އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ.
ވޯލްޑް ބޭންކުގެ ކަންކަން އިސްލާހުކޮށް ރީފޯމް ކުރުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގޮވާލައްވައިފިއެވެ.

މޯދީ މިކަމަށް ގޮވާލެއްވީ މިހާރު އިންޑިއާގެ ބެންގަލޫރުގައި، ޖީ20 ގެ ފައިނޭންސް މިނިސްޓަރުންނާއި ސެންޓްރަލް ބޭންކުތަކުގެ ގަވަރުނަރުންނާއެކު ކުރިއަށްދާ ބަދަލުވުމުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. މޯދީގެ މެސެޖުގައި ވިދާޅުވީ ވޯލްޑް ބޭންކާމެދު ގިނަބައެއްގެ އިތުބާރު ގެއްލިފައިވާކަމަށެވެ. އަދި މީގެ އެއްސަބަބަކީ ވޯލްޑް ބޭންކުގެ ކަންކަން އިސްލާހުކޮށް ރީފޯމް ކުރުމަށް ލަސްތަކެއް ހުރުމުންކަމަށް މޯދީ ވިދާޅުވެފައިވެއެވެ.

"ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް އޮތް އިތުބާރު މިހާރު ވަނީ ގެއްލިފަ. މިއީ އެއްސަބަބަކީ އެއިދާރާތަކުގެ ބައެއްކަންކަން އަމިއްލައަށް އިސްލާހު ކުރަން ލަސްވުން،" މޯދީ ވިދާޅުވި އެވެ.



"ދުނިޔޭގެ އާބާދީ އަށް ބިލިއަނުން މައްޗަށް ގޮސްފައިވާއިރު ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ލަސްވަމުންދާކަމަށް ފެނޭ. މޫސުމަށް އަންނަ ބަދަލުތަކާއި ދަރަނީގެ މިންވަރު މަތިވުން ފަދަ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތައް ހަރުދަނާ ކުރުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ،" މޯދީ ވިދާޅުވި އެވެ.

މޯދީގެ ވާހަކަފުޅާއިއެކު ވޯލްޑް ބޭންކުން ލޯނު ދޫކުރުން އިތުރުކޮށް، ފަގީރުކަމާ ކުރިމަތިލުމުގެ މަސައްކަތް ފުޅާކުރުމަށް ގައުމުތަކުން ގޮވާލި ނަމަވެސް، މިކަމުގެ ސަބަބުން ވޯލްޑް ބޭންކުގެ ކްރެޑިޓް ރޭޓިން ގެއްލިދާނެ ކަމުގެ ކަންބޮޑުވުންތައް އުފެދިފައިވެއެވެ.

މީގެއިތުރުން ދައުރު ނިމުމުގެ އަހަރެއް ކުރިން ވޯލްޑް ބޭންކުގެ ވެރިޔާ ޑޭވިޑް މަލްޕާސް ވަނީ މަގާމުން ވަކިވާން ނިންމަވައި އެކަން އިއުލާންކުރައްވާފައެވެ. އެމަނިކުފާނު ނިންމުން އިއުލާންކޮށްފައިވަނީ މިމަހުގެ ކުރީކޮޅެވެ. މިކަމާއި ގުޅިގެން ބުރާސްފަތި ދުވަހު ވޮޝިންޓަނުން އިންޑިއާ-އެމެރިކާގެ ރައްޔިތެއް ކަމަށްވާ މާސްޓާކާޑްގެ ކުރީގެ ސީއީއޯ އަޖޭ ބަންގާގެ ނަން ވޯލްޑް ބޭންކުގެ ވެރިޔާގެ މަގާމަށް ހުށައަޅުއްވާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓް ކުރެއްވި މަލްޕާސް މަގާމުން ވަކިވެވަޑައިގަތުމަށް ނިންމާފައިވަނީ މިދިޔަ އަހަރު އެތައް ފާޑުކިޔުމެއް އަމާޒުވެފައިވަނިކޮށެވެ. ވޯލްޑް ބޭންކުގެ ވެރިޔާ ޑޭވިޑް މަލްޕާސް އަށް ފާޑުކިއުން އަމާޒުވީ އިންސާނުން އުފައްދާ ގޭސްތަކުގެ ސަބަބަބުން ދުނިޔެ ހޫނުވުމަށް މަގުފަހިވާކަން ގަބޫލުކުރަން އެއްބަސްވުމާއި ދެކޮޅު ހެދުމުންނެވެ.

ޖީ20 ގެ ފިނޭންސް މިނިސްޓަރުންނާއި މަރުކަޒީ ބޭންކް ގަވަރުނަރުންނާއެކު ބާއްވާ މިއަހަރުގެ ފުރަތަމަ ބައްދަލުވުން ތާވަލުކޮށްފައިވަނީ ފެބްރުއަރީ 24-25 އަށް ބެންގަލޫރުގައެވެ. ބެންގަލޫރުގައި ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާނެ ކަމަށް ބެލެވެނީ ކޯވިޑްގެ ބަލިމަޑުކަމާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ކުރިއަށްދާ ގޮންޖެހުންތަކާއި، ކާބޯތަކެއްޗާއި ތެލުގެ އަގު ބޮޑުވުމުން ފަގީރު ގައުމުތަކަށް ދަރަނި ލުއި ދިނުމާ ބެހޭގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން