ތުރުކީ ވިލާތަށް ބާރުގަދަ ބިންހެލުން އައިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫ މަރުވެފައި އޮއްވާ ފެނިފައިވާކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފިއެވެ.

ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އައި ބިންހެލުމާ ގުޅިގެން، ހަޓޭގެ އަންޓަކިޔާގައި ހުންނަ އޭނާގެ އެޕާޓްމަންޓް ހުރި އިމާރާތް ބިމާ ހަމަވުމާއިއެކު އަޓްސޫ ގެއްލިގެން ހޯދަމުން ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ފެނިފައިވަނީ ބިންހެލުމާއެކު ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ކޮންކްރީޓު ދަށުންނެވެ.

ގާނާ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ އަޓްސޫގެ ހަށިގަނޑު ހޯދާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ކަމަށެވެ. އަޓްސޫގެ ހަށިގަނޑު ފެނުމާއިއެކު އޭނާގެ ހަށިގަނޑު ވަޅުލުމަށް ގާނާއަށް ގެންގޮސްފައިވެއެވެ.

ގާނާއަށް އުފަން، އުމުރުން 31 އަހަރުގެ ފުޓުބޯޅަ ކުޅުންތެރިޔާ ވަނީ ޕްރިމިއާ ލީގުގެ އެވަރޓަން، ޗެލްސީ އަދި ނިއުކާސަލްއަށްވެސް ކުޅެފަ އެވެ. އަޓްސޫ ވަނީ ގާނާގެ ގައުމީ ޓީމަށް 65 މެޗު ކާމިޔާބުކޮށްދީ، 2015 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލާ ހިސާބަށް ގާނާގެ ޤައުމީ ޓީމު ގެންގޮސްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އަޓްސޫ ވަނީ ހާސިލުކޮށްފައެވެ.

މީގެއިތުރުން ސައުދީ އަރަބިއްޔާގެ ޓީމް އަލްރާއިދުގެ ސީޒަނެއް ހޭދަކުރުމަށްފަހު ސެޕްޓެމްބަރު މަހު ހަޓޭސްޕޯއާ ގުޅުނު އަޓްސޫ ވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ތުރުކީގެ ސުޕަ ލީގުގައިވެސް ކުޅެފައެވެ. އެމެޗުގައި ހަޓޭސްޕޯ މޮޅުވީ އަޓްސޫ ކާމިޔާބު ކޮށްދިން ގޯލަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން