އޭއެފްޕީ
އޭއެފްޕީ
ނިކަރާގުއާއިން ވަނީ އެގައުމުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލާ 94 މީހެއްގެ ރައްޔިތުކަން ބާޠިލުކޮށް އުވާލައިފައެވެ.

އެ 94 މީހުންގެ ތެރޭގައި ނަން މަޝްހޫރު ލިޔުންތެރީންނާއި، އެކްޓިވިސްޓުންނާއި، ނޫސްވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ހައްގުތަކަށް ވަކާލާތުކުރާ ވިލްމާ ނޫންޔޭޒްއާއި، ސަންދިނިސްތާގެ ކުރީގެ ބާޣީ ކޮމާންޑަރު ލޫއިސް ކައްރިޔޯންއާއި، ނޫސްވެރިޔާ ކަރްލޯސް ފެރްނާންދޯ ޗަމޮއްރޯއާއި، ޝާއިރު ގިއޮކޮންދާ ބެއްލީއާއި، ވާހަކަ ލިޔުންތެރިޔާ އަދި ރައީސް އޮރްތޭގާގެ ކުރީގެ ނާއިބު ރައީސް ސެރްޚިއޯ ރަމީރޭޒް ވެސް ހިމެނެއެވެ.

ނިކަރާގުއާގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން އެގައުމުގެ އިސްތިއުނާފު ކޯޓުގެ ފަނޑިޔާރު އެރްނޭސްތޯ ރޮދްރިގެޒް މެހިޔާ ބުދަ ދުވަހު ވިދާޅުވީ އެ 94 މީހުންނަކީ ގައުމަށް ޣައްދާރުވެފައިވާ ބަޔެއްކަމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި އެމީހުންނަކީ މިހާރު ޝަރީއަތަށް ފިލައިގެން އުޅޭ ބައެއްކަމަށެވެ. އަދި އެމީހުންގެ ގޯތިގެދޮރާއި މުދާތައް އެމީހުން އަތުން ނިގުޅައިގަނެ ރައްޔިތުކަންވެސް ބާތިލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމީހުންގެ މައްޗަށް މިހާތަނަށް އެއްވެސް ޝަރީއަތެއް ހިންގިކަމަކަށް އޭނާ ވިދާޅެއްނުވެއެވެ.

ރައްޔިތުކަން އުވާލައި ޝަރީއަތަށް ފިލައިގެން އުޅޭ ކަމަށް ކަނޑައަޅާފައިވާ 94 މީހުންގެ ތެރެއިން ގިނަ މީހުންނަކީ މީގެ ދެ އަހަރު ރައީސް ދަނިޔެލް އޮރްތޭގާ، ސަރުކާރާ އިދިކޮޅު ފަރާތްތައް ހައްޔަރުކުރައްވަން ފެއްޓެވުމުން ނިކަރާގުއާ ދޫކޮށް ފިލައިގެން ގޮސްފައިވާ މީހުންނެވެ. 94 މީހުންގެ ތެރެއިން މިވަގުތު ނިކަރާގުއާގައި ތިބި މީހުންނާ ދޭތެރޭގައި އަމަލުކުރާނެ ގޮތެއް ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ.

ރައީސް އޮރެތޭގާގެ ސަރުކާރުން މި ފިޔަވަޅެއް އެޅީ ސިޔާސީ ލީޑަރުންނާއި، ފާދިރީންނާއި، ދަރިވަރުންނާއި، އެކްޓިވިސްޓުން ހިމެނޭ 222 ސިޔާސީ ކުށްވެރިޔަކު ޖަލުން މިނިވަންކުރުމަށްފަހު، އެމީހުންގެ ރައްޔިތުކަން ބާތިލުކޮށް، އެމެރިކާގެ މަތިންދާބޯޓަކަށް ލާފައި ގައުމަށް އެނބުރި ނާދެވޭ ގޮތަށް ބޭރުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

މިކަމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ، އެނަލިސްޓުންނާއި، ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ވަނީ ސަރުކާރުން މި އެޅި ފިޔަވަޅާމެދު ކަންބޮޑުވާކަން ހާމަކޮށް އެކަން ކުށްވެރިކޮށްފައެވެ.

އެމެރިކާގެ ޓެމްޕަލް ޔުނިވަރސިޓީގެ ބައިނަލްއަގްވާމީ ގާނޫނުގެ ޕްރޮފެސަރެއް ކަމަށްވާ ޕީޓަރ ސްޕިރޯ އާއި އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުން، އެފަދަ ގޮތަކަށް ބައެއްގެ ރައްޔިތުކަން ގެއްލުވާލުމަކީ، 1961 ވަނަ އަހަރު ނިކަރާގުއާ ހިމެނޭ ގޮތަށް އދ ގެ މެންބަރު ގައުމުތަކުން އަމަލުކުރަމުން އަންނަ މުއާހަދާއާ ކަނޑައެޅިގެން ޚިލާފަށް އަޅާފައިވާ ފިޔަވަޅެކެވެ. އެ މުއާހަދާ ބުނާ ގޮތުން ނަސްލީ ގޮތުންނާއި، ދަރިކޮޅުގެ ގޮތުންނާއި، ދީނީ ގޮތުންނާއި ނުވަތަ ސިޔާސީ ގޮތުން ބަލައިގެން އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ރައްޔިތުކަން ނިގުޅައި ނުގަނެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން