ކޮވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން ޗައިނާއިން އެމެރިކާއަށް ދަތުރު ކުރާ ފަރާތްތަކަށް ހަރުކަށި ގަވާއިދުތަކެއް އެކުލަވާލަން ނިންމާފައިވާކަމަށް އެމެރިކާގެ އިސް އޮފިޝަލުން ފާހަގަކުރައްވައިފިއެވެ.

އެގޮތުން މިފަދަ ގަވާއިދުތަކެއް އެކުލަވާލަން ނިންމާފައިވަނީ ބެއިޖިންއިން "ހާމަކަން ބޮޑުގޮތެއްގައި ޑޭޓާ އާންމުނުކުރުމާމެދު" ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ޗައިނާގައި މިހާރު އިތުރުވަމުންދާ ކޯވިޑް-19 ކޭސްތަކާއި، އެކޭސްތަކުގެ ޖީނޮމިކް ސިކުއެންސް ޑޭޓާ ހިމެނޭ ގޮތަށް މައުލޫމާތު ހާމަނުކުރާތީ ބައިނަލްއަގްވާމީ މުޖުތަމައުގައި ކަންބޮޑުވުންތައް އިތުރުވަމުންދޭ،" އެމެރިކާގެ ކަމާބެހޭ އިދާރާތަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރޮއިޓާސް އިން ދާދި ފަހުން ރިޕޯޓުކޮށްފައިވާގޮތުން، ޗައިނާގެ ކޮވިޑް ކޭސްތައް މައްޗަށް ދާންފެށުމާއިއެކު ޖަޕާނާއި އިންޑިއާ އަދި މެލޭޝިއާ އިން ވެސް ވަނީ ޗައިނާއިން އެގައުމުތަކަށް ދަތުރުކުރާ މީހުންނަށް ގަވާއިދުތައް ވަރުގަދަ ކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.

އެގޮތުން މެލޭޝިޔާގައި ޓްރެކިންގ އަދި ސަރވޭލަންސް ވަރުގަދަ ކުރަން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާއިރު، ޖަޕާނުން ވަނީ ޗައިނާއިން އެގައުމަށް ދަތުރުކުރާ ފަރާތްތަކުން ކޮވިޑް-19 ޓެސްޓެއް ހަދައި ނެގެޓިވް ނަތީޖާއެއް ހުށައަޅަންޖެހޭނެ ކަމަށް ނިންމާފައެވެ.

މީގެއިތުރުން އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ ވަކި ގައުމުތަކަކުން އަންނަ ދަތުރުވެރިން ކޮންމެހެން އާރުޓީ-ޕީސީއާރު ޓެސްޓް ހަދަން ޖެހޭގޮތަށާއި އަދި ބައިނަލްއަގްވާމީ ފަސިންޖަރުންގެ ތެރެއިން ދޭއް އިންސައްތަ މީހުން އިންޑިއާގެ އެއާޕޯޓްތަކުގައި ރެންޑަމް ސާމްޕަލް ޓެސްޓު ކުރުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން