ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމަ ދެވަނަ އަހަރަށް ދެމިގެން ދިޔައިރުވެސް މި ހަނގުރާމައަށް ނިމުމެއް އައުމުގެ އުއްމީދެއް ނެތްކަމަށް އަދިވެސް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ޔުކްރެއިން ހިފުމަށް ރަޝިޔާއިން އެގައުމަށް އަރައިގަނެ ޔޫކްރޭނާއި ދެކޮޅަަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކަށް އަހަރެއް ވީ ދުވަހު ޔުކްރެއިނަށް އޮތް ތާއީދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދައްކާލާފައިވެއެވެ.

އެގޮތުން ޕެރިހުގެ އެއިފިލް ޓަވަރު ޔޫކްރޭންގެ ދިދައިގެ ކުލަތަކުން އަލިކޮށްދީފައިވާއިރު، ލަންޑަނުގައި އޮތް ހާއްސަ ހަރަކާތެއްގައިވެސް ޔޫކްރޭންގެ ދިދަ ހިފައިގެން އެގައުމަށް އޮތް ތާއީދު ދައްކަލާފައިވެއެވެ. އަދި ބެލްޖިއަމްގެ ވެރިރަށުގެ ޔޫރަޕިއަން ޔޫނިއަންގެ އިމާރާތްތަކުގައިވެސް ޔޫކްރޭންގެ ދިދައިގެ ކުލަތަކުން ދިއްލާފައިވެއެވެ.

މީގެއިތުރުން ހަނގުރާމައިގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަޝިޔާއިން ދެމުންދާ ހަމަލަތައް ހުއްޓުވުމަށް ބުރާސްފަތި ދުވަހު އދ ގެ މަޖިލީހުގައި ހާއްސަ ގަރާރެއްވެސް ވަނީ ފާސްކޮށްފައެވެ. މިގަރާރު ފާސްވީ 141 ވޯޓުންނެވެ. މިގަރާރާ ދެކޮޅަށް، ރަޝިޔާއާއި އެއްކޮޅަށް ބެލާރުސް، އުތުރު ކޮރެއާ، އަދި ސީރިއާ ހިމެނޭ ހެން ހަ ގައުމަކުން ވަނީ ވޯޓު ލާފައެވެ.

ޔޫކްރޭންގެ ރައީސް ވިދާޅުވީ މި ގަރާރަކީ ޔޫކްރޭނަށް ދުނިޔޭގެ އެކިކަންކޮޅުތަކުން އޮތް ތާއީދު ދައްކުވައިދިން އިޝާރާތެއް ކަމަށެވެ.

ހަނގުރާމައިގެ މައިދާނުގައި ޔޫކްރޭންގެ އަސްކަރިއްޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަހަރީ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް އިރުމައްޗާއި ދެކުނުގައި ރަޝިޔާގެ ހަރަކާތްތައް އިތުރުވެފައިވާއިރު، ރަޝިޔާގެ ބޯޑަރުގެ އުތުރުގެ ތިން ސަރަހައްދެއްގެ 25 އަވަށަކަށް ވަނީ ހަމަލާތައް ވަރުގަދަކޮށްފައެވެ.

ޔުކްރެއިނު ސަރުކާރު ވައްޓާލާ އެގައުމު ހިފުމަށް ރަޝިޔާގެ ރައީސް ވްލަޑިމީރ ޕޫޓިން އަމުރު ކުރެއްވީ 2022 ވަނަ އަހަރުއެވެ. ނަމަވެސް ރަޝިޔާގެ އެ އުންމީދުތައް ފުނޑުފުނޑުވީ ޔުކްރެއިނުގެ ވަރުގަދަ ދިފާއީ ނިޒާމާއި އަސްކަރިއްޔާއިން ރަޝިޔާ ލަދުގަންނަވާލުމުން ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ޔޫކްރޭނުން ވަނީ 2022 ވަނަ އަހަރުގެ ފަހުކޮޅު ދިފާއީ ބާރު ވަރުގަދަކޮށް، ގެއްލުނު ސަރަހައްދުގެ ބޮޑު ބައެއް އަނބުރާ ހޯދައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޔޫކްރޭންގެ ފަސްބައިކުޅަ އެއްބައިގެ ކޮންޓްރޯލް އޮތީ އަދިވެސް ރަޝިޔާގެ ބާރުގެ ދަށުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން