އަފްޣާނިސްތާނުގެ ޚާރިޖީ ވުޒާރާއަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ނުރައްކާތެރި ހަމަލާއެއްގައި 20 މީހުން މަރުވެއްޖެއެވެ.

މިހަމަލާ ދީފައިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެގައުމުގެ ޚާރިޖީ ވުޒާރާގެ ދޮރުމަތީގައެވެ. މިހަމަލާއާއި ގުޅިގެން އަފްޣާނިސްތާނުގެ ފުލުހުން ބުނީ މިހަމަޅާގައި މަދުވެގެން އާންމުންގެ ފަސް މީހަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް ތާލިބާނުންގެ އެހެން އޮފިޝަލަކު ވަނީ މަރުވި މީހުންގެ އަދަދު 20 އަށް އަރާ ކަމަށް ހާމަކޮށްފައެވެ.

މިހަމަލާ ދިނީ އައިސިސް-ކޭގެ ނަމުން އަފްޣާނިސްތާނުގައި މަޝްހޫރުވެފައިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުން ކަމަށް އެޖަމާއަތުން ހާމަކޮށްފައިވެއެވެ. އެޖަމާއަތުންވަނީ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ޑިޕްލޮމެޓިކް ބައެއް މުވައްޒަފުން ހިމެނޭކަމަށްވެސް ބުނެފައެވެ.

މީގެ ކުރީގެ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ވަފުދެއް ވަނީ ހަމަލާ ދިން ވަގުތު ފޮރިން މިނިސްޓްރީގެ އިމާރާތުގެ ތެރޭގައި އަފްޣާނިސްތާނުގެ އޮފިޝަލުންނާ މަޝްވަރާ ކުރަން ނިންމާފައެވެ. ނަމަވެސް ބޮޑުވަޒީރުގެ އޮފީހުގެ އިސް އޮފިޝަލަކު ވަނީ ހަމަލާ ހިނގާދިޔަ ވަގުތު ބޭރުގެ އެއްވެސް ފަރާތެއް އެމިނިސްޓްރީގައި ނެތްކަން ކަށަވަރުކޮށްދީފައެވެ.

ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނުގައި ތިބޭ ބޭރުގެ ވަފުދުތަކާއި ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަމަލާތަކެއް ދީފައިވެ އެވެ. މިހަމަލާތައް ދެމުންދަނީ އަފްޣާނިސްތާނަށް އަވަށްޓެރި ގައުމުތަކުގެ އިންވެސްޓްމަންޓްތައް ހޯދުމަށް، އެގައުމުގައި ވެރިކަންކުރާ ތާލިބާނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.



އަފްޣާނިސްތާނު ތާލިބާނުންގެ ބާރުގެދަށަށް އައި ފަހުން މިފަދަ ގިނަ ހަމަލާތަކެއް ހިނގާފައިވާއިރު، ގިނައިން ބޮން ގޮއްވާފައިވަނީ އައިސިސް-ކޭ ޖަމާއަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން