ބްރެޒިލް ކުޅުންތެރިން ދަނޑުމަތީގައި ނެށުމަކީ މައްސަލައެއް ނޫންކަމަށާއި އެކަމާއި ޝަކުވާ ކުރަނީ ތަންދޮރު ނޭނގޭ މީހުންކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންދާއިރު ކޮންމެ މެޗެއްގައިވެސް ގޯލު ޖެހުމަށްފަހު ބްރެޒިލްގެ ކުޅުންތެރިންގެ ފަރާތުން ނެށުމުގެ ހަރަކާތްތަކެއް ދައްކާލައެވެ. މިއީ ބްރެޒިލްގެ ފުޓްބޯޅައިން އަބަދުވެސް ފެންނަ މަންޒަރެކެވެ.

ބްރެޒިލް އެންމެ ފަހުން ކޮރެޔާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އެ މަންޒަރުތައް ފެނިގެންދިޔައެވެ. ނަމަވެސް އެކަމާއި ގުޅިގެން ބައެއް ކުޅިވަރު އެނަލިސްޓުން ވަނީ ފާޑު ކިޔާފައެވެ.

ވޯލްޑް ކަޕްގެ ކުއާޓާރ ފައިނަލުގައި މިރޭ ކްރޮއޭޝިޔާއާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުތުމުގެ ކުރިން ނޫސްވެރިނާއި ވާހަކަދައްކަމުން ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ބްރެޒިލު ކުޅުންތެރިން ނަށާތީ ފާޑު ކިޔަނީ ބްރެޒިލުގެ ތާރީހާއި ސަގާފަތް ނޭނގޭ މީހުންކަމަށެވެ.

ޓީޓޭ ބުނީ ބްރެޒިލު ކުޅުންތެރިން ނަށަނީ ބަޔަކަށް އިހްތިރާމް ކުޑަކުރުމުގެ ގޮތުން ނޫންކަމަށެވެ. އަދި އެއީ ގޯލެއް ޖެހުމަށްފަހު ބްރެޒިލުގައި އުފާ ފާޅުކުރާ ގޮތްކަމަށާއި އެކަން އެ ގޮތުގައި ދެމިއޮންނާނެކަމަށްވެސް ޓީޓޭ ބުންޏެެވެ.

ކޮރެޔާ މެޗުގައި ބްރެޒިލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު ބޭއްވި އުފާ ފާޅުކުރުމުގައި ޓީޓޭވެސް ވަނީ ނަށާފައެވެ.

61 އަހަރުގެ ޓީޓޭ ބުނީ ކުޅުންތެރިންނާއި އޭނާއާ ދެމެދު އޮންނަ ގުޅުން އެކަމުގެ ސަބަބުން ވަރުގަދަވާކަމުގައިވާނަމަ، އަދިވެސް ނަށާނެކަމަށެވެ.

ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި ރާއްޖެ ގަޑިން މިރޭ 8:00 ޖަހާއިރު ކުޅޭ މެޗުގައި ބްރެޒިލް ނިކުންނާނީ ކްރޮއޭޝިޔާއާ ދެކޮޅަށެވެ. އަދި 12:00 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި ނެދަލޭންޑްސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން