މަންޖުނާތު ކިރަން / އޭއެފްޕީ
މަންޖުނާތު ކިރަން / އޭއެފްޕީ
އިންޑިޔާގައި އާއްމުކޮށް ކޮންމެ 10 އަހަރަކުން އެއް ފަހަރު ބާއްވަމުން އަންނަ ބޯހިމެނުން އެންމެ ފަހުން ބާއްވަން އޮތީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ނުބޭއްވި ފަސްވަމުން އައިސް މިހާރު ބޯހިމެނުން ބޭއްވޭނެ ކަމަށް ބެލެވިފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

1.4 ބިލިއަނަށްވުރެ ބޮޑު އާބާދީއަކާއެކު ދެ މަސް ދުވަހުގެ ތެރޭގައި މުޅި ދުނިޔޭގައި ވެސް އޮތް އެންމެ އާބާދީ ބޮޑު ގައުމަށް އިންޑިޔާ ވާނޭ ކަމަށް ލަފާކުރެވިފައިވެއެވެ. ނަމަވެސް އާއްމު ތާވަލާ އެއްގޮތަށް ބޯހިމެނުން ބޭއްވިފައި ނުވާތީ މިކަންތައް ކަށަވަރުވާން އަދި އަހަރެއްހާ ދުވަސް ނަގާނެކަމަށް ބެލެވެއެވެ.

އިންޑިއާގައި 2021 ވަނަ އަހަރު ބާއްވަން ޖެހޭ އަދި ކޮވިޑް-19ގެ ސަބަބުން ލަސްވެފައިވާ ބޯހިމެނުން މިހާރު ވަނީ ޓެކްނިކަލް އަދި އިދާރީ ބައެއް ހުރަސްތަކުގެ ސަބަބުން އިތުރަށް ލަސްވެފައެވެ. އިންޑިޔާއަކީ އާބާދީ ބޮޑުވުމުގެ އިތުރުން ބިންބޮޑު ގައުމަކަށްވުމުން ބޯހިމެނުން ފަދަ މަސައްކަތަކީ ވަރަށް ބިޔަ، ބޮޑު، އިދާރީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ފަދަ މަސައްކަތެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ބޯހިމެނުން ނުބޭއްވުމުގެ ސަބަބުން ވަޒީފާއާއި، ބޯހިޔާވަހިކަމާއި، ލިޔަންކިޔަން ދަންނަ މިންވަރާއި، އެއްތަނުން އަނެއް ތަނަށް ހިޖުރަކުރުން ހުރިނެތް ގޮތާއި، އަދި ތުއްތު ކުދިން މަރުވާ މިންވަރު ފަދަ މައުލޫމާތުތައް އަދާހަމަކުރުން ލަސްވެ، އެކަމުގެ ސަބަބުން އިޖްތިމާއީ އަދި އިގްތިސާދީ ޕްލޭންތައް ކުރުމާއި ސިޔާސަތުތައް ކަނޑައެޅުމަށް އަސަރު ފޯރާފައިވެއެވެ. އިންޑިޔާ ފަދަ ބޮޑު އިގްތިސާދަކަށް މިއީ ވަރަށް ގެއްލުން ބޮޑު ކަމެކެވެ.

ބޯހިމެނުމުގައި އެއްކުރެވޭ މައުލޫމާތަކީ ޒަރޫރީ މައުލޫމާތުތަކެއް ކަމަށް ވިދާޅުވެ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް ފައިނޭންސް އެންޑް ޕޮލިސީގެ ރަޗްނާ ޝަރްމާ ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ ބޭނުންތަކަށް ކުރެވޭ ޚަރަދަބަރަދުގެ ދިރާސާއަށާއި، ދިރިއުޅުމަށްކުރާ މަސައްކަތްތަކާގުޅޭ ދިރާސާތަކަކަކީ ބޯހިމެނުމުގެ މައުލޫމާތަށް ބަރޯސާވެފައިވާ ކަންތައްތަކެއް ކަމަށެވެ. އެންމެ ފަހުގެ ބޯހިމެނުގެ ހިސާބުތައް ނުލިބޭނަމަ އެފަދަ ދިރާސާތައް ބިނާވާނީ މީގެ 10 ވަރަކަށް އަހަރު ކުރީގެ ބޯހިމެނި ހިސާބުތަކެއްގެ މައްޗަށް ކަމަށާއި، އެހެން ކަމަށްވާނަމަ، އެފަދަ ހިސާބުތަކެއްގެ މައްޗަށް ކުރެވޭ ދިރާސާތައް ވާނީ އަސްލާ ދުރު ދިރާސާތަކެއް ކަމަށެވެ.

ސަރުކާރުގެ ޚަރަދުބަރަދު ވަޒަންކުރުމަށް އަދިވެސް ބޭނުންކުރަމުން އަންނަނީ 2011 ވަނަ އަހަރުގެ ބޯހިމެނި ހިސާބުތައް ކަމަށް އިންޑިޔާގެ މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސް ޕްރޮގްރާމް އިމްޕްލިމެންޓޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވިކަމަށް އަލްޖަޒީރާއިން ޚަބަރު ދީފައިވެއެވެ. އޭގެ ސަބަބުން އަސްލު އަދަދުތައް ނުނެރެވޭކަމަށް އެ މިނިސްޓްރީގެ ތަރުޖަމާނަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވެއެވެ.

މި ކަމުގައި އަލްޖަޒީރާއިން އިންޑިޔާގެ ބޮޑުވަޒީރުގެ އޮފީހާއި، ބޯހިމެނުގެ ކަންތައްތައް ބަލަހައްޓާ އިންޑިޔާގެ ރެޖިސްޓްރާ ޖެނެރަލްގެ އޮފީހުގެ ބަހެއް ހޯދުމަށް އެދުމުން، މިހާތަނަށް އެ ދެ އޮފީހުން ވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ސަރުކާރުގެ އިތުރު ދެ އޮފިޝަލެއް ކަމަށްވާ ފެޑެރަލް ހޯމް މިނިސްޓްރީގެ އޮފިޝަލަކާއި، އިންޑިއާގެ ރެޖިސްޓްރާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ބޯހިމެނުން ލަސްވަނީ ޓެކްނޮލޮޖީގެ އެހީގައި، މައްސަލަތައް ދިމާނުވާނެ ފަދަ ގޮތަކަށް ބޯހިމެނުމުގެ ކަންކަން ގެންދަން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅިންނެވެ. މިގޮތުން މޮބައިލް ފޯނުގެ ޒަރީއާއިން ބޯހިމެނުމަށްޓަކައި ތައްޔާރުކޮށްފައިވާ އެޕްގެ ބޯހިމެނުމުގެ މައުލޫމާތު އެއްކުރަން ބޭނުންކުރާ ސޮފްޓްވެއާއާއި، މިހާރު ހުރި އާދާރު ކާޑު ފަދަ، ކާކުކަން އަންގައިދޭ ކާޑުތަކުގެ ޑޭޓާބޭސްތަކާ ސިންކްރޮނައިޒް ކުރަން ޖެހޭ ކަމަށާއި، ވަގުތު ނަގަނީ އެކަމަށް ކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

އިންޑިޔާގެ މައި އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީންނާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔާ ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ބޯހިމެނުން ލަސްކުމުގެ މައިގަނޑު ސަބަބަކީ 2024 ގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގެ ކުރިން ގައުމުގެ ވަޒީފާނެތް މީހުންގެ ހާލަތު ފަދަ ސިޔާސީ ގޮތުން ނާޒުކު މައްސަލަތަކުގެ މައުލޫމާތު ތިލަވިޔަނުދީ ފޮރުވުމެވެ.

ކޮންގްރެސް ޕާޓީގެ ތަރުޖަމާނު ޕަވަން ކޭރާ ވިދާޅުވީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަކީ ބޯހިމެނުން ފަދަ ކަންކަމުން އެއްކުރެވޭ މުހިއްމު ޑޭޓާތަކާ ފާޅުގައި ދެކޮޅު ބައެއް ކަމަށާއި، ސަރުކާރުން ބޭނުންވަނީ އެފަދަ ކަންކަމުން އެއްކުރެވޭ މުހިއްމު މައުލޫމާތު ފޮރުވަން ކަމަށާއި، އެކަން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދާއި، ގައުމުގެ ވަޒީފާއެއް ނެތި އުޅޭ މީހުންގެ މިންވަރު ފަދަ މުހިއްމު މައުލޫމާތު ފޮރުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުން ހާމަވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ގައުމީ ތަރުޖަމާނު ގޯޕާލް ކްރިޝްނާ އަގަރްވާލް ވަނީ، ކޮންގްރެސް ޕާޓީން ކޮށްފައިވާ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އދ އިން އަންދާޒާކުރާ ގޮތުން މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޗައިނާ ފަހަތަށް ޖައްސާލާފައި އިންޑިޔާގެ އާބާދީ 1,425,775,850 އަށް އަރާނެއެވެ. 2011 ގެ ބޯހިމެނި ހިސާބުތައް ދައްކާ ގޮތުން އިންޑިޔާގެ އޭރުގެ އާބާދީއަކީ 1.21 ބިލިއަނެވެ. އދ ގެ އަންދާޒާގެ މައްޗަށް ބުރަވާނަމަ މި ވޭތުވެ ދިޔަ 12 އަހަރުގެ ތެރޭގައި އިންޑިޔާގެ އާބާދީއަށް މިވަނީ 210 މިލިއަން މީހުން އިތުރުވެފައެވެ. 210 މިލިއަނަކީ ގާތްގަނޑަކަށް ބްރެޒިލްގެ އާބާދީއާ އެއްވަރުގެ އަދަދެކެވެ.

2021 ވަނަ އަހަރު ބޯހިމަނަން ރާވާފައިވާ ޕްލޭނަށް ބަލާއިރު ބޯހިމެނުމުގެ ހިސާބުތައް ނެގުމަށްޓަކައި 330،000 ސަރުކާރު ސްކޫލުތަކުގެ ޓީޗަރުން ހަރަކާތްތެރިވާނެއެވެ. އަދި މި މައުލޫމާތު އެއްކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ވާހަކަދައްކައި އުޅޭ ބަސްތަކުގެ ތެރެއިން 16 ބަހެއް ބޭނުންކުރާނެއެވެ. މިކަމަށް ގާތްގަނޑަކަށް 11 މަސްދުވަސް ހޭދަވާނެވެ. އަދި އެ ހުރިހާ މައުލޫމާތެއް އެއްކޮށް، ތާވަލްތަކަށް ބަހައި، އާއްމުކުރަން ވެސް އެތަކެއް މަހެއް ހޭދަވާނެއެވެ. 2019 ގައި މުޅި ބޯހިމެނުމުގެ މަސައްކަތައް ޚަރަދުވާނެކަމަށް ބެލެވިފައި އޮތީ 87.5 ބިލިއަން އިންޑިޔާ ރުފިޔާ (ގާތްގަނޑަކަށް 16 ބިލިއަން ދިވެހި ރުފިޔާ) އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން