ސްމާޓްފޯން މާގިނައިން ބޭނުންކުރުމުން ކައިވެނިކޮށްގެން އުޅޭ މީހުންގެ ގުޅުމަށް އަސަރުކުރާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިންޑިއާއަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މިދިރާސާ ކޮށްފައިވަނީ އިންޑިއާގެ ބޮޑެތި ބައެއް ސިޓީތަކުގެ ތެރޭގައި ހިމެނޭ ދިއްލީ، މުމްބާއީ، ކޮލްކަތާ އަދި ޗެންނާއީ ފަދަ ސިޓީތަކުގައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ސްމާޓްފޯނު މާގިނައިން ބޭނުންކުރުމަކީ އިންޑިއާގައި ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ ގުޅުމަށް ނޭދެވޭ އަސަރުކުރާކަމެކެވެ.

''ސްމާޓްފޯނާއި އިންސާނީ ގުޅުންތަކަށް ކުރާ އަސަރު 2022'' އާ ބެހޭ ގޮތުން ސައިބަރ މީޑިއާ ރިސާޗާއެކު ވީވޯ އިން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި 67 އިންސައްތަ މީހުން ވަނީ އަނބިންނާއި ފިރިންނާއެކު ވަގުތު ހޭދަކުރަމުން ދަނިކޮށް ވެސް ފޯނު ބޭނުންކުރެވޭ ކަމަށް އިއުތިރާފުވެފައެވެ. އަނެއްކޮޅުން 89 އިންސައްތަ މީހުން ވަނީ އަނބިމީހާއާ އަދި ފިރިމީހާއާއެކު ލޯބިން ވާހަކަ ދައްކާލަން ހޭދަކުރާ ވަގުތު ވަރަށްވެސް މަދު ކަމަށް އިއުތިރާފުވެފައެވެ.

މީގެއިތުރުން ދިރާސާގައި ބައިވެރިވި 88 އިންސައްތަ މީހުން ވަނީ ސްމާޓްފޯނު ބޭނުންކުރުން އިތުރުވުމުން ދެމަފިރިން ދެމެދު އޮންނަ ގުޅުމަށް ނުރަނގަޅު އަސަރުތައް ކުރާކަމަށްވެސް ދިރާސާގައި ބުނެފައެވެ. އެގޮތުން މިދިރާސާގައި ބައިވެރިވި ގިނަ ފަރާތްތަކުން ވަނީ ސްމާޓް ފޯނަށް ދޭވަގުތު ކުޑަކޮށް، ކައިވެންޏަށާއި، އާއިލާއަށް ދޭންވާ ވަގުތު ދިނުން މުހިންމުކަން ފާހަގަކޮށް، މިފަދައިން އަމަލުތައް ބަދަލު ކުރުމަށް ވިސްނާނެކަން ހާމަކޮށްފައެވެ.

މި ދިރާސާއާއި ގުޅިގެން ވީވޯ އިންޑިއާގެ ހެޑް އޮފް ބްރޭންޑް ސްޓްރެޓެޖީ ޔޮގެންދްރާ ސްރީރަމޫލާ ވިދާޅުވީ އަދުގެ ދިރިއުޅުމުގައި ސްމާޓްފޯނުތަކުގެ މުހިންމުކަމާ މެދު އެއްވެސް ޝައްކެއް ނެތް ނަމަވެސް ސްމާޓް ފޯން މާގިނައިން ބޭނުންކުރުމަކީ ސަމާލުވާން ޖެހޭނެ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން