ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުވެފައި ނުވާތީ ދަޢުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިޢުނާފް ކޮށްފިއެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާކޮށްފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ޙުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ ހުސައިން ޝާމިނާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށާއި އެދައުވާ އެމީހުންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ބައެއްމީހުން ހެކިބަސް ދިނުމަށްފަހު ހެކިބަސް ފަހުން ވަނީ ގެންގޮސްފައެެވެ. އަދި ބައެއް ހެކިވެރިން ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރި ވެސް ވެފައެވެ.

މި މައްސަލައިގައި ދަޢުލަތުން ބުނެފައިވަނީ ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނަދީމް މަރުވެފައިވާކަމަށެވެ.

މި މައްސަލައިގެ ދަޢުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ ކަމަށް ދަޢުވާގައި ވެއެވެ. އަދި ދެން ތިބި ތިން މީހުންނަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ، ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ހުއްޓައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިޔަށް ދިޔަ ކަމަށެވެ. އަދި އެ މީހުން ދިޔައީ ތިން ސައިކަލެއްގައި ކަމަށާއި، އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވަދެ ނަދީމަށް ހަމަލާދީފައި ވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. އަދި މަފާޒާއެކު ޓާމިނިލް ކެފޭ ތެރެއަށް ވަދެ، އޭނާއާއެކު ނިކުމެގެން ގޮސްފައިވަނީ އަލީ ނިފާޒް ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ނަދީމަށް ހަމަލާ ދިނުމަށް ފަހު ތިން ސައިކަލްގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލީކަމަށެވެ. އަދި ޓާމިނަލް ކެފޭއަށް ނަދީމަށް ހަމަލާ ދޭން ވަން މަފާޒާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގައި ކަމަށް ބުނެފައި ވެއެވެ.

މި މައްސަލާގައި ދަޢުވާ އުފުލާފައިވާ ހަތަރު މީހުން ވެސް ވަނީ އެ ދައުވާއަށް އިންކާރު ކޮށްފައެވެ. ނަދީމް މަރާލާފައިވަނީ، ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ދެބަސްވުމުގެ ތެރެއިން ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން