ނޫސް ބަންދުކުރުމާ ގުޅިގެން ނޫސްވެރިން މުޒާހަރާކުރަނީ. ފޮޓޯ: މުނީރުއްޒަމާން / އޭއެފްޕީ
ނޫސް ބަންދުކުރުމާ ގުޅިގެން ނޫސްވެރިން މުޒާހަރާކުރަނީ. ފޮޓޯ: މުނީރުއްޒަމާން / އޭއެފްޕީ
އާދީއްތަ ދުވަހުން ފެށިގެން ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ ނެރޭ ހަމައެކަނި ނޫސް ޗާޕުކުރުން ހުއްޓާލާފައިވަނީ ސަރުކާރުން އެ ނޫސް ބަންދުކުރުމަށްކުރުމަށް ކޮށްފައިވާ އަމުރު، ނޫސްވެރިކަމުގެ ކަންކަމަށް ފާރަވެރިވާ ފަރާތުން ދަމަހައްޓާފައިވާތީއެވެ. މިކަމުގެ ސަބަބުން ދެކުނު އޭޝިޔާގެ މި ގައުމުގެ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ވަނީ ބިރުވެރިކަން އުފެދިފައެވެ.

ބަންގާޅީ ބަހުން ނެރޭ ދުވަހު ނޫސް "ޑައިނިކް ޑިންކަލް" އަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ޚަބަރުތައް އާއްމުންނާ ހަމައަށް ފޯރުކޮށްދިން ވަސީލަތެވެ. އެ ނޫހުގައި އެތަކެއް ސަތޭކަ ނޫސްވެރިންނާއި ނޫސް ލިޔެޗާޕުކުރުމުގެ މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަދާކުރެއެވެ.

އެ ނޫހުގައި ހިމަނާ ޚަބަރުތަކުގެ ތެރޭގައި އަބަދުމެ ބީއެންޕީގެ މެމްބަރުން ހައްޔަރުކުރަމުންދާ މައްސަލަތަކާއި އަދި އެ ޕާޓީއަށް ތާއީދުކުރާ މީހުންނާ ދެކޮޅަށް ސަރުކާރުގެ ތަހުގީގީ އިދާރާތަކުން ބަލަމުން އަންނަކަމަށް، އެ ޕާޓީން ތުހުމަތުކުރާ އެތައް ހާސް "ދޮގު މައްސަލަތަކުގެ" ޚަބަރުތައް ހިމެނެއެވެ.

ހޯމަ ދުވަހު އެ ނޫހުން ބުނެފައިވަނީ ޑާކާގެ މަޑުލު (ޑިސްޓްރިކްޓް) ކޯޓަކުން އެ ނޫސް ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް އެމައްސަލަ، ހައިކޯޓުގެ މަތީ ފަނޑިޔާރަކު އިސްކޮށް ހުންނަވާ ނޫސްވެރިކަމާބެހޭ މަޖިލީހަށް އިސްތިއުނާފުކުރުމަށް ފަހު ނޫސް ޗާޕުކުރަމުން އައީ ކަމަށް ނޫހުގެ މެނޭޖިންގ އެޑިޓަރު ޝަމްސުއްރަޙްމާން ޝިމުލް ބިސްވާސް ބުނެފައިވެއެވެ. އެހެން ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ނޫސްވެރިކަމާބެހޭ މަޖިލީހުންވަނީ ކޯޓުގެ އަމުރު ދަމަހައްޓާފައެވެ.

ބީއެންޕީގެ ޑައިނިކް ޑިންކަލް ބަންދުކުރުމުގެ އަމުރުގައި ބުނެފައިވާ ގޮތުން އެ ނޫހުގެ ޗާޕުކުރުމުގެ ހުއްދަ ބާތިލުކުރީ އެ ނޫހުން ބަންގްލަދޭޝްގެ ޗާޕުކުރުމާއި ޝާއިއުކުރުމުގެ ގާނޫނުތަކާ ޚިލާފުވެފައިވާތީއެވެ.

ނޫސްވެރިކަމާބެހޭ މަޖިލީހުން ބުނެފައިވާ ގޮތުން ޑައިނިކް ޑިންކަލް ހިންގާ، ބީއެންޕީގެ ވަގުތީ ލީޑަރު ޠާރިޤް ރަޙްމާނަކީ ޖިނާއީ ކުށް ސާބިތުވެފައިވާ ކުށްވެރިއެއް ކަމަށާއި، އޭނާ ގައުމުން ބޭރުގައި ދިރިއުޅެމުން އަންނަނީ އެ ނޫސް ހިންގުމުގެ ވަޒީފާ އެހެން މީހަކާ ހަވާލުނުކޮށް ކަމަށެވެ.

ނޫހުގެ މެނޭޖިންގ އެޑިޓަރު ޝަމްސުއްރަޙްމާން ޝިމުލް ބިސްވާސް ބުނީ، މިހާރު ލަންޑަނުގައި ދިރިއުޅޭ ޠާރިޤް ރަޙްމާން ވަނީ ނޫސް ހިންގުމުގެ ވަޒީފާއިން އިސްތިއުފާ ހުށަހަޅައި އެ މަގާމަށް އާ މީހަކު އައްޔަންކޮށްފައި ކަމަށާއި ނަމަވެސް ކަމާއިބެހޭ ފަރާތްތަކުން އެ ބަދަލު ގަބޫލުކޮށްފައި ނުވަނީ ކަމަށެވެ. އަދި ބިސްވާސް ތުހުމަތުކޮށްފައިވާ ގޮތުގައި ސަރުކާރުން އެ ނޫސް ބަންދުކުރުމުގެ ބޭނުމަކީ ސަރުކާރާ ދެކޮޅަށް އުފުލާ އަޑުތައް ކަނޑުވާލައި ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމެވެ.

މި މައްސަލާގައި މިހާތަނަށް ސަރުކާރުން އެއްވެސް ބަހެއް ބުނެފައި ނުވެއެވެ.

ޑާކާގެ ނޫސްވެރިންގެ ދެ ޔޫނިއަނެއް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑައިނިކް ޑިންކަލް ބަންދުކުރަން ނިންމި ނިންމުމަކީ ސަރުކާރާ އިދިކޮޅުގެ އަޑުތައް ކަނޑުވާލުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވޭކަމަށެވެ. މި މައްސަލައާ ގުޅިގެން ޔޫނިއަންތަކާއި ނޫސްވެރިން އަންނަނީ މަގުތައްމައްޗަށް ނިކުމެ މުޒާހަރާތައް ކުރަމުންނެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، އޭނާއާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށްޓަކައި ކުރައްވަމުން އަންނަ މިފަދަ ކަންކަމަކީ ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ދަތުރުކުރުން ކަމަށް ދެކި އެމެރިކާ ސަރުކާރު ހިމެނޭ ގޮތަށް ބޭރުގެ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުތަކުން އަންނަނީ އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ މަހު ހަސީނާގެ ސަރުކާރުން ވަނީ ޖާސޫސީ ރިޕޯޓުތަކާ ހަވާލާދީ "ދައުލަތާ ދެކޮޅު ޚަބަރު" ޝާއިއުކުރާކަމަށް ތުހުމަތުކޮށް 191 ވެބްސައިޓެއް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑާސް އިން އެކުލަވާލި 2022 ވަނަ އަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން މިންކުރާ އިންޑެކްސްގައި ބަންގްލަދޭޝް އޮތީ ރަޝިޔާ (155) އާއި އަފްޣާނިސްތާން (156) އަށް ވުރެ ވެސް ދަށުގައި، 162 ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން