ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އޭނާގެ ހޮވުމަކަށްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ކަމަށް ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.

މިއަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން މިހާތަނަށް ޤާސިމް އިބްރާހިމް އިޢުލާނުކުރަށްވާފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މީސް މީޑިއާގައި ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީ އެބޭފުޅުންގެ އެދިވަޑައިގަތުމެއްކަމަށް ހާމަކުރަށްވައި އެކަމަށް ކެމްޕޭންވެސް ކުރަށްވަމުންނެވެ.

އެގޮތުން ފިރާޤުވެސް ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ތިއްބެވި ލީޑަރުންގެ ތެރެއިން ޙަޤީޤީ މާނައިގައި ނުފޫޒެއްނެތި ރައްޔިތުންނަށް ވެރިކަމެއް ކޮށްދެއްވޭނީ ޤާސިމަށް ކަމަށެވެ. އަދި ގިނަ ލީޑަރުންވަނީ އެހެނިހެން ގޮތްގޮތުން ކޮންމެވެސް ނުފޫޒެއްގައި ބަނދެވިފައި ކަމަށް ނުސީދާކޮށް ފިރާޤު ވިދާޅުވެފައިވެއެވެ.

ފިރާޤުގެ ތާޢީދު އޮނަރަބަލް ޤާސިމް އިބްރާހީމަށް އޮތްކަމަށް ހާމަކުރަށްވާފައިވާއިރު ޖޭޕީން ބުނެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅޭ އެޕާޓީގެ ނިންމުންތައް ނިންމާނީ ދެން ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއިން ކަމަށެވެ.

މިސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިވަގުތު އޮތް ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމާމެދު ނިންމާ ނިންމުމަކާއެކު ސިޔާސީ މަންޒަރުވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށް މަސްރަޙު ދިރާސާކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ.

2008 ވަނަ އަހަރުންފެށިގެން މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބު ކޮށްފައިވަނީ ޖޭޕީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ތާޢީދު ކުރެއްވި ކެންޑިޑޭޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން