ރަޝިޔާއާއި ޔޫކްރޭނާއި ދެމެދު ސުލްހައިގެ މަޝްވަރާތައް ވީހާވެސް އަވަހަކަށް ބޭއްވުމަށް ގޮވާލާ ޗައިނާއިން މިއަދު ބަޔާނެއް ނެރެފިއެވެ.

ބެއިޖިންގެ ފޮރިން މިނިސްޓްރީން މިބަޔާން ނެރެފައި ވަނީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތްތާ އެއް އަހަރު ފުރުމާ ދިމާކޮށެވެ. މި ލިއުން އާންމުކޮށްފައިވަނީ ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ދިނުމަށް ވިސްނަމުންދާ ކަމަށް ހުޅަނގުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ޗައިނާއިން ވަނީ ހުޅަނގުން ކުރަމުންދާ ތުހުމަތުތައް ދޮގުކޮށްފައެވެ.

"ރަޝިޔާ އާއި ޔޫކްރޭނާއެކު މަސައްކަތްކޮށް ވީހާވެސް އަވަހަކަށް ދެގައުމުން ސީދާ މަޝްވަރާތައް އަލުން ފެށުމަށް ހުރިހާ ފަރާތްތަކުން ވެސް ތާއީދު ކުރަން ޖެހޭނެ،" ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެ ލިޔުމުގައި ޗައިނާއިން ބުނެފައިވެ އެވެ.

ޔުކްރެއިނާއި ދެކޮޅަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރައްވާނެ ކަމުގެ އިޝާރާތެއް މީގެކުރިން ދެއްވާފައެވެ. ޗައިނާއިން ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ، އެ ހަތިޔާރު ބެހެއްޓުމާއި ދެކޮޅު ހަދާކަން ސާފުކޮށްދީފަ އެވެ.

"ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ނުވާނެ. އަދި ނިއުކްލިއާ ހަތިޔާރުގެ ނުރައްކަލާ ނުވަތަ ބޭނުންކުރުމާ ދެކޮޅު ހަދަން ޖެހޭ،" ޗާއިނާއިން ބުނެފައިވެ އެވެ.



މީގެއިތުރުން ޗައިނާއިން ވަނީ އާންމު ރައްޔިތުން ހިމާޔަތް ކުރުމުގެ މުހިންމުކަމަށްވެސް އަލިއަޅުވާލާފައެވެ.

"ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން ބައިނަލްއަގްވާމީ ގާނޫނުތަކަށް ހަރުކަށިކޮށް ތަބާވާން ޖެހޭ، އާންމުންނަށް ނުވަތަ އާންމު ތަންތަނަށް ހަމަލާދިނުމާ ދުރުހެލިވާން ޖެހޭ،" ޗައިނާއިން ބުނެފައިވެއެވެ.

މިލިޔުން އާންމުކުރުމާއެކު އެމެރިކާއިން ވަނީ ޗައިނާއަށް ފާޑުކިޔާފައެވެ. ރައީސް ޖޯ ބައިޑަންގެ ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރ ޖޭކް ސުލިވާން ވިދާޅުވީ ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދިނުން ހުއްޓާލައި ސިފައިން އަނބުރާ ގެންދަން ނިންމައިފިނަމަ ހަނގުރާމަ މާދަމާ ވެސް ނިމިދާނެ ކަމަށެވެ.

ސީއެންއެން އާއި ވާހަކަ ދައްކަވަމުން ޖޭކް ސުލިވާން ވިދާޅުވީ "ހަނގުރާމަ އާއި މެދު އަޅުގަނޑުމެންގެ ފުރަތަމަ ރިއެކްޝަނަކީ ހުރިހާ ގައުމެއްގެ އިސްތިގުލާލަށް އިހުތިރާމް ކުރުމުން މިކަން ހުއްޓިދާނެ" ކަން ގަބޫލުކުރުން ކަމަށެވެ.

"ޔޫކްރޭނުން ރަޝިޔާއަށް ހަމަލާއެއް ނުދޭ. ނޭޓޯއިން ރަޝިޔާއަށް ހަމަލާއެއް ނުދޭ. އެމެރިކާއިން ރަޝިޔާއަށް ހަމަލާއެއް ނުދޭ،" ޖޭކް ސުލިވާން ވިދާޅުވިއެވެ.

"ރަޝިޔާ މިހާރުވެސް މި ހަނގުރާމައިން ބަލިވެއްޖެ. ހަނގުރާމައިގައި ރަޝިޔާގެ އަމާޒަކީ ޔޫކްރޭން މެޕުން ފޮހެލައި، ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުން. އެކަން ކުރުމުގައި އެމީހުންނަށް ނާކާމިޔާބުވެއްޖެ. އަދި އެކަން ކުރެވޭނެ އެއްވެސް ހާލަތެއްވެސް ނެތް."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން