފުލުމަކީ، ނައިޖީރިޔާގެ ގާނޫނުގައި މަނާކަމެކެވެ. އިރިންގޭ-ކޯކޯ ވިދާޅުވީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ގާނޫނުހަދާ މަޖިލީހުގެ މެންބަރާ ސުވާލުކޮށް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ނައިޖީރިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިދިކޮޅު ލޭބަރ ޕާޓީގެ ކެންޑިޑޭޓް މަރާލި ދެކުނުއިރުމަތީ އެނޫގޫގައި ސެނެޓް އިންތިޚާބު ބޭއްވުން ވަގުތީ ގޮތުން މަޑުޖައްސާލާފައި ކަމަށް، އެ ކޮމިޝަންގެ ރައީސް މަހްމޫދު ޔަޢުޤޫބު ވިދާޅުވެއްޖެއެވެ.

އެނޫގޫ ސްޓޭޓްގައި ބުރާސްފަތި ދުވަހު ރޭވިގެން ދިން ހަމަލާތަކެއްގައި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓަކާއި، އެހެން ޕާޓީއަކަށް ނިސްބަތްވާ ކެމްޕޭން މިނީބަހެއްގެ ޑްރައިވަރު މަރުވެފައިވާ ކަމަށް ފުލުހުން ޚަބަރުދީފައިވެއެވެ.

ބުރާސްފަތި ދުވަހު ކާނޯ ސްޓޭޓްގައި ސިޔާސީ ޕާޓީތަކަކަށް ތާއީދުކުރާ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުންތަކަކާ ވިދިގެން، ނުރައްކާތެރި ހަތިޔާރުތަކާއެކު، މާރާމާރީ ހިންގާކަމަށް ތުހުމަތު ކުރެވޭ 60 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ސަރަހައްދުގެ ނޫސްތަކުން ޚަބަރު ލިބިފައިވާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި މީހެއްގެ ގައިގައި ރޯކޮށް މަރާލާފައިވެއެވެ.

މިހާރުގެ ރައީސް މުޙައްމަދު ބުހާރީގެ ދެވަނަ އަދި އެންމެ ފަހު ދައުރަށް ފަހު އާ ރައީސަކު ހޮވުމަށް ނައިޖީރިޔާގެ ރައްޔިތުން މިއަދު ވޯޓުލާން ނިކުންނާނެއެވެ. ރައީސަކު ހޮވުމަށްޓަކައި ވޯޓުލުމުގެ އިތުރުން ގާނޫނުހަދާ މަޖިލީހަށް މެންބަރުން ހޮވުމަށްޓަކައި ވެސް މިއަދު ވޯޓުލާނެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ 18 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީ ސަފުގައި ވާދަކުރަނީ ތިން ކެންޑިޑޭޓެކެވެ. އޭގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީގެ ބޯލާ ތިނޫބޫއާއި، އިދިކޮޅު މައި ޕާޓީގެ އާތިކު އަބޫބަކުރު ހިމެނެއެވެ. ތިންވަނަ ކެންޑިޑޭޓަކީ ޚިޔާލުހޯދުމުގެ ގިނަ ވޯޓުތަކުން އެންމެ ކުރީގައި އުޅޭ ޕީޓަރ އޮބީއެވެ.

މި އިންތިޚާބު ބާއްވަމުން މިދަނީ އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމުގައި ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއް ބަޔަކު ވޯޓުލާން ނުނިކުމެދާނެ ކަމުގެ ކަންބޮޑުވުންވެސް އަންނަނީ ފާޅުކުރެވެމުންނެވެ. ނައިޖީރިޔާގެ ރަސްމީ ފައިސާ ކަމުގައިވާ ނައިރާގެ އާ ނޫޓުތައް ނެރެ، އެޔަށް މިދިޔަ އަހަރުގެ ޑިސެންބަރުގައި ބަދަލުވި ހިސާބުން އެ ގައުމުގައި ނޫޓުގެ ދަތިކަން ވަނީ އާއްމުވެފައެވެ.

ހަމައެއާއެކު، ނައިޖީރިއާގެ އިންތިޚާބުގައި ފައިސާގެ ނުފޫޒު ހުއްޓުވުމުގެ ގާބިލުކަން ނައިޖީރިއާގެ ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމާއި މެދު ވެސް ވަނީ ޝައްކުތަކެއް އުފެދިފަ އެވެ.

ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓު ގަތުމަށްޓަކައި ބޮލަކަށް 500 ނައިރާ (16 ރުފިޔާ) އާއި 10,000 ނައިރާ (333 ރުފިޔާ) އާ ދެމެދުގެ އަދަދަކަށް ޕާޓީތަކުން ފައިސާ ޚަރަދުކޮށްފައިވާ ކަމަށް ސާބިތުވާ ލިޔެކިޔުން ހުރި ކަމަށް މިފަދަ ކަންކަމަށް ފާރަވެރިވާ ފަރާތްތަކުން ޚަބަރުދެއެވެ. ވޯޓު ގަތުން ޢާއްމުވެފައިވާ މި ދަނޑިވަޅަކީ ނައިޖީރިޔާގައި ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާއަށް މަތިވެ ގައުމުގައި ފަގީރުކަމުގެ ހާލަތު މަތިވެފައިވާ ދަނޑިވަޅެކެވެ.

"ވޯޓު ގަތުމަކީ އަދިވެސް އަޅުގަނޑުމެންގެ ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް،" ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނައިޖީރިއާގެ އިލެކްޝަން ކޮމިޝަންގެ ރައީސް މަހުމޫދު ޔަޢުޤޫބު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން