2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ގުޖުރާތުގައި ހިންގި ގަތުލްއާންމާއި ބެހޭ ޑޮކުމެންޓަރީ އާންމުކުރަން އިންޑިއާއިން ހުރަސް އަޅަމުންދާކަމަށް ބައިނަލްއަގުވާމީ މީޑިއާ ތަކުން ތުހުމަތުކުރަންފަށައިފިއެވެ.

މިތުހުމަތުތައް ކުރަނީ އިންޑިއާގެ ގުޖުރާތުގައި ހިނގި ހަމަނުޖެހުންތަކުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުރާމެދު ސުވާލު އުފައްދާ ބީބީސީއިން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ދެއްކުން ހުއްޓުވުމަށް ބާރުގެ ބޭނުންކުރަމުންދިއުމާއެކުއެވެ.

ގުޖުރާތު ސްޓޭޓުގައި ހިންގި ހަމަނުޖެހުންތަކުގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. މި ހަމަނުޖެހުން ހިނގާދިޔައީ، އަޅުކަމަށް ދިޔަ ހިންދޫން ދަތުރުކުރި ރޭލެއްގައި އަލިފާން ރޯވެ 59 މީހަކު މަރުވި ހާދިސާއަކާއި ގުޅިގެންނެވެ. ގުޖުރާތުގައި ނުރައްކާތެރި ހަމަނުޖެހުންތައް ހިނގި އިރު އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ އޭރު ހުންނެވީ ހުޅަނގުގެ ގުޖުރާތުގެ ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމުގައެވެ.

މިހާދިސާ އާއި ގުޅިގެން ބީބީސީން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ދެއްކުން ހުއްޓުވުމަށް އެމަރޖެންސީ ބާރުތައް ބޭނުންކުރަމުންދާކަމަށް އިންޑިއާއަށް ދަނީ ތުހުމަތުކުރަމުންނެވެ. އެގޮތުން ޑޮކިއުމެންޓްރީގެ ލިންކް އާންމުކުރި 50 އަށް ވުރެ ގިނަ ޓްވީޓް ޑިލީޓްކުރަން ޓްވިޓާއަށް އަމުރު ކުރިއިރު މި ޑޮކުމެންޓަރީ އާއި ބެހޭ އެއްވެސް ވީޑިއޯއެއް ޔޫޓިއުބަށް އަޕްލޯޑް ނުކުރެވޭ ހެން ބްލޮކް ކުރުމަށް ޔޫޓިއުބަށް ވަނީ އަންގާފައެވެ.

މީގެއިތުރުން އިންޑިއާގެ ޕްރިމިއާ ޔުނިވާސިޓީތަކުގެ ތެރެއިން އެއް ޔުނިވާސިޓީގައި އަންގާރަ ދުވަހު ޑޮކިއުމެންޓްރީ ދެއްކުމަށް ހުރަސް އަޅައި ކަރަންޓު ކަނޑާލިކަމަށްވެއެވެ. އަދި ފިލްމު ބަލަން ދިޔަ ދަރިވަރުންނަށް ގަލުން ހަމަލާ ދީފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އިންޑިއާގެ އެހެން ހިސާބުތަކުން ވެސް މިފަދަ ހާދިސާތަޢް ރިޕޯޓްކޮށްފައިވާއިރު، ސަރުކާރުގެ އަމުރަށް ފުރައްސާރަކޮށް އިދިކޮޅު ލީޑަރުންނާއި ނޫސްވެރިންނާއި އެކްޓިވިސްޓުން ދަނީ ބީބީސީގެ ޑޮކިއުމެންޓްރީގެ ލިންކްތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ގުޖުރާތުގައި ހިނގާދިޔަ ހާދިސާއާއި ގުޅޭގޮތުން ބީބީސީއިން އާންމު ކުރި ޑޮކިއުމެންޓްރީގައި ހިމަނާފައިވާ އިނގިރޭސިވިލާތުގެ އިންކުއަރީ ރިޕޯޓުގައި ގުޖުރާތުގައި ހިނގާދިޔަ ހަމަނުޖެހުންތައް ސިފަކޮށްފައިވަނީ "މުސްލިމު ނަސްލު ސާފުކުރުމުގެ މަގްސަދުގައި" ހިންގި "އަނިޔާވެރިކަމުގެ ކެމްޕޭނެއްގެ" ގޮތުގައެވެ. އަދި އެރިޕޯޓުން ވަނީ އެހާދިސާގެ ތުހުމަތު ސީދާ މޯދީއަށްކޮށްފައެވެ. އަދި މުސްލިމުންނަށް އަމާޒުކޮށްގެން ހިންގި އަނިޔާވެރިކަން ހުއްޓުވުމަށް ފުލުހުންގެ މަސައްކަތަށް މޯދީ ހުރަސްއަޅާފައިވާ ކަމަށާއި، ހަމަނުޖެހުން ނުހުއްޓުވުމަށް ވަކިން ހާއްސަކޮށް ކަމާބެހޭ ފަރާތްތަކަށް މޯދީ އެންގެވިކަމަށްވެސް ބައެއް މަސްދަރުތަކާ ހަވާލާދީ ޑޮކިއުމެންޓްރީގައި ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން