ޖަޕާނުގެ ހަމަމަޓްސޫ ސިޓީގެ އެންޝޫ ބީޗަށް ގޮތްނޭނގޭ ދަނގަޑު ބޯޅައެއް ލައްގައިގެން ކަމާއިބެހޭ ފަރާތްތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުޅާމިނުގައި ގާތްގަނޑަކަށް 1.5 މީޓަރު ހުރި މި ދަގަނޑު ބޯޅައަކީ ކޮންތާކުން ކިހިނެއް އައި އެއްޗެއް ކަން ނޭނގޭއިރު، މިއީ ކޯއްޗެއް ކަންވެސް ކަމާއިބެހޭ ފަރާތްތަކަށް ދެނެގަނެވޭގޮތް ވެފައެއް ނުވެއެވެ.

ސަލާމަތީ ހިދުމަތްތަކުގެ މީހުން އެކްސްރޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި މިއީ ގޮވާ ޒާތުގެ އެއްޗެއް ނޫނެވެ. އަދި ދަގަނޑު ބޯޅައިގެ އެތެރެ އޮތީ ހުހަށްކަންވެސް ވަނީ ހޯދިފައެވެ. ނަމަވެސް އޮފިޝަލުންގެ އެންމެ ބޮޑު ސުވާލަކީ މިއީ "ކޯއްޗެއްތޯ" އެވެ.



މިއީ އެހެން ގައުމަކުން ޖާސޫސުން ކުރަން ބޭނުންކުރި އެއްޗެއްތޯވެސް ޔަގީނެއް ނުވެއެވެ. ބައެއް މީހުން ބުނާގޮތުން މިއީ ކަނޑުގައި އަޅާފައިވާ ބޮއެއް ހިފެހެއްޓުމެއް ބަރެއްގެ ގޮތުގައި ބޭނުންކޮށްފައިވާ އެއްޗެކެވެ. ނަމަވެސް އެކަން ޔަގީނެއް ނޫނެވެ.

އެންޝޫ ބީޗު ކައިރީގައި މީހުން ބުނާގޮތުން ކޮންމެވެސް ވަރަކަށް ދަބަރުޖަހަފައިވާ އެ ބޯޅަ ބީޗަށް ލެއްގިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އެ ހިސާބުގަނޑު މީހުން މާބޮޑަށް އެކަމާއި އަޅާލާފައެއް ނުވެއެވެ.

"އޭތި އެތާނގައި އޮންނަތާ މަހެއްހާ ދުވަސްވެއްޖެ. ކުއްލިއަކަށް މިހާރު އެއަށް މާބޮޑު ސަމާލުކަމެއް ލިބިގެން މިއުޅެނީ ކީއްވެކަމެއް ނޭނގޭ" އެންޝޫ ބީޗު ކައިރީގައި އުޅޭ މީހަކު ބުންޏެވެ.

ދަގަނޑު ބޯޅަ އޮތް ސަރަހައްދު ބަންދުކޮށްފައިވާއިރު، އޭގެ ފޮޓޯތައް ވަނީ އިތުރު ބެލުންތައް ބަލަން ސަލާމަތީ ހިދުމަތްތަކާއި ބެހޭ މަރުކަޒުތަކަށް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން