އެމެރިކާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ފޭސްބުކާއި އިންސްޓަގްރާމް ބޭނުންނުކުރެވޭ ގޮތަށް އޮތްއޮތުން ނިމުމަކަށް ގެނެސް ސަސްޕެންޝަން އުވާލައިފިއެވެ.

ފޭސްބުކާއި އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި، މެޓައިން ބުނީ ދެ އަހަރަށްފަހު ޓްރަމްޕްގެ ސަސްޕެންޝަން ނިމުމަކަށް ގެންނަން ނިންމާފައިވާކަމަށެވެ.

މުއްދަތެއް ނެތް ގޮތަށް ފޭސްބުކާއި އިންސްޓަގްރާމުން ޓްރަމްޕް ސަސްޕެންޑް ކުރަން ނިންމީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހު 6 ވަނަ ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމަށް ޓްރަމްޕް ހިތްވަރު ދެއްވި މައްސަލައިގައެވެ.

މެޓައިން ބުނީ ޓްރަމްޕްގެ އެކައުންޓްތަކަކީ އާންމު މަސްލަހަތަށް އޮތް ބިރެއްކަމަށް މިހާރު ނުބެލެވޭކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ޓްރަމްޕްގެ ފަރާތުން އެކަށީގެންނުވާ އަމަލެއް ފެނިއްޖެނަމަ އޭގެ އަދަބު ވަރަށް ބޮޑުވާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ޖެނުއަރީ 6ގެ ހަމަނުޖެހުންތަކާއި ގުޅިގެން ޓްވިޓާއިންވެސް ވަނީ ޓްރަމްޕް ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ޓްވިޓަރއިން ވަނީ އެ ސަސްޕެންޝަން މިދިޔަ ނޮވެމްބަރުމަހު އުވާލާފައެވެ. ނަމަވެސް މިހާތަނަށް އައިއިރު ޓްރަމްޕް ޓްވިޓަރ އަލުން ބޭނުންކުރަން ފަށާފައެއް ނުވެއެވެ.

ކުރިއަށް އޮތް އެމެރިކާގެ ރިޔާސީގެ އިންތިހާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެކަމަށް އިޢުލާން ކުރަށްވާފައިވާ ޓްރަމްޕަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އަލުން ފުރުސަތު ދޭން ނިންމާފައި މިވަނީ ރިޕަބްލިކަން ޕާޓީގެ މެމްބަރުން އެކަމަށް ވަރަށް ބޮޑަށް ބާރު އަޅަމުންދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން