18 އަހަރުނުވާ ކުޑަކުދިން ކައިވެނި ކުރުވުމުގެ މައްސަލައިގައި އިންޑިއާގެ އައްސާމް ސްޓޭޓުން ގާތްގަނޑަކަށް 1،800 އެއްހާ މީހުން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ފުލުހުން މިމީހުން ހައްޔަރުކޮށްފައިވަނީ 18 އަހަރުނުވާ ކުޑަކުދިން ކައިވެނި ކުރުވުމުގެ މައްސަލަ ބޮޑުވަމުންދާކަމަށްބުނެ ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އިންޑިއާގައި ކައިވެނި ކުރަން ގާނޫނީ ގޮތުން ހުއްދަކުރާ އެންމެ ހަގު އުމުރަކީ އަންހެނުންނަށް 18 އަހަރާއި ފިރިހެނުންނަށް 21 އަހަރެވެ. ނަމަވެސް ކުޑަކުދިން މީހުންނާ ދެވުމަކީބއިންޑިއާގެ ބައެއް ހިސާބުތަކުގައި އަދި ހާއްސަކޮށް އާސާމް ސްޓޭޓްގައި އަދިވެސް އާންމުކަމެކެވެ. އިންޑިއާގެ އެންމެ ފަހުގެ ނޭޝަނަލް ފެމިލީ ހެލްތު ސާވޭއިން ދައްކާ ގޮތުގައި އެ ސްޓޭޓްގެ އަންހެނުންގެ ތެރެއިން 31.8 އިންސައްތަ އަންހެނުން ކައިވެނި ކުރަނީ ގާނޫނުގައި ކަނޑައެޅިފައިވާ އުމުރަށްވުރެއް ހަގުކޮށެވެ.

އެގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުމުރަށްވުރެ ހަގުކޮށް، ކުޑަކުދިން ކައިވެނި ކުރުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އާސާމް ސަރުކާރުން މިދިޔަ މަހުގެ ފަހުކޮޅު ނިންމި ނިންމުމާއެކު އެސަރަހައްދުގެ ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި ހާއްސަ އޮޕަރޭޝަނުގެ އެއް މަގުސަދަކީ ޅައުމުރުގައި ކުރާ ކައިވެނިތައް ގިނަވުމާއެކު، ކުޑަކުދިން ބަލިވެ އިނުމުގެ އަދަދު އިތުރުވަމުންދާތީ އެކަން ހައްލުކުރުމެވެ.

މި އޮޕަރޭޝަނުގެ ދަށުން އިއްޔެގެ ނިޔަލަށް 1793 މީހަކު ހައްޔަރުކޮށްފައިވާއިރު އިތުރު ހަފްތާއަކަށް މިމަސައްކަތް ކުރިއަށްދާނެކަމަށް އިންޑިއާގެ އައްސާމް ސްޓޭޓުގެ ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުން މިމައްސަލައިގައި ތުހުމަތު ކުރެވޭ 6000 އެއްހާ މީހަކު ހައްޔަރު ކުރެވޭނެ ކަމަށް ބެލެވެއެވެ.

އދ އިން ލަފާކުރާ ގޮތުގައި އިންޑިއާގައި ކުރާ ގާތްގަނޑަކަށް 223 މިލިއަން ކައިވެނީގައި އަންހެން ކުއްޖާއަށް 18 އަހަރެއް ނުފުރެއެވެ. އެގޮތުން ބައިނަލް އަގުވާމީ ތަފާސް ހިސާބަށް ބަލާއިރު، އިންޑިއާއަކީ އެންމެ ގިނައިން ޅައުމުރުގެ އަންހެން ކުދީން ކައިވެނި ކުރުވާ ގައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން