އަނިޔާވެރި ގޮތަކަށް އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ ޢުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރު ޤަސްދުގައި މަރާލި ޝާ އަލޮމް މިއާ ދަށުކޯޓުގައިވީ އިޢުތިރާފުން ރުޖޫޢަވެއްޖެއެވެ.

ޝާ އަލޮމް މިއާގެ އިޢުތިރާފުގެ މައްޗަށް ބުރަވެ އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް މަހްމޫދުގެ ހުރިހާ ވާރިސުން ވެސް ކޯޓުގައި ބުނެފައިވާތީ އެވެ.

މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ޙުކުމް ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޤާނޫނުގައި ބަޔާންކޮށްފައިވުމާއެކު ދައުލަތުން ވަނީ ޝާ އަލޮމް މެރުމަށް ކުރި ޙުކުމް ހައިކޯޓަށް ހުށައަޅާފައެވެ.

މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ޝާ އަލޮމް ވަނީ ދަޢުވާއަށް އިންކާރުކޮށް މަޙްމޫދު މަރާލީ އޭނާ ނޫން ކަމަށް ބުނެފައެވެ. އޭގެ އިތުރުން އޭނާ ބުނެފައިވަނީ ދަށުކޯޓު މަރުޙަލާގައި ކުށަށް އިޢުތިރާފް ވެއްޖެނަމަ، ޑީޕޯޓު ކޮށްދޭނެކަމަށް އޭނާގެ ވަކީލާއި ތަރުޖަމާނު ބުނެފައިވާކަމަށެވެ.

ޝާ އަލޮމް އިޢުތިރާފުން ރުޖޫޢަ ވެފައިވާތީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާއަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދީފައެވެ.

ޝާ އަލޮމް މިއާގެ މައްޗަށް ސާބިތުވެފައިވާ ގަސްދުގައި މީހަކު މެރިކަމުގެ ކުށުގައި މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ 27 ގައި ވަނީ ހުކުމްކޮށްފަ އެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފިކަމުގެ ކުށުގައި އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކުރި އެވެ. ނަމަވެސް ބަންދުގައި އެ މުއްދަތަށް ހުރުމުގެ ސަބަބުން އެ އަދަބު ވަނީ ތަންފީޒުކޮށް ނިމިފައެވެ.

މަޙްމޫދު މަރާލާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. މި މައްސަލާގައި ޝާ އަލޮމް މިއާ އެދިފައިވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ލުއިކޮށްދިނުމަށެވެ. ނަމަވެސް މަހްމޫދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައި ވަނީ ޝާ އަލޮމް މިއާއަށް އިއުތިރާފުގެ އެއްބަސްވުމެއް ނުދިނުމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޝާ އަލޮމްގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނާއި ޙަވާލާދީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، ޤާނޫނުލްޢުޤޫބާތާއި ޙަވާލާދީ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.

މިމައްސަލަ އަވަސްނިޔާގެ މައްސަލާގައި ގޮތް ނިންމަވަމުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަހްމަދު ޝަކީލް ވިދާޅުވެފައިވަނީ ޝާ އަލޮމް މިއާގެ އިއުތިރާފް ދަމަހައްޓާފައިވާތީ އެއީ ސައްޙަ އިއުތިރާފެއް ކަމަށް ކަނޑަައަޅާކަމަށެވެ. އެހެންކަމުން ޝާ އަލޮމް މިއާގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ.

ފުލުހުން ޝާ އަލޮމް ހައްޔަރުކޮށްފައިވަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގައި ހުރި އެރަށު ނެދުންގެއިންނެވެ. އޭނާއަކީ އެގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.

މި މައްސަލާގައި ފުލުހުން ބުނެފައިވަނީ މަޙުމޫދު މަރާލީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށެވެ. އޭގެއިތުރުން މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. އަދި މަރާލުމަށްފަހު ބޮލާއި ފައި ގޯންޏަކުން ބަނދެ ފަޅުގޭތެރޭގައި ހުރި ވަޅަށް އެއްލާލީވެސް ޝާ އަލޮމް މިއާ އެކަނި ކަމަށް ފުލުހުން ބުނެއެވެ. އަދި މިކަމުގައި އިތުރު އެއްވެސް މީހެެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މަހުމޫދުގެ ބޮލަށް ބޮޑު ތިން އަނިޔާއެއް ދީފައި ހުރިކަން ފާހަގަވާ ކަމަށެވެ. އަދި ހަށިގަނޑު އެކި ތަންތަނުން 30 އަށްވުރެ ގިނަ ޒަހަމްތައް ފާހަގަ ކުރެވޭ ކަމަށާއި، ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ހަމަލާ ދީފައި ހުރި ކަމަށެވެ. ފުލުހުން ބުނީ ހަމަލާ ދިނުމަށް ފަހު މަރުނުވާހެން ހީވި ކޮންމެ ފަހަރަކު އަނެއްކާވެސް ހަމަލާ ދީފައި ހުރި ކަމަށެވެ.

މަޙްމޫދުގެ މަރާ ގުޅިގެން ފުލުހުން ވަނީ ބިދޭސީ މީހާ އުޅެމުންދިޔަ ގެ ބަލާ ފާސްކޮށް ގިނަ ހެކިތަކެއް ހޯދާފައެވެ. އެގޮތުން މަޙްމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލާގައި އިތުރު މީހަކު ބައިވެރިވެފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން